އާ އަހަރާ އެކު އިންކަމް ޓެކްސް ނަގަން ފަށައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާ އަހަރު ފެށުމާއެކު އިންކަމް ޓެކްސްގެ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ.

މި ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

އިންކަމް ޓެކްސްގެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވެފައިވާއިރު އާމްދަނީ އިން ޓެކްސް ނަގާނީ، މަހެއްގެ މައްޗަށް 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަަތުންނެވެ.

ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް ޖެނުއަރީ އެކަކުން ފެށިގެން ނަގަން ފަށާނެ އެވެ.

ނަމަވެސް, އާންމުފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީއިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެވެ.

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު
    200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު
comment ކޮމެންޓް