ޔޫއޭއީ އެމްބަސީ އަޅަން ހުޅުމާލެ އިން ބިން ދޫކޮށްފި

ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޔޫއޭއީ އަށް ބިން ދޫކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ އެޅުމަށް ބިން ދޫކޮށްފި އެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ގައުމުތަކެއްގައިވެސް އެކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރަނީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެ ހޯދުމަށެވެ. މީގެ އިތުރުން ިރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވާއިރު ޖާގައިގެ ދަތިކަން ކުރިމަތިވަނެތީ ހުޅުމާލޭގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމް ކުރަން ނިންމީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ޑިޕްލޮމެޓިކް އެންކްލޭވްގެ ސަބަބުން ލުއި ލިބޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ ''ރެސިޕްރޯސިޓީ'' އުސޫލުންނެވެ.

މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފަ އެވެ.

comment ކޮމެންޓް