ސަރުކާރުގެ ވަޒީރުންގެ މަސައްކަތްތައް ރަނގަޅު ކަމަށާއި އެ ބޭފުޅުންނަށް އިތުބާރު އެބަ އޮތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ރޭ ވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ހުރިހާ ވަޒީރުންނަށްވެސް އިތުބާރު އެބަ އޮތް ކަަމަށެވެ.
"ވަޒީރުންނާ މެދު ސަރުކާރުގެ ފުރިހަމަ ކޮންފިޑެންސް އެބަ އޮތް. ރައީސްގެވެސް ފުރިހަމަ ކޮންފިޑެންސް ހުރިހާ ވަޒީރުންނާ މެދު އެބަ އޮތް. އަދި އެ ބޭފުޅުންގެ މަސައްކަތްތައްވެސް ރަނގަޅު ކަމަށް ފާހަގަކުރަން،" ހޫދު ވިދާޅުވި އެވެ.
ހޫދު މިއަދު ވިދާޅުވީ، މަޖިލީހަކީ މިހާރު ރަބަދު ތައްގަނޑު ޖަހާ ތަނެއް ނޫން ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ މަޖިލީހުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މި އަހަރު އެކަނި ވެސް މަޖިލީހުން 27 ފަހަރަކު މިނިސްޓަރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރޭ މެމްބަރު ހަލީމް "ސަން"އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓަރު ޒާހިރު ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެގޮތުން، ހަރުކަށި ފިކުރާ ދެކޮޅު ޝައިހުންނަށް މިނިސްޓަރު ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް މިނިސްޓަރު މި ރާއްޖޭގައި ހަރުކަށި ފިކުރު ޕްރޮމޯޓު ކުރައްވާ ކަމަށް އަޅުގަނޑަށް ފެންނަނީ. އެކަން ކުރައްވާތީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭތޯ މިއުޅެނީ. މިއީ ޕާޓީގެ ސްޓޭންޑެއް ނޫން. ސަރުކާރުގެ ސްޓޭންޑެއް ވެސް ނޫން. މިއީ ބިލެއްދޫ ދާއިރާގެ މެމްބަރުގެ ސްޓޭންޑު،" ދޮންބިލެތް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުޅުވުމުން ވީ އެންމެ އަވަހަކަށް މިނިސްޓަރު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.