"ހުރިހާކަމެއްވެސް ވަނީ ނިމިފައި... އެއްވެސް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ" ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓްގެ ވާހަކަ ކޮޅަކަށްފަހު އާމިރު ފޯނު ބޭއްވިއިރު ވެސް އޭނާގެ މޫނުމަތިން ރުޅިވެރިކަން ފިލާ ގޮތެއް ނުވިއެވެ.
"މިއަދު އެމީހުން ގުޅުމުގެ ބޭނުމަކީ ކޮބާ؟" އާމިރުއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ކުރަން ހުރި މަސައްކަތަށް އަވަސްވެގަތެވެ.
*****
އައިރީން ފަލަކްއާއެކު ކައްކާބައިގައި ހަރަކާތްތެރިވަމުން ދިޔައިރު ރަޒީނާއާއި އެމިލީވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މެންދުރަށް ރަނގަޅު އެއްޗެއް ތައްޔާރުކުރެވޭތޯއެވެ. އަޝްރާ ފެންނާކަށް ނެތެވެ. މަސައްކަތުގައި އުޅެނިކޮށް ޒަލަފް އައިސް ކައްކާ ބަޔަށް ވަދެފައި އަޝްރާގެ ވާހަކަ އަހާލިއެވެ. އޭރު ޒަލަފްގެ މޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ.
"އަޝްރާ ކޮޓަރީގަހެން ހީވަނީ... ކިހިނެތް ހަދައިދޭންވީ ޒެލް؟" ފަލަކް ޒަލަފްއަށް ބަލާލިއެވެ.
"ޖޫސްތައްޓެއް ބޭނުން... ވަރަށް ވަރުބަލި ވާދުވަހެއް" ޒަލަފް އެދުނެވެ.
"ގެންގޮސްދޭންވީތަ ކޮޓަރިއަށް؟" ފަލަކް އަހާލިއެވެ. ޒަލަފް ބޯ ޖަހާލިއެވެ. ފަލަކް ޖޫސް ތައްޔާރުކުރަން ހުއްޓާ އަޝްރާ އައެވެ.
"ޒެލް ރަނގަޅު ހެނެއް ހިޔެއްނުވޭ... ޗެކްއަޕް އަށް ދާ ދުވަހެއް އަދި ކައިރިއެއް ނުވޭތަ؟" ފަލަކް އަހާލިއެވެ.
"ނޫނޭ.... އަންނަ މަހު އެކެއްގަ ދެން ދާންޖެހެނީ... ޒެލް ކައިރީ އެބަ ކިޔަމޭ ތަންކޮޅެއް އަވަހަށް ދާންވެސް... ރޭގައިވެސް ފައި ދުޅަވެފަ ހުރީ..." އަޝްރާގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިލިއެވެ.
"އަޝްރާ. ކަންބޮޑު ނުވޭ... ﷲ ގެ ރަޙްމަތުން ދެރަ ގޮތެއް ނުވާނެ" ފަލަކް ބުނެލިއެވެ. އެ ހުރިހާ އިރު އަޝްރާއާއި ފަލަކްގެ ވާހަކަ އަޑު އަހަން ހުރި އައިރީން ހުރީ ވާނުވާގައެވެ. އެހެންނަނަމަވެސް ޒަލަފްގެ ބައްޔާ ބެހޭގޮތުން އެ ދެމީހުން ކައިރިން އޮޅުން ފިލުވާނެ ހިތްވަރެއް އައިރީންއަކަށް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ހުރީއެވެ.
"ޖޫސްތައްޓެއް ހަދައިދޭން އަޝްރާ ހޯދި... އާ... މިހުރީ..." ފަލަކް ހަދާ ނިންމާލި ޖޫސްތަށި އަޝްރާއަތަށް ދިނެވެ. އަޝްރާ އޭގައި ހިފަމުން ގޭގެ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޑިން އަރައިގެން ގޮސް އޭނާ އެންމެ ފުރަތަމަ ޖެހޭ ކޮޓަރިއަށް ވަނެވެ. އެއީ ޒަލަފް ގެ ކޮޓަރިއެވެ. އޭރު ޒަލަފް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.
