ހަތިޔާރާއެކު ސިފައިން ނިކުތް ސަބަބު ހާމަކުރަން ޕީޕީއެމް، ޕީއެންސީން ގޮވާލައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ--- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް، ހަތިޔާރާއެކު ނިކުންނަން ޖެހުނު ސަބަބު ހާމަކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީ އިން ގޮވާލައިފި އެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ހަތިޔާރާއެކު ސިފައިން މަގުމައްޗަށް ނިކުންނަން ޖެހޭ ވަރުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު އެއީ ކޮންކަމަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

"މިފަދަ ގޮތަކަށް ހަރަކާތްތެރިވުމަކީ މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް. އެހެންވީމަ މި އޮޕަރޭޝަން ހިންގަން ޖެހުނީ ކޮން ބޭނުމެއްގައި ކީއްވެގެން ކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލަން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިންގެ އެ އޮޕަރޭޝަނަށް ދެކޮޅު ހައްދަނީ ނޫން ކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކޮންމެ ކަމެއްގައި ވެސް ޕީޕީއެމް އަދި ޕީއެންސީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް މަތިކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވާން ފެށީ މިރޭ 7:00 ގަ އެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނުގައި އެއީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސީދާ ވަކި ސަބަބެއް ބަޔާންކޮށްފައި ނުވެ އެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވެދާނެ ކަމަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ނެރޭ އެލާޓެކެވެ.

comment ކޮމެންޓް