ނޭކުރެންދޫގައި ޖަލެއް އަޅައި ނިޒާމަށް ބޮޑު ބަދަލެއް ގެންނާނަން: މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

އަންނަ އަހަރު ހދ. ނޭކުރުންދޫގައި ޖަލެއް އަޅަން ފަށަން ނިންމާފައިވާކަމަށާއި އަދި ޖަލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް ކަރެކްޝަންސްއިން ފުލުހުންގެ މުވައްސަސާއަށް ވަނީ އަންގައިފައެވެ. އަދި އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ އެގޮތަށް ކަންތައްވުމަކީ ހޯމް މިނިސްޓްރީންވެސް ބޭނުންވާގޮތެއް ނޫން ކަަމަށެވެ.

އެގޮތަށް ދިމާވަނީ ކަރެކްޝަންސް ސާވިސްގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށާއި މީހުން ބަންދުކޮށްގެން މިވަގުތު ގެންގުޅެވޭނީ 1300 އެއްހާ މީހުން ކަަމަށް އިމްރާން ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކަށް ފާޑުވިދާޅުވި މިނިސްޓަރު ވިދާޅުވީ މީގެ 10 އަހަރާ ބަލާއިރު މިއަހަރުއެކަނިވެސް ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުރިން ބޭނުންނުރެވި ހުރި ޖަލުތަކުގެ ތަންތަނުން 180 ޖާގަ ހެދިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންނަށް އަމާޒުކޮށް ހުޅުމާލޭގަިއ މި އަހަރު އަލަށްވެސް 60 ޖާގައިގެ ތަނެއް ވަނީ ހަދައިފައެވެ.

"ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުތައް ފުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ބަހައްޓާފައި ހުރީ ދޫނިދޫ ޖަލުގައެވެ.

ޖަލުތައް ތޮއްޖެހިފަިއވާތީ އެކަން ހައްލުކުރަން މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ހޯމް މިނިސްޓްރީން ވަނީ މަޝްވަރާތައް ފަށައިފއެވެ.

ޖަލުތައް ފުރިފައިވާތީ ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރުމަށް މަޝްވަރާތައްވެސް ވަނީ ފަށައިފައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރެވިދާނެ ހާލަތުގައި އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުލްއުގޫބާތުގެ 1005 މައްދާއިން ކޯޓަށް ލިބިދީފައިވާ ކަމަށެވެ.

މިހާރު އާންމުކޮށް ޖަލުގެ ގޮތުގައި މާލޭގެ ޖަލާއި ހުޅުމާލޭގެ ޖަލާއި ކ. ހިންމަފުށީ އައްސޭރި ޖަލާއި މާފުށީ ޖަލު ބޭނުންކުރެއެެވެ.

comment ކޮމެންޓް