ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން ދިރިތިބީ 81 މީހުން ކަމަށާއި އޭގެ ތެރެއިން 73 މީހުންނަކީ، އަންހެނުންނާއި ކުޑަކުދިން ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފިއެވެ.
ރާއްޖޭގެ ހުރިހާ ރަށްތައް ތަމްސީލުވާ ގޮތަށް ކުރޮސް ރޯޑުގައި މިއަދު ބޭއްވި ކައުންސިލަރުންގެ "ވިއަވެތި ރާއްޖެ'' ކޮންފެރެންސްގައި އެންސީޓީސީ އިން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ދައްކާފަ އެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހުށަހެޅި އެ ޕްރެސެންޓޭޝަން، ހުށަހަޅައި ދެއްވަމުން ފުލުހުންގެ ފަރާތުން މުހައްމަދު ޔަމާނީ ޖައުފަރު ވިދާޅުވީ، ސީރިއާގެ ހަނގުރާމައަށް މިހާތަނަށް ގޮސްފައިވަނީ 173 ދިވެހިން ކަމަށެެވެ. އޭގެ ތެރޭގައި 53 ޕަސެންޓަކީ ފިރިހެނުން ކަމަށާއި 26 ޕަސަންޓަކީ އަންހެނުން އަދި 26 ޕަސަންޓަކީ ކުޑަކުދިން ކަމަށް ޔަމާނީ ވިދާޅުވި އެވެ.
ޔަމާނީ ވިދާޅުވި ގޮތުގައި ހަނގުރާމައަށް ދިޔަ ދިވެހި ފިރިހެނުންގެ ތެރެއިން މިހާރު ދިރިތިބީ 9 ޕަސަންޓު މީހުންނެވެ. އަދި 91 ޕަސަންޓަކީ، އަންހެނުންނާ ކުޑަ ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ސީރިއާ އަށް ދިޔަ ގިނަ މީހުންގެ ތެރެއިން ގިނަ ބަޔަކީ ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް ޔަމާނީ ވިދާޅުވިއެވެ. އެގޮތުން 52 ޕަސަންޓް މީހުންނަކީ، ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުށުގެ ރިކޯޑު އޮތް މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ގޭންގްތަކަށް ނިސްބަތް ނުވާ މީހުން ކަމަށްވެސް ޔަމާނީ ފާހަގަ ކުރެއްވިއެވެ. ކުށުގެ ރިކޯޑު އޮތް މީހުންގެ ތެރެއިން، ގޭންގްތަކަށް ނިސްބަތް ވަނީ، 39 ޕަސަންޓު މީހުންނެވެ.
ޔަމާނީގެ ޕްރެސެންޓޭޝަންގައި އޭނާ ވަނީ، ހަނގުރާމައަށް ދިވެހިން ދާ ސަބަބަށްވެސް އަލިއަޅުވާލަފައެވެ. އެގޮތުން ހަރުކަށި ފިކުރުގެ މީހުން ބޭރުގައި ހިންގާ ދާހިލީ ހަނގުރާމަތަކައް ދަނީ، އެއީ ދީނުގައި ވާޖިބެއްކަމަށް ދެކިގެން ކަމަށާއި، އަދި އެމީހުން އަމިއްލައަށް ޖިހާދު ފަރުޟު ވެއްޖެ ކަމަށް ނިންމާކަމަށެވެ. އޭގެ އިތުރުން ކުފުރުގެ ބިމަކުން އިމާންވެފައިވާ ބިމަކަށް ހިޖުރަކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އެފަދަ މީހުން ދެކޭ ކަމަށް ޔަމާނީ ވިދާޅުވި އެވެ. އެ ފިކުރު ކުރިއަރާ ދާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ދީނީ އިލްމުވެރިންނަށް އެކަށީގެންވާ ރައްދެއް ނުދެވޭތީ ކަމަށްވެސް ޔަމާނީ ވިދާޅުވިއެވެ.
ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް 250 މީހުންނަށް އެކަން ނާކާމިޔާބުވީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.