އަތޮޅުތަކުގެ ޓީމުތަކަށް ޚާއްސަކޮށް ބޭއްވި ފޯރިގަދަ ގޯލްޑް ކަޕްގެ ތަށި ބ. އޭދަފުށިން މިރޭ ކާމިޔާބުކޮށްފިއެވެ.
މިރޭ ނުވައެއް ޖެހިއިރު ގަލޮޅު ދަނޑުގައި ފެށި ގޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އޭދަފުށިންނެވެ. އެގޮތުން 39 ވަނަ މިނެޓުގައި ބޮލުން ޖަހައި ފޮނުވާލި ބޯޅައަކުން ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ފާސިރެވެ.
އެ ލަނޑަށް ފަހު އޭދަފުށީގެ ފަރާތުން ބޮޑަށް ފެނުނީ ޑިފެންސަށް ކުޅެމުން ދިޔަ މަންޒަރެވެ.
ދެވަނަ ހާފުގެ ފަހުކޮޅު އައްޑޫ ސިޓީއަށް ނަތީޖާ އެއްވަރު ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން ގިނަ ފުރުސަތުތަކުގައި އޭދަފުށީގެ ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ ދީފައުކޮށްފައެވެ.

އައްޑޫ ސިޓީގެ ސަޕޯޓަރުން: އައްޑޫ ސިޓީގެ ޓީމުން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ފެނުނު --- ފޮޓޯ/ ރައީސް އޮފީސް
އޭދަފުށީގެ ދެވަނަ ގޯލު ޖެހީ، މުހައްމަދު ފާސިރުގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ)، މެޗުގެ 90 ވަނަ މިނިޓުގައެވެ.
ގޯލްޑް ކަޕް މުބާރާތަކީ ގައުމީ ފުޓްބޯޅަ މަޑުޖެހި، ކުޅިވަރަށް އޮތް ޝައުގު ކުޑަވުމާ ގުޅިގެން ސަޕޯޓަރުން އަލުން ދަނޑަށް ވެއްދުމަށް "އަލުން ދަނޑަށް" ޝިއާރުގައި ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި 17 ޓީމެއް ބައިވެރިވެފައިވެއެވެ.
އެ މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިރޭ ލަނޑު ޖަހައިދިން މުހައްމަދު ފާސިރެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ވަޑައިގެންނެވިއެވެ.