ސަރަހައްދީ ބޮޑެތި މުބާރާތްތަކުގައި ރާއްޖޭގެ އެތުލިޓުން އެކި އެކި ކުޅިވަރުތަކުގައި ވާދަކުރާތާ 40 އަކަށް އަހަރުވެފައިވާ އިރު، މި އަހަރަކީ، ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް އެންމެ ކާމިޔާބު އަހަރެވެ.
އެގޮތުން މިއަހަރު ހުރިހާ ކުޅިވަރަކުންވެސް ރާއްޖޭގެ އެތުލީޓުން ވަނީ ޝަރަފުވެރި މެޑަލްތަކެއް ހާސިލުކޮށްފަ އެވެ.

މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމަށްފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// އެމްއޯސީ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެތުލީޓުން ބައިނަލް އަގުވާމީ އެކި އެކި ކުޅިވަރުތަކުގައި ވާދަކޮށް، ޖުމްލަ 46 މެޑަލް ހޯދި އެވެ. އޭގެ ތެރޭގައި ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ވިދާލި އެވެ. އެ ދެ ގޭމްސްގައި އެކަނި ވެސް، 20 މެޑަލް ރާއްޖެ އުފުލައިލި އެވެ. އޭގެ ތެރޭގައި ފަސް ރަން މެޑަލް ވެސް ހިމެނޭ އިރު މިއަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ރަން އަހަރެކެވެ.
އައިއޯއައިޖީއިން ވިދާލީ ދީމާ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ މުބާރާތެއްގައި މެޑައްޔެއް ކަރަށް މަހާލި ފުރަތަމަ މުބާރާތެވެ. އޭގެ ފަހުން އެކި އެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއިން މެޑަލްތައް ހޯދަމުން އައި ނަމަވެސް 2015 ވަނަ އަހަރާ ހަމައަށް އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑައްޔެއް ހޯދިފައެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެފަހަރު 100 މީޓަރު ދުވުމުން ހޯދި ރަން މެޑައްޔަކީ ރާއްޖޭގެ ތާރީހު ބަދަލު ކޮށްލި މެޑައްޔެވެ.
އެފަހަރުގެ ތަޖުރިބާގެ އަލީގައި މިއަހަރު މޮރިޝަސްގައި އޮތް ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ދިޔައީ ބޮޑު އުންމީދެއްގަ އެވެ. ސީދާ 15 މެޑައްޔަށް އަމާޒު ޖަހައިގެން ގޮސް ގޭމްސް ނިންމާފައި އައީ އެ އަދަދު ހަމަކޮށްގެންނެވެ.

ރަފާ އާއި ދީމާ މެޗަކުން މޮޅުވުމަށްފަހު އުފާފާޅު ކުރަނީ: ރަފާއާއި ދީމާގެ ޕެއާއިން ވަނީ އައިއޯއައިޖީގައި ރަން މެޑަލް ހޯދައިފަ --- ފޮޓޯ// އެމްއޯސީ
މޮރިޝަސްގައި މި ފަހަރު ބޭއްވި ގޭމްސްގައި ރާއްޖޭން ވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.
ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިއަކަށް ސާއިދު
ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ވަރުގަދަ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި މިއަހަރު ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ދުނިޔޭގެ ރޭންކިންގްގެ ކުޅުންތެރިންނާ ވާދަކޮށް ފަސް މެޑައްޔެއް ރާއްޖެއިން ހޯދި އިރު އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ މުޅި އެ ގޭމްސްގެ ތާރީހުގައި ވެސް އަލަށް ސާއިދު ރާއްޖެއަށް ހޯދައިދިން ރަން މެޑައްޔެވެ.
އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާ އަދި ޕާކިސްތާން ފަދަ އެތުލެޓިކްސްގައި މުޅި ދުނިޔެއިން ވެސް ނަން މަޝްހޫރު ކުޅުންތެރިން ފަހަތަށް ޖައްސާލައި ސާއިދު ހޯދި ރަން މެޑައްޔާ އެކު އޭނާ ވެގެން ގޮސްފައި ވަނީ 1.7 ބިލިއަން މީހުންގެ ތެރޭގައި ވެސް ހުރި އެންމެ ބާރު ދުވުންތެރިޔާ އަށެވެ.

ކެޕްޝަން..
ރާއްޖެއިން އެ ގޭމްސްގައި ހޯދި އިތުރު ހަތަރު މެޑަލް ހޯދީ އަންހެން ބާސްކެޓް ޓީމާއި އަންހެން ފުޓުބޯޅަ ޓީމު އަދި އަންހެން ޓީޓީ ޓީމު އަދި 200 މީޓަރު ދުވުމުން ސާއިދު އެވެ.
ދަގަނޑޭ އެނބުރި ގައުމީ ޓީމަށް
މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށް ފަހު ގިނަދުވަސްތަކެއް ވަންދެން ޓީމުން ބޭރުގައި ބެހެއްޓުމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަލުން އަނބުރާ ގައުމީ ޓީމަށް ނެގުންވީ އެންމެންގެ ސަމާލުކަން ހުއްޓުނު ހަބަރަކަށެވެ.
ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އުމުރުން 34 އަހަރުގެ ދަގަނޑޭ އަލުން ނެގީ މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށެވެ. ދަގަނޑޭ ޓީމަށް ނުނެގުމާ ބެހޭގޮތުން އެކި ފަހަރު އެކި ގޮތަށް އޭރު ޓީމުގެ ކޯޗަކަށް ހުރި ސެގާޓް ވަނީ ވާހަކަ ދައްކައިފަ އެވެ. ބައެއް ފަހަރު ޓީމަށް ދަގަނޑޭ ނަގާ ވަރަށް ވުރެ އުމުރުން ދޮށިކަމަށް ވެސް ބުނެފައިވެ އެވެ.

އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމު ޕްރެކްޓިސްގައި ބައިވެރިވަނީ --- ފޮޓޯ// އެފްއޭއެމް
މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ފުރުސަތު ނުދޭން ޖެހޭ ޓެކްނިކަލް/ ޓެކްޓިކަލް ސަބަބެއް ނެތް ކަމަށް ބައެއް ތަޖުރިބާކާރުން ދެކެމުން ދިޔަ އިރު އެކަމުގެ ފަހަތުގައި އޮތީ ޒާތީ ސަބަބެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.
އެންމެން ރޮއްވަމުން އިމްރާން ގޯލާ ދުރަށް
ރާއްޖެ ދުއް އެންމެ މޮޅު ގޯލް ކީޕަރު މުހައްމަދު އިމްރާން (އިންމަ) 20 އަހަރުވީ ކުލަގަދަ، ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލުމަކީ ވެސް ނިމިގެން މިދާ އަހަރުގެ ފާހަގަކޮށްލެވޭ ކަމެކެވެ.
ގައުމީ ޓީމަށް 2003، 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެ އިމްރަން ވަނީ 2008 ވަނަ އަހަރު ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އަދި 2003 އާއި 2009 ގައި ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރު ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފައިވާތީ އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.
ނިއުގެ ދަގަނޑޭ(ކ)، ކީޕަރު އިމްރާން(މ) އަދި އޮއްޕޮ(ވ)، އެފްއޭ ކަޕްގެ ތަށްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފައިނަލުގައި ޓީސީ ބަލިކޮށް، ނިއު އިން ވަނީ 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެކަމަކު އޭނާގެ ވަކިވެ ދިޔުން އެއީ، އުނިކަމެކެވެ.
ފުޓްބޯޅައިން ސުމެއް، އެފްއޭމްއަށް ރަތް ކާޑެއް
އަހަރު ނިންމާލަން މިޖެހެނީ، ދިވެހި ފުޓްބޯޅަ ވެއްޓިފައި އޮތް ދަށު ދަރަޖައާ މެދު ލަދުވެތި ވަމުންނެވެ. އެތައް ޓީމެއް ވަނީ ހިންދެމި ނުލެވޭ ވަރަށް ހީނަރުވެފަ އެވެ. ދިވެހި ފުޓްބޯޅަ ލީގަށް މީހުންގެ ޝައުގުވެރިކަން ވަނީ އެކީ ގެއްލިފަ އެވެ. އެފްއޭއެމްގެ މާލީ ހާލަތު ދަށްވެ، އެ އިދާރާ ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮވާލާ އަޑުވަނީ ގަދަވެފަ އެވެ.
އެފްއޭއެމުން އަހަރު ފެށީ 90.4 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮންގްރެސްގައި ފާސްކޮށްގެންނެވެ. އެކަމަކު އަހަރުގެ މެދުތެރެއަށް ދިޔަ އިރު އިދާރާގެ ދަރަނީގެ އަޑު ކޮންމެސް ވަރަކަށް އިވެމުން ގޮސް މިއަދާ ހަމައަށް ދިޔަ އިރު އެތައް ބަޔަކަށް ފައިސާ ނުދޭ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރާއްޖޭގެ ގައުމީ ލީގު އެއްވެސް ޓީވީ އަކުން ނުދައްކަ އެވެ. ލައިވް ކުރާނެ ބަޔަކު ނެތެވެ. ލީގުގެ ބްރޯޑްކާސްޓިންގް ރައިޓް ދިން ވިލާ ޓީވީ (ވީޓީވީ) އަށް ލީގު ފެށުނީން ސުރެއް އެއްވެސް ޕޭމެންޓެއް ނުދައްކާތީ އެ ކުންފުނިން ވެސް ލައިވް ކުރުން ހުއްޓާލީ އެވެ.
އަދި އެހެންމެ ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރުތަކަކަށް އޭސް ޓްރެވަލް މެދުވެރިކޮށް އެފްއޭއެމުން ގަތް އެއާ ޓިކެޓްތަކަށް ލިބެން ޖެހޭ އަށް ލައްކައެއްހާ ރުފިޔާ ނުދީގެން އެ ކުންފުނިން އެފްއޭއެމް ގޮވައިގެން މިހާރު ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ.