ގާސިމް މަރާލި "ގާތިލު"ގެ ވަނަވަރު އާންމުވެއްޖެ

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލައިނސްއަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ކަން ހާމަ ވެއްޖެ އެވެ.

ހުޅުމާލޭގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި އެ ގަތުލާ ގުޅިގެން ފުލުހުން އަދުހަމް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފަ އެވެ. އެ އަމުރު ވަނީ "ސަން"އަށް ލިބިފަ އެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ، މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ، ކަން ހިނގި ގޮތް އަދުހަމް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭނާ ގާސިމް މަރާލި ކަމަށް އިއުތިރާފުގެ ބަޔާނުގައި ސޮއި ވެސް ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އޭނާ ކުރި ކުށުގެ ބާވަތުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެތީވެ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށް ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ނެރުއްވި އަމުރުގައި ބުނެފައިވެ އެވެ.

ހިންނަވަރުން ވާހަކަ ދެއްކި ބައެއް މީހުން "ސަން"އަށް ބުނި ގޮތުގައި އަދުހަމް އަކީ އައްޑޫ ސިޓީއަށް ނިސްބަވާ ޒުވާނެއް ކަމަށާއި ނަމަވެސް ފަހުން އޭނާގެ މަންމަ ހިންނަވަރު މީހަކާ އިނދެގެން އެރަށަށް ހިޖުރަ ކުރީ ކަމަށެވެ. އަދި ބޮޑުހިޔާގެއަކީ އަދުހަމްގެ ދޮން ބައްޕަގެ ގެ ކަމަށް އެ މީހުން ބުނެ އެވެ. ކުޑަ އިރުއްސުރެ ވެސް އެކި އެކި ކުށްތަކުގައި ފުލުސް އޮފީހަށް ވެސް އޭނާ ހާޒިރުކުރެ އެވެ. ގްރޭޭޑް އަށަކަށް ފަހު، އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް އެރަށު މީހުން ބުނެ އެވެ.

ގާސިމްގެ ގާތިލުގެ ނަން ހާމަ ނުކޮށް، މިދިޔަ ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުރާސްފަތި ދުވަހު ހައްޔަރު ކުރީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އޭނާ އިއުތިރާފުވެ، އޭނާ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ.

ގާސިމް ގަތުލުކޮށްލި ވަގުތު އޭނާ ލައިގެން ހުރި ފޭރާން ވެސް ގާސިމް މަރާލި ސަރަހައްދުގެ ކައިރި ހިއްސާބެއްގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި މައްސަލާގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ މަރުގެ ތަހުގީގުގެ އިތުރު ތަފްސީލް ހާމަކުރުމަށް މި ހަފްތާ ތެރޭ ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަނިޔާވެރި ގޮތަކަށް ގާސިމަށް ހަމަލާދީފައި އޮއްވައި ފެނިފައި ވަނީ، އޭނާގެ ކާރާ މާ ދުރު ނޫން ހިސާބެއްގައި މަގުމައްޗަށް ވެއްޓިފައި އޮއްވަ އެވެ. އޭރު ގާސިމްގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރުވީ، ހޮސްޕިޓަލަށް ގެންދިޔުމަށް ފަހުގައި ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ކަށަވަރެއް ނޫންނެވެ. މަރު ކަށަވަރުކޮށްފައި ވަނީ ހޮސްޕިޓަލަށް ގެންދެވުނުތާ 30 މިނުޓެއްހާ ފަހުން ކަމަށް އޭރު ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

comment ކޮމެންޓް