"ޒެލް... އަންނަ މަހަށް މަޑު ނުކޮށް ޗެކްއަޕަށް ދާންވީނު..." އަޝްރާ ބުނެލިއެވެ. އަޑުގައިވަނީ ކަންބޮޑުވުމެވެ. އެހެންކަމުން ޒަލަފް ވެސް ދެކޮޅު ހަދާކަށް ނޫޅުނެވެ. އަނެއްކޮޅުން ބައްޕަ ނިޔާވުމަށްފަހު އޭނާއާއި ދޭތެރޭ އެ މަންމަގެ ހިތުގައި އާދަޔާ ހިލާފް ބިރުވެރިކަމެއްވެސް އުފެދިފައިވާނެތާއެވެ. ޒަލަފް ބޯ ޖަހާލިއެވެ. އަޝްރާ ބުނީ އޭނާ އަމްޖަދުއާއި ވާހަކަ ދައްކާނެކަމުގައެވެ.
"އަރާމުކޮށްލާ ދެން... މަންމަ މިދަނީ ތިރިއަށް އިނގޭ" އަޝްރާ ޒަލަފް ހުސްކޮށްލި ޖޫސްތަށީގައި ހިފަމުން ބުނެލިއެވެ. ޒަލަފް ބޯ ޖަހާލިއެވެ.
އަޝްރާގެ ހިތުގައި ބިރުވެރިކަން އިންތިހާ ދަރަޖައަށް ވެއެވެ. ޚާއްސަކޮށް އޭނާގެ ފިރިމީހާ ނިޔާވުމަށްފަހުއެވެ. ޒަލަފް ކިރިޔާ ބަލިވިޔަސް އޭނާގެ ހިތުގައި އެހާ ބިރުވެރިކަން އުފެދެނީ ނިޔާވި ފިރިމީހާ މަތިން ހަނދާންވެފައެވެ.
*****
ޑްރައިވަރަށް ޗުއްޓީ ދީފައި މި ދެތިން ދުވަހު އިޔާން އުޅެނީ ކާރުގައި އެކަންޏެވެ. އިޔާން އޮފީހުން ނުކުމެގެން އައިސް ކާރަށް އަރާ އިންޖީން ސްޓާރޓް ކޮށްލިއެވެ. ޕާރކުކުރާ ޖާގައިން ކާރުނެރެގެން މަގުމައްޗަށް ނުކުތެވެ. އެއަށްފަހު އޭނާ ގެއާ ދިމާލަށް މިސްރާބުޖަހަން ފެށީ އާދައިގެ ދުވެއްޔެއްގައެވެ.
ވަކި ހިސާބަކުން ޓްރެފިކްގައި ޖެހުނީ އެކްސިޑެންޓެއް ހިނގައިގެން އުޅޭތީއެވެ. އޭނާ މަގުގެ ޕޭމެންޓާ ދިމާލަށް އަވަސް ނަޒަރެއްދިނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތް މީހެއްގެ ސަބަބުން ދެލޯ ބޮޑުކޮށްލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އެ ކުއްޖާ އެތަނުގައި މަޑު ކޮށްލައިގެން ހުރެފައި ދެން ހިނގައިގަތީ އިޔާން ދާ ކޮޅު ނޫން އަނެއް ދިމާލަށެވެ. އެ ކުއްޖާ ދާ ދިމާލަށް ފަސް އެނބުރިވެސް އިޔާން ބެލިއެވެ. ދެލޯ މަރާލުމާއެކު އިޔާން ފުންކޮށް ދެތިން ނޭވާލިއެވެ. މީހާގެ ހަށިގަނޑަށް އާދަޔާ ހިލާފް އަސަރުތަކެއް ކުރުވައިފިއެވެ. އިޔާންއަށް ހަމަހޭވެރިކަންވީ ފަހަތުން އިވުނު ބަރުގޮނުގެ އަޑާއެކުގައެވެ. އޭނާ ކުރިމައްޗަށް ބަލާލަމުން އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ވަނީ ދެންމެ އެ ފެނުނު އަންހެން ކުއްޖާއެވެ.
