ސްޕޯޓްސް ކޯޕަރޭޝަންގެ ސްޕޮންސާޝިޕް ވޯކްޝޮޕަށް އެފްއޭއެމް ޕާޓްނާޝިޕް ހަދައިފި

ސްޕޯޓްސް ކޯޕަރޭޝަނާއި އެފްއޭއެމްއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއެ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މި މަހު ފަށާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕުގެ ޕާޓްނަރަކަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެއްޖެ އެވެ.

"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ދާނީ އަންނަ މަހުގެ 27-28 ގެ ނިޔަލަށެވެ. އަދި ވޯކްޝޮޕް އިންތިޒާމު ކުރާ ސްޕޯޓްސް ކޯޕަރޭޝަނާ އެކު ޕާޓްނާޝިޕް އެއްބަސްވުމުގައި މިއަދު އެފްއޭއެމް އިން ވަނީ ސޮއި ކޮށްފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި އެފްއޭއެމްއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ހާއްސަ ބައްދަލަވުމުގައި އެ އިދާރައިގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ އެމްޑީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ފުޓުބޯޅައަށް ވަރަށް ވެސް ފައިދާކުރުވަނި ކަންތައްތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމަށެވެ. އަދި މިވަގުތު ފުޓުބޯޅައަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަމަކީ ކުލަބުތަކަށް ސްޕޮންސާ ކޮށްދޭނެ ފަރާތްތައް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ،

"އަޅުގަނޑުމެން މި ސީޒަނަށް ބެލިކަމުގައި ވިޔަސް މި ފެންނަނީ މާކެޓިންގްގެ ބައި ވަރަށް ދަށްކޮށް ދާތަން. ނުވަތަ ކުލަބްތައް ވެސް ކުރަންވާވަރަށް މާކެޓް ނުކުރެވޭ ތަން. އެހެންވީމަ ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އަޅުގަނޑުމެން މި އެއްބަސްވީ މާކެޓިންގް ސެމިނާތަކެއް ބޭއްވުމަށް އެބޭފުޅުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަށް،" ބައްސާމް ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި އެފްއޭއެމްއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

މާއްޓޭ ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ ވެސް އެންމެ ބޮޑު މަގުސަދަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން ކަމަށެވެ.

އެގޮތުން މި އަހަރު ތެރޭގައި ތިން ސެމިނާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި މަހު ބާއްވާ ސެމިނާ އަކީ ސްޕޮންސާޝިޕް، މާކެޓިންގްގައި ފުންނާބު އުސްފަރާތެއް ރާއްޖެ އައިސް ބާއްވާ ވޯކްޝޮޕެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާއްޓޭ ވަނީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފަ އެވެ. އަދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މާއްޓޭ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރުއްވާފައެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި އެފްއޭއެމްއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއެ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ފުންނާބު އުސް ކޯޗުންނާއި މެނޭޖަރުން އުފެދެމުން އަންނަ އިރު މި ވޯކްޝޮޕުގެ ސަބަބުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ އެވެ. އަދި އެހެންމެ މި ވޯކްޝޮޕުގައި ކިޔަވައިދޭނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމް އެވެ.

ސިންޓޯ އަކީ ބައިނަލް އަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒުރިޗް އިންސޫރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

comment ކޮމެންޓް