ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން، އެ ތަނުގައި ދިރިއުޅެމުން އަންނަ ރައްޔިތަކު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިރޭ ދަންނަވައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން، އެންމެ ފުރަތަމަ އެ ފްލެޓްތައް ހަވާލުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ވާހަކަދައްކައިފައެވެ.
މި ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.
އޭނާ ބުނީ 4،000 ފްލެޓްގެ އެގްރިމަންޓް ދިންއިރުގައި، އެ ތަންތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅައިފައިވަނީ ސެކިއުރިޓީ ޑިޕޮސިޓާއެކު 8،000 ރުފިޔާ ކަމަށާއި ޑައުންޕޭމަންޓް ދައްކަން ނުވެސް ޖެހޭ ކަމަށެވެ.
"ނަމަވެސް ހިތާމައާއެކު ނަންގަންނަނީ މި ސަރުކާރުން 25،000 ރުފިޔާ ޑައުންޕޭމަންޓުގެ ގޮތުގައި ނަންގަވާ ކުލި، ސެކިއުރިޓީ ޑިޕޮސިޓާއެކު 10،500 ރުފިޔާއަށް ބޮޑުކޮށްފައިވާކަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ އުންމީދަކީ ކުލި ކުޑަކޮށްދެއްވުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، އޭނާ މަސައްކަތްކުރީ ޔޫނިއަން ހަދައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުންނާއި، އެ ސްކީމްގެ ދަށުން ފުލެޓަށް ޝަރުތުހަމަވި 9،000 މީހުންގެ ހައްގުގައި ކަމަށެވެ.
އަދި އޭނާގެ އެދުމަކީ މީގެ ކުރިން ސްކީމްތަކަށް ލާފައިވާ ނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހި ފްލެޓް ލިބޭގޮތަށް ވުން ކަމަށެވެ.
"އަޅުގަނޑު އެދެނީ މީގެކުރިން ސްކީމްތަކަށް ލާފަ ތިއްބެވި ބޭފުޅުންނަށް ފުލެޓު، އިތުރު ލިއުންތައް ހުށަނާޅައި ލިބޭނެ ގޮތަށް، ކުރީ ސަރުކާރުން ނިންމާފައޮތް 9،000 ބޭފުޅުންނަށްވެސް އެ ހައްގު ހޯދައިދެއްވުމަށް،" އޭނާ ބުންޏެވެ.
އޭނާއަކީ އޭނާއަށް 4،000 ފުލެޓުގެ ތެރެއިން ލިބެންވާ ފުލެޓު ހޯދަން ނިކުތް މީހެއް ކަމަށާއި، އޭނާއާ އެކު ނިކުތް މީހަކަށް ފުލެޓު ނުލިބޭނެ ކަމަކަށް ވެސް ލިއުމެއް ނުލިބޭ ކަމަށެވެ.
އެކަމަކު ހައުސިން މިނިސްޓްރީން ހައްގު ހިފަހައްޓާފައިވާ ކަމަށް ބުނެ، އެއްވެސް ރައްޔިތެއްގެ ހައްގަށް އަރައިނުގަތުމަށް މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު އަރިހު އެދިވަޑައިގެންނެވުމަށް ރައީސް އަރިހު އެ މީހާ އެދުނެވެ.
މި ސަރުކާރުން ވެސް ވަނީ ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރަން އުސޫލު ނެރެފައެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވަމަކީ ކޮންމެ ސަރުކާރެއްގައި ވެސް ބޯހިޔާވަހިކަމަށް އެދި އަލުންބަލުން ފޯމުތައް ފުރައި، އިދާރާތަކަށް ހުށަހަޅަން ޖެހުމެވެ.