ގެއަށް ގޮސް ކާރު ޕާރކުކޮށްލާފައި ގޭތެރެއަށް ވަދެފައިވެސް އަލުން އަނބުރާ ބޭރަށް ނުކުމެލީ ކޮޓަރީގައިވެސް މިހާރު އޭނާއަށް މިނިވަންކަމެއް ނެތީތީ އެކަމާ ކުދި ކިޔަމުންނެވެ. ނުކުމެގެން ގޮސް ގޭގެ ބިއްދޮށުގައި ހައްދާފައިހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އޭނާ އިށީނެވެ. ވިސްނުމަކަށް ގެއްލިފައި އިން އިޔާންއަށް ސިހުން ލިބުނީ ކުއްލިއަކަށް ދެ މާބެޑު ދޭތެރެއިން ތެދުވި އައިރީން ފެނުމާއެކުގައެވެ. ކުއްލިއަކަށް އެތަނުން މީހަކު ފެނުމުން އިޔާންއަށް ބިރުވެރިކަންވެސް ވެރިވިއެވެ. އޭނާއަށް ބޭއިޙްތިޔާރުގައި މޭގައިވެސް އަތް އަޅާލެވުނެވެ. އައިރީން ހުރީ އޭނާއަށް ފުރަގަސްދީގެން ކަމުން އައިރީންއަށް އޭނާ ނުފެންނާނޭކަން އެނގުނެވެ.
އޭނާ އައިރީންގެ ހަރަކާތްތަކަށް ފާރަވެރިވެ އިންދާ އރުކޮޅަކުން އެ ދިމާލަށް އައި ފަލަކްވެސް އަޅައިގަތެވެ. ފަލަކް ގެ އަތުގައި ބާލިދީއަކާ ފެން އަޅަން ބޭނުންކުރާ ޒާތުގެ ކުރައެއް އޮތެވެ.
"އަނހާ އިޔާން" ފަލަކް އިޔާން އަށް ގޮވާލިއެވެ. އައިރީންވެސް ފަހަތް ބަލާލިއެވެ. އިޔާން އެތަނަށް އައިކަން ވެސް އޭނާއަށް ނޭނގެއެވެ. އޭނާއަށް މާ ބޮޑަށް ކުރަން އިން މަސައްކަތް ތެރެއަށް ވަދެވިފައި އިން ކަމަށްވެސް ވެދާނެއެވެ.
އޭރު ފަތާ ފެންގަނޑު ސާފުކުރަންވެސް ކޮންމެވެސް މީހަކު ހަރަކާތްތެރިވަމުން ދިޔައެވެ.
އިޔާން ތެދުވެގެން ފަލަކް ގާތަށް ހިނގައިގަތެވެ. އައިރީން އިސްޖަހާލިތަން ފެނުނެވެ.
"މަންމާ... ގަސް އިންދަނީތަ؟" އިޔާން އަހާލިއެވެ.
"އާނ... މިއަދު އައިރީން ދިން ޚިޔާލެއް މާ ކަމުގޮށްގެން މިއުޅެނީ.." ފަލަކްބުނެލިއެވެ.އެއަށްފަހު އޭނާ އައިރިންއާއި އެއްބައިވެގެން ވެލި އަޅާފައި ހުރި ޕޮޓްގައި ކުދި ކުދި އޮށްތަކެއް އިންދަން ފެށިއެވެ. ފަލަކް އެކަން ކޮށް ނިމުމާއެކު އައިރީން އެއަށް ފެން އަޅާލިއެވެ. ދެމީހުންގެ މަސައްކަތް ބަލަން ހުރުމުން އިޔާންގެ ހިތުންވެސް ކުޑަ ހިނދުކޮޅަކަށް ދެންމެ ފެނުނު ކުއްޖާ ފޮހެވިގެން ދިޔައެވެ. ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނާގޮސް އުނދޯލީގައި އިށީނެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ފަލަކްއާއި ދެމީހުން މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާއަށް ބެލުނީ ހަމަ އެކަނި އައިރީންގެ ހަރަކާތްތަކަށްކަމެވެ.
*****
އައިރީން މަސައްކަތް ނިންމާލާފައި ތެދުވެ ހިންދެމިލިއިރު ފަލަކްވެސް ފުންނޭވާއެއް ދޫކޮށްލިތަން ފެނުނެވެ. އައިރީން ފަލަކްއަށް ބަލާލާ ހިނިތުންވެލިއެވެ. ބަދަލުގައި ފަލަކްވެސް އައިރީންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ދެމީހުން އެކުގައި ގެއަށް ދާން ހިނގައިގަނެފައި އިޔާންއަށްވެސް ގޮވާލިއެވެ.
*****
އިޔާން މިރޭ ބޭރަށް ދިޔައީ އަނެއްކާވެސް މިއަދު ދިމާވި ކަންތަކާ އޭނާއަށް ވިސްނެން ފެށުނުލެއް ބޮޑުކަމުންނެވެ. ގަޑިން ބާރަޖަހާ ބޮޑުވިއިރުވެސް އިޔާން ގެއަކަށް ނާދެއެވެ. އައިރީން ކޮޓަރީގައި އޮވެ އޮވެ ފޫހިވެގެން ބެލްކަންޏަށް ނުކުމެލިއެވެ. އޭރު އެކެއްޖަހާ ބޮޑުވެއްޖެއެވެ.
އޭނާ ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު އިޔާންއާ މެދު ވިސްނެމުން ދިޔައެވެ. އިޔާންގެ ލޯބި ހޯދުމަށް އޭނާ ކުރާނީވެސް ފަހެ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ނަސީބުގައި އިޔާން ގެ ލޯބި ލިޔެވިފައި ނެތީހެއްޔެވެ؟ އެ ލޯބީގެ އުފާ އޭނާއަށް ލިބުމެއް ނެތީ ހެއްޔެވެ؟
އެހެން ހުއްޓާ އޭނާއަށް ސިހުން ގެނުވީ ފަހަތުން އިވުނު ހުނުމުގެ އަޑެވެ، ފަހަތް އެނބުރި ބަލާލިއިރު އިޔާން ހުރީ ކޮންމެވެސް އަންހެން ކުއްޖެއް ގޮވައިގެންނެވެ. އައިރީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން އޭނާގެ ސިކުނޑީތެރޭ ހައިޖާނުގަނޑެއް އުފެދުނީ އިޔާން އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަށް އޭނާގެ ސިކުނޑިއަށް ގަބޫލުކުރެވިފައި ނެތީތީއެވެ.
އިޔާން އައިރީން އަށް ބަލާލާފައި އެއްމިޔަކަށް ހިނިތުންވެލިއެވެ. އެ އަމަލުގެ ސަބަބުން އައިރީން ހިތުގައި ޖެހޭނޭކަން އެނގި ހުރެއެވެ. އެހެންނަމަވެސް އޭނާއަށްހެވެ. އޭނާ ކަންތައް ކުރާނީ އޭނާއަށް ފެންނަ ގޮތަކަށެވެ. ކައިވެނީގެ ކުރިން އެވާހަކަ އޭނާ އޮންނާނީ އައިރީންއަށް ސީދާ ބަހުން އަންގާފައެވެ. އެހެންކަމުން މިއަދު އައިރީންއަށް އޭނާއާ ދޭތެރޭ އެއްވެސް ޝަކުވާއެއް ކުރުމުގެ ޖާގައެއް ނޯންނާނެއެވެ. އިޔާން އަށް އެނގެއެވެ. އައިރީން އެއްރޭވެސް އޭނާ ނާންނަނީސް ނުނިދައެވެ. މިރޭ އޭނާ ބޭނުންވީ އައިރީން ނޫން އެހެން ކުދިންވެސް އޭނާގެ ހަޔާތުގައި ވާކަން ދައްކާލާށެވެ. އައިރީން އޭނާ ގާތުން ވަރިވާން އެދުމަކީ އޭނާގެ އެންމެ ބޮޑު ބޭނުމެވެ.
އެ ކުއްޖާގެ އަތުގައި ހިފައިގެން އިޔާން ވަނީ ކޮޓަރިއަށެވެ. އައިރީންއަށް ރޮވެން ފެށުމުން އޭނާ އަނގަމަތީގައި އަތް އަޅާލަމުން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެއަށްފަހު އެނދުތީގައި އޮށޯވެ އޮވެ އޭނާ އަމިއްލަ ހާލަށް ޝަކުވާ ކުރަން ފެށިއެވެ.
