ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ފަހު ވަގުތު ރޮބާޓޯ ފިރްމީނޯ ޖެހި ގޯލާ އެކު ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ އުރުގުއޭގެ މޮންޓަރޭއާއި ލިވަޕޫލް ބައްދަލު ކުރި ވާދަވެރި މެޗު ނިމުނީ 1-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައިގެންނެވެ. އެ މޮޅާ އެކު އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލަމެންގޯއާ ދެކޮޅަށެވެ. ފްލަމެންގޯ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އޭޝިއާގެ ޗެމްޕިއަން ސައޫދީ އަރަބިއާގެ އަލް ހިލާލް ބަލިކުރުމަށް ފަހު އެވެ.
ލިވަޕޫލުން ރޭގެ މެޗު ފެށީ އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންތަކެއް ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ސިއްހީ މައްސަލައަކާ ގުޅިގެން ޓީމުގެ އެންމެ އިތުބާރު ހުރި ޑިފެންޑަރު ވާގިލް ވެންޑައިކް ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު އޭނަ ނެތްތަން ފޫބެއްދީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އަދި އެހެންމެ ލިވަޕޫލުފެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ ސާޑިއޯ މާނޭއާއި ފިރްމީނިއޯ ވެސް ކުޅެން ނެރުނީ ފަހު ހާފުގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ ވަނީ ލިވަޕޫލަށް ލީޑުނެގި އިރު މޮންޓަރޭ އިން ވަނީ ރައްދުގައި އޭގެ ދެ މިނެޓް ފަހުން ފުނޭސް މޯރީގެ ގޯލުން އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގައި މޮންޓަރޭއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މޮންޓަރޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލުން ގޯލު ޖަހައި ލީޑު ނެގުމެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ފިރްމީނިއޯ އެވެ.
އަންނަ ހޮނިހިރު ދުވަހު އެ މުބާރާތުގެ ފައިނަލް ކުޅޭ އިރު ލިވަޕޫލަށް މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އެންމެ ފަހުން ތިން އަހަރު ވެސް މުބާރާތް ކާމިޔާބު ކުރީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.