ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނިއު ދިއްލީގައި ބޭއްވުނު "ކޮމްބެޓިން ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫއިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގެންފިއެވެ.
ފުލުހުން ބުނީ މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓާ ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނު ކަމަށް ވެސް ހުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ދެ ދުވަހަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކާތަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި ކޮންފަރެންސްގައި އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާގެ އިތުރުން ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ޑެޕިއުޓީ ކޮމިޝަނާ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ސްޓްރެޓެޖީގެ މަގުސަދަކީ އާންމު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ކަމަށާއި މި ކޮންފަރެންސްގައި ބައިވެރިން މަޝްވަރާކުރެއްވީ އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ލެވެލްތަކުގައި ހަރުދަނާ މަސައްކަތްތަކެއް މިހާރު ކުރެވެމުން ދާކަމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.