އިޔާން އެހާ ދަށުދަރަޖައަކަށް އެ ވެއްޓުނީ ކީތްވެހެއްޔެވެ؟ އޭނާ އިޔާންދެކެ ވާ ލޯބީގައި އެއްވެސް އަގެއްނެތީ ހެއްޔެވެ؟ އިޔާން އޭނާ ދެކެ އެހާވެސް ނަފުރަތު ކުރަނީހެއްޔެވެ؟ އިޔާން އާ މެދު އުފެދުނު ޝަކުވާތައް ބަންޑުން ވާން ފެށިއެވެ. އެހެންނަމަވެސް މިއަދު އޭނާގެ ކަރުނައިގެ ބައިވެރިއަކީ ބާލީހެވެ. އެ އަޑު އަހާނެ ބައިވެރިއަކީ ކޮޓަރީގެ ހަތަރުފާރު އެކަންޏެވެ. އެތައް ފަހަރަކު އޭނާއަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުނެވެ.
އައިރީންގެ ގިސްލުމުގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އޭނާ އެ އަޑު ބޭރަށް އިވިދާނެތީ އަނގަމަތީގައި އަތް އަޅާލިއެވެ. ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް އިޚްތިޔާރެއް ނެތި ފައިބަމުން ދިޔައެވެ.
އައިރީންއަށް ނިދުނީވެސް އެފަދަ ހާލެއްގައި އޮއްވައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޔާންއާއި އައިރީންއާ ދެމެދު ވި ބީރައްޓެހި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ފާރު ހައްތަހާ ދިޔައީ ބޯ ވަމުންނެވެ. އިޔާންގެ ފަރާތުން އެރޭ ފެނުނު އަމަލު ޖެހިގެންއައި ހަފްތާގައިވެސް ތަކުރާރުވާން ފެށިއެވެ. އައިރީން ނިންމީ އިޔާން އާ ވާހަކަ ދައްކާށެވެ. މި ގެއަކީ އޭނާ އެކަނި އުޅޭ ގެއެއްނޫނެވެ. އޭނާ އެކަނި އުޅޭނަމަ އޭނާ އިޔާންއާއި ޝަކުވާ ނުކޮށް ވެސް ހުރެވިދާނެއެވެ. އެހެނެއްކަމަކު ގޭ އެންމެން އުޅޭ ތަނަކަށް އެހެން މީހުން ގެންނަން ވެއްޖެއްޔާ އިޔާންގެ އަގު ގޭ އެންމެންގެ ކުރިމަތީގައިވެސް ވެއްޓޭނެއެވެ.
އަނެއްކޮޅުން އޭނާ އުޅޭ ގޮތުން އައިރީން އެއްވެސް އެއްޗެއް ނުބުނާތީ އިޔާން ހުންނަނީ ހައިރާންވެސް ވެފައެވެ. އައިރީން ވާ ކެތްގަދައޭ އޭނާގެ ހިތަށް އަރައެވެ.
އޮފީހުން އައިސް އިޔާން އޭނާގެ ޓައީ އެނދުމަތީގައި ބޭއްވުމަށްފަހު އޭނާގެ ފަހަތުގައި ކަހަލަ ގޮތަކަށް މަޑުކޮށްލައިގެން ހުރި އައިރީންއަށް ބަލާލިއެވެ.
"އެއްޗެކޭ ބުނަން ބޭނުންވީތަ؟" އިޔާން ފަރުވާ ކުޑަ ރާގެއްގައި އަހާލިއެވެ.
