ކަރެކްޝަންސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިން ޖަލަށް ލެވޭނެ ގޮތެއް ނެތް

މާފުށީ ޖަލު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް އެ މުއައްސަސާއިން އަންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ދޫނިދޫ ޖަލުގައި އެބަތިބި ކަމަށެވެ. އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރަން ހަވާލުކުރަންޖެހޭ މީހުން ކަމަށާއި އަދި އަށް މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުތަކާ ގުޅިގެން ހަވާލުކުރަންޖެހޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ ކަރެކްޝަންސްގެ ޖަލުތައް ފުރި އެމީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާތީ، އެ އެންމެން ދޫނިދޫ ޖަލުގައި ބައިތިއްބާފައިވާ ކަމަށެވެ.

އެ ގައިދީންގެ ތެރެއިން އަށް މީހަކު އިއްޔެގެވަގުތެއްގައި ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ފިޔަވައި އެންމެން މިއަދުން ފެށިގެން ކާން ފަށާފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް