މި ނިމިގެންދާ 2019 ވަނަ އަހަރަކީ ވެގެންގޮސްފައި ވަނީ ކާމިޔާބު އަހަރަކަށް ކަމަށް މިއަދު ސަރުކާރުން ބުނެފި އެވެ.
މިި އަހަރު ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، 2019 ވަނަ އަހަރަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ސަރުކާރަށް ކާމިޔާބު އަހަރެއް ކަމަށެވެ.
"މި ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަ މުހިންމު މަސައްކަތްތަކެއް ފަށާފައި. އަދި އެ މަސައްކަތްތަކުން އެދެވޭ ނަތީޖާތަކެއްވެސް ވަނީ ނެރެވިފައި،" ހޫދު ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި ސަރުކާރަށް ހާސިލު ކުރެވުނު ކަމަށް ސަރުކާރުން ގަބޫލު ކުރާ ބައެއް ކަންކަން ހޫދު ފާހަގަކުރެއްވި އެވެ.
- ހިލޭ ޑިގްރީގެ ދަށުން ގާތްގަނޑަކަށް 5000 ދަރިވަރުންގެ ކޯސްފީ ދައްކާފައިވޭ
- 122 ސްކޫލެއްގައި ގާތްގަނޑަކަށް 55،000 ކުދިންނަށް ހެނދުނުގެ ނާސްތާ ދަނީ ދެމުން
- 91 ރަށެއްގައި 118 މަޝްރޫއެއް ފެށުން
- ސްޓޫޑެންޓް ލޯނު ލިިބޭ ގޮތް ލުއިކޮށް، ކުރިއަށް ވުރެ ގިނަ ކުރުން
- މެޓާނިޓީ ލީވްއަށް ހަ މަސް އަދި ޕެޓާނިޓީ ލީވްއަށް އެއް މަސް ދިނުން
- ކުދި ވިޔަފާރިތަކަށް އެހީވާން އެސްއެމްއީ ބޭންކެއް ހެދުން
- އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުން
- ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރަން، ކުރިން ކައުންސިލުތަކުން ހިިފެހެއްޓުނު ބާރުތައް އިއާދަ ކުރުން
- ކައުންސިލުތަކަށް ދެވޭ ބަޖެޓު ބޮޑު ކުރުން
- ކުށް ކުރުން މަދު ކުރުން
- ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ ހަމަޖެހުން ގެނެވުން
- ކޯޓުތަކަށް މިނިވަންކަން ގެނައުން
ހޫދު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކަށް މިހާރު ސަރުކާރުން އަތް ނުބާނާ ކަމަށެވެ. އަދި މަޖިލީހަކީ މިހާރު ރަބަރު ތަތްގަނޑު ޖަހާ ތަނެއް ނޫން ކަމަށެވެ. މި އަހަރު އެކަނި މަޖިލީހުން 27 ފަހަރަކު މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މުއައްސަސާތައް އެބަ ހިނގާ މިހާރު. ސަރުކާރުން އެ މުއައްސާސާތަކަށް އަތް ބާނައެއް ނަހަދާ. މަޖިލިސް އެބަ ހިނގާ. މިހާރު އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަކޮށްލާނަން މަޖިލީހުން މަޖިލީހުގެ ޖަވާބުދާރީ ފަންކްޝަން ފުރިހަމައަށް އަދާ ކުރައްވާ. މީގެ ކުރިން ވަޒީރުން ހާޒިރު ނުވާ ވަރަށް އަޅުގަނޑުމެންގެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީފަ،" ހޫދު ވިދާޅުވި އެވެ.
"އަންނަ އަހަރު މިއަށް ވުރެ ބޮޑެތި ކަންކަމާ ކުރިމަތިލާނެ"
ހޫދު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބެޖެޓަކީ ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރާނެ ބަޖެޓު ކަމަށެވެ.
ތައުލީމީ ދާއިރާއިން ހިލޭ ޑިގްރީއަށާއި، ސްޓޫޑެންޓު ލޯނުތަކަށާއި، ސްކޮލަޝިޕް ސްކީމްތަކަށާއި، ސްކޫލުތަކާއި ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރަން ހިންގޭ ޕްރޮގްރާމުތަކަށް ބަޖެޓުން ހަރަދު ކުރާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
ސިއްހީ ދާއިރާއިން ބެޖެޓުގައި އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމް ކުރާ ހޮސްޕިޓަލުތަކަށް ކަމަށް ހޫދު ވިދާޅުވި އެވެ. އެ ހޮސްޕިޓަލުތަކުން އަތޮޅު ތެރޭގައި ސީޓީ ސްކޭން، ނިއޯނޭޓަލް އައިސީޔޫގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޮޕަރޭޝަން ތިއެޓަރުތަކާއި ލެބޯޓަރީތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އަދި އާންމުކޮށް މިޖެހޭ ބަލިތަކަށް ފަރުވާ ހޯދުމުގެ ކަންތައްތައް ރައްޔިތުން މާލެ ނައިސް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ހޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރާ ކުރިމަތިލާނީ މި އަހަރު ކުރިމަތިލި ކަންކަމަށް ވުރެ ބޮޑެތި ކަންކަން ހާސިލު ކުރަން ކަމަށެވެ.