"އިޔާން..." އެ އަޑުގައި ވަނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. ވޭނެވެ. އިޔާން އެނބުރި އައިރީންއާއި ދިމާލައް ބަލާލިއެވެ. އައިރީން ތުންފަތުގައި ދަތް އަޅާލަމުން ވަގުތުން އިސްޖަހާލިއެވެ. އިޔާން އައިރީން އާ ދިމާލަށް އަލާލި ފިޔަވަޅާއެކު އައިރީން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު އިޔާންއަށް ހުއްޓުން އެރިއެވެ. އޭނާ އައިރީންއަށް ބަލާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
"އިޔާން... މިގޭގައި އަހަރެން އެކަންޏެއް ނޫނޭ އުޅެނީ... އިޔާންގެ އަމިއްލަ މަންމަ އާ ބައްޕަވެސް އުޅެޔޭ... އިޔާން..." އައިރީން ހުއްޓުން އެރިއެވެ. އޭނާ އެވާހަކަ އިޔާންއާއި ދައްކާނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ. އޭނާ ހީކުރިވަރަށް ވުރެ އުނދަގޫ ކަމަކަށް މިކަން ވެއްޖެއެވެ. އިޔާންގެ ކުރިމައްޗަށް އެރުމުން މީހާއަށް އާދަޔާ ހިލާފް ބަދަލުތަކެއް އަތުވެއްޖެއެވެ. ހާސްވެ ފިނިވެއްޖެއެވެ. ދޫ އޮޅެން ފަށައިފިއެވެ.
"ކީކޭ އައިރީން؟" އިޔާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އިޔާން ގެ ސުވާލާއެކު އައިރީން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނުކުންނަން ހިނގައިގަތުމާއެކު އިޔާން އައިސް އައިރީންގެ އަތުގައި ހިފެހެއްޓިއެވެ. އައިރީން އެ ބުނަން އުޅެނީ ކީކޭކަން އޭނާއަށް އެނގުނު ފަދައެވެ.
"ކަމެއްނުވޭ.. އިޔާން... މަންމަ... މަންމަ އެބަ ހޯދާ އަހަރެން..." އައިރީންއަށް ބުނެވުނެވެ.
"މަންމަ ތިރީގައި ހުރެގެން އައިރީން ހޯދާކަން މިތާ ހުރެފައި ވެސް އައިރީންއަށް އެނގޭތަ؟" އިޔާން އަހާލިއެވެ. އައިރީން އިޔާންގެ އަތް ފޮޅުވާލާފައި އެ ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ. އިޔާން އަނެއްކާވެސް ދޫކޮށްލީ ފުން ނޭވާއެކެވެ.
*****
އެ ހަފްތާ ތެރޭގައި ޒަލަފް ރާއްޖޭން ބޭރަށް ފުރުމުން އަނެއްކާވެސް ގޭތެރެއަށް ހަމަހިމޭންކަމެއް އަތުވެއްޖެއެވެ. ޒަލަފް އާއެކު އަޝްރާވެސް ދިޔައެވެ. އިޔާންވެސް ގިނަ ވަގުތު އުޅެނީ ބޭރުގައެވެ. ގޭ މީހުންނަށް ހީވެފައި އޮންނަނީ އިޔާން އޮފީހުގެ މަސައްކަތުގައި ބިޒީ ވީމައާވެސް އެކީ ގޭން ފެންނަލެއް މަދީކަމުގައެވެ.
އައިރީން އެންމެ ކަންބޮޑުވަނީ އިޔާން އުޅޭ ގޮތުގެ ހިލަމެއް ގޭ މީހަކަށް ވެދާނެތީއެވެ. ބައެއްފަހަރު އިޔާން ނުވިސްނާ ވަރަށް އޭނާ ވިސްނުމުގެ ބޭނުމަކީ ކޮބައިބާއޭވެސް ހިތަށް އަރައެވެ. އެހެންނަމަވެސް އޭނާގެ ބަސްނާހާ ހިތަށް އެއްވެސް ކަހަލަ ބާރެއް މިހާރަކު އޭނާއަކަށް ނުފޯރުވެއެވެ. އިޔާން އެހެންކަންތައް ކުރާއިރު އޭނާގެ ހިތުގައި އިޔާންއަށްޓަކާ ލޯބި ވާތީވެސް އޭނާ އެކަމާ ހައިރާން ވެއެވެ.
ރޭގަނޑެކެވެ. ސޯފާގައި ނިދިފައި އޮތް އައިރީންއަށް ދެބަދޭތެރެއިން ހޭލެވުނީ ކޮޓަރީގެ ދޮރު ލައްޕާލި އަޑާއެކުގައެވެ. އެހެންނަމަވެސް އޭނާގެ އެސްފިޔަތަކަށް ބަރުވެފައި ހުރުމާއެކު އަނެއްކާވެސް ނިދީގެ އާލަމަށް ގެނބުނީއެވެ. އިޔާން ވަދެފައި ލައިޓް ޖައްސާލިއެވެ. އެއާއެކު ސޯފާގައި ނިދިފައި އޮތް އައިރީން އޭނާގެ ލޮލުގައި އަޅައިގަތެވެ. އިޔާން ފާހާނާއަށް ވަދެ ފެންވަރާ ހަދާލައިގެން ނުކުމެ ޑްރެސިން ޓޭބަލްއާއި ގާތްވެލިތަނާ އައިރީން ކުކުރާލިހެން ހީވިއެވެ. އޭނާ މަޑުކޮށްލީ ދެވަނަ ފަހަރު ވެސް އެ އަޑު އިވޭތޯއެވެ. ދެވަނަ ފަހަރުވެސް އެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އޭނާ މަޑު ފިޔަވަޅުތަކެއްގައި އައިރީންއާ ގާތަށް މިސްރާބުޖެހިއެވެ. ސޯފާ ކައިރީގައި އިށީނދެލާ އޭނާ އައިރީން އަށް ގޮވާލިއެވެ.
"ޑޭޑް... ނުދޭ... ޑޭޑް..." އައިރީން ބުނަމުން ދިޔައެވެ. ކުއްލިއަކަށް އައިރީން އިޔާންގެ އަތުގައި ހިފެއްޓުމާއެކު އިޔާންއަށް އެއަތަށް ބަލާލެވުނެވެ. އައިރީންގެ ފިނިވެފައިވާ އަތަށް ބަލަހައްޓައިގެން އިން އިޔާން އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭނާ އައިރީންއަށް އަނެއްކާވެސް ގޮވާލިއެވެ. އިޔާންގެ އަތަށް އައިރީން ބާރުކޮށްލީ ނިދާފައި އޮވެގެންނެވެ. ހީވަނީ ބިރުވެރި ހުވަފެނެއް ތެރޭގައި އުޅޭ ހެންނެވެ.
"އައިރީން... ހޭލަބަލަ... ހުފަފެނެކޭ ތިއީ... އައިރީން" އިޔާން އައިރީންއަށް ގޮވާލިއެވެ. އެހެންނަމަވެސް އައިރީން ހޭލާ ގޮތެއްނުވިއެވެ. އިޔާން އޭނާގެ އަނެއް އަތް ގެނެސް އައިރީންގެ އަތް އޭނާގެ އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ. އިސާހިތަކު އައިރީން މަޑު މަޑުން ހަމައަކަށް އެޅެން ފެށިއެވެ. އައިރީން ހަމައަކަށް އެޅުމާއެކު އިޔާން ލައިޓް ނިއްވާލާފައި ގޮސް އޮށޯތެވެ.
އައިރީންއަށް ހޭލެވުނީ މިރޭވެސް ފަތިސްނަމާދު ވަގުތަށެވެ. އިޔާން އަށް ގޮވުމުން މިރޭވެސް ހޭލާ ގޮތެއްނުވިއެވެ. ޑްރެސިން ޓޭބަލްގެ އެއްފަރާތުގައި ހުރި ދޮރުފޮތިތައް ކަހާލާ އެ ދޮރު ހުޅުވާލާފައި އައިރީން ބޭރަށް ނުކުތެވެ. ފުދޭވަރަކަށް ތަނަވަސް ބެލްކަންޏެކެވެ. އެ ބެލްކަނީގެ އެއްފަރާތުގައި ތިރިއަށް ފޭބެން ސިޑިއެއް އިން އިރު އެ ސިޑިން ފޭބެނީ ގޭގެއްތްއަރިމައްޗަށެވެ. އޭނާ އެ ސިޑިން ފައިބައިގެން ސްވިމިން ޕޫލާ ދިމާލަށް މިސްރާބުޖެހިއެވެ. ބެންޗެއްގައި އިށީނދެގެން އިން އައިރީންގެ ހިޔާލުގައި ވަނީ އިޔާންއެވެ. އޭނާ އިޔާންއަށް ވިސްނައިދޭނީ ކިހިނަކުންހެއްޔެވެ؟.
"އައިރީން؟" އައިރީން ސިހުނީ ޒައުރާގެ އަޑާއެކުގައެވެ.
"ލައްބަ މާމަ" އައިރީން ހިނިތުންވެލިއެވެ.
"ކޮބާ އިޔާން؟" މިތާ ކީ ކުރަނީ އެކަނިމާ އެކަނި؟" ޒައުރާ އަހާލިއެވެ.
"އިޔާން ކޮޓަރީގަ. ހިނގަމުން ހިނގަމުން ދެން މިއާދެވުނީ" އައިރީން ޖަވާބުދިނެވެ.
"ދަރިފުޅު މިހާރު ވަރަށް މާޔޫސްވެފަ ހުންނަހެން މާމަ އަށް ހީވޭ؟ އަނެއްކާ ހިންހަމަ ނުޖެހޭ ކަމެއްވަނީތަ؟ މިގޭ މީހެއްގެ ފަރަތުންތަ؟ ނޫނީ އަނެއްކާ އިޔާން އާއި ދެކުދިން ދެމެދު މައްސަލައެއް އުޅެނީތަ؟" ޒައުރާ ސުވާލުކޮށްލިއެވެ.
"ނޫނޭ މާމާ... އިޔާންވެސް ވަރަށް ރަނގަޅު...ވެދާނެ ބައްޕަ މަތިން މާ ބޮޑަށް ހަނދާންވާތީ ކަމަށް މިދުވަސްކޮޅު" އައިރީން ޖަވާބު ދިނީ ވަރަށް ހަމަޖެހިލާފައެވެ.
"މާމަ މެން އެންމެން ވެސް މިތިބީ ދަރިފުޅާއި އެކީގައެއް ނޫންތަ؟ ކަމަކާ ހާސްވަންޏާ އެ ވާހަކަ ހިއްސާކުރަންވާނެ އިނގޭ..." ޒައުރާ އައިރީންގެ ބޮލުގައި ފިރުމާލިއެވެ. އައިރީން ހިނިތުންވުން ފުޅާކޮށްލިއެވެ. ދެމީހުން އެކުގައި ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
*****
ޒަލަފް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުމާއެކު އަޝްރާ ކަންބޮޑުވިއެވެ. އޭނާ ޒަލަފް ގާތުން ދުރަށް ވެސް ނުދެއެވެ.
"މަންމާ... އައި އެމް އޯކޭ އޭ... މީ އެވަރު ކަމެއް ނޫނެއްނު... " ޒަލަފް ބުނެލިއެވެ. އަޝްރާ ޒަލަފްއަށް ލޯ އަޅާލިއެވެ.
"ޒަލަފްއަށް ބޮޑުކަމެއް ނޫނަސް މަންމައަށް ވަރަށް ބޮޑުކަމެކޭ ތީ... ޒަލަފްއަށް ނޭނގޭތަ ބައްޕަ..." އަޝްރާ ހުއްޓާލިއެވެ. ތުންފަތުގައި ދަތް އަޅާލިއެވެ.
"އޯކޭ ސޮރީ މަންމާ...." ޒަލަފްމާފަށް އެދުނެވެ.
"ދެން ހީލަބަލަ" ޒަލަފް އެދުނެވެ. އެމީހުން ބޭނުންވީ ޒަލަފް ދެ ދުވަހު އެމީހުންގެ އޮބްޒަވޭޝަންގައި ބާއްވާށެވެ. އެއަށްފަހު ދޫކޮށްލާށެވެ. ޒަލަފްގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. ސުމާގެ މެސެޖެކެވެ. މިވީ ދުވަސްތަކުގައިވެސް އޭނާއާއި ސުމާއާއި ދެމެދު ބަރާބަރަށް ވާހަކަ ދެކެވެއެވެ. އެގުޅުން އެކުވެރިކަމަށްވުރެ ކުރިއަރައިފިކަމުގައި ޒަލަފްއަށް ގަބޫލުކުރެވުނެވެ. އަބަދާ އަބަދު ދެމީހުންގެ ހާލުބަލައެވެ. އެހެންނަމަވެސް ޒަލަފް އޭނާގެ ހާލަތު ސުމާއަށް ސިއްރުކުރިއެވެ.
(ނުނިމޭ...)