އިޔާންގެ އަމަލުތަކުން ސިހިފައި ހުރި އައިރީންއަށް ޒަލަފް ފެނުމާއެކު ހަމަހޭވެރިކަން ވެރިވެ، އަނެއްފަރާތަށް އެނބުރިއްޖެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލެވޭތޯ އައިރީން މަސައްކަތް ކުރިއެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ދެން އެނބުރި ޒަލަފްއަށް ބަލާލިއިރު އޭނާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
***
"މިފަހަރުވެސް ބުނާނީ އިޔާން އެއްވެސް ކަމެއް ނުކުރެއޭތަ؟" ޒަލަފް އައިސް ރެއިލިންގައި އަތް އަޅުވާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު އައިރީންވެސް ދުރު ބަލާލިއެވެ. އިތުރު އެއްޗެއް ނުބުނުމުން ޒަލަފްވެސް އިތުރަށް އައިރީންއާ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެން އޭނާ އެވާހަކަ ދައްކާނީ އިޔާންއާއެވެ. އެކަމަކު އިޔާން އެ ހުރީ އޭނާ ދޭ ނަސޭހަތެއްވެސް އަޑު އަހާ ހިސާބެއްގައެއް ނޫނެވެ. އައިރީންއާ މެދު އޭނާ އެދަނީ ނަފްރަތުގެ ހުޅު ރޯކުރަމުންނެވެ.
ކައިވެނީގެ ކަންތައްތައް އޮތް ގޮތަކާ ބެހޭގޮތުން ޒަލަފްއައިރީން އާއި ސުވާލުކުރިއެވެ.
"ކައިވެނި ކޮންމެ ކުއްޖަކަށްވެސް ހާއްސަ ވާނެއެއްނޫންތަ؟ މި ޒަމާނުގަ ގިނަ އަންހެން ކުދިން ބޭނުންވާނީ ވަރަށް ބޮޑުކޮށް ކައިވެނީގެ ހަފްލާ ބާއްވަން؟ ކީއްވެ އައިރީން އެހެން ބޭނުންނުވަނީ؟" ޒަލަފް ސުވާލުކޮށްލިއެވެ.
"ބޮޑު ޕާރޓީއެއް ބޭއްވުމަކީ އެއް އިރެއްގައިވެސް ބޭނުންވި ކަމެއް ނޫން... އަނެއްކޮޅުން އަހަރެން އެހާ ގަޔާވާ ކަމެއް ނޫން އެއީ މާ ގޮތްބޮޑުކޮށް ކަންތައްތައް ކުރަން" އައިރީން ޖަވާބުދިނެވެ.
"ދޮންބެ ދައްތައަށް ވިސްނޭ... ހެހެ" ޒަލަފް ހިނިގަނޑެއް ޖަހާލިއެވެ. ދެމީހުން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ.
***
ކައިވެނީގެ ދުވަސްވެސް ހީކުރި ވަރަށްވުރެ އަވަހަށް އައިސް ޖެހިއްޖެއެވެ. ގާޒީ ކައިވެނިކޮށްދޭން އަންނަން އޮތް ގަޑިއަކީ އަށެއްޖަހާއިރުއެވެ. އެހެންކަމުން ގޭތެރެވެސް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.
ރަންކީ ދުވަހުވެސް ނާންނަހާ ރުޅި މިރޭ އިޔާން ގާތަށް އައެވެ. އޭނާ ކޮޓަރީގައި ހުރެ ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލިއެވެ. ގޭގައި ކައިވެނި ކުރެވުނުނަމަވެސް އޭނާ ވެސް ހުރީ ވަރަށް ރީތިވެގެންނެވެ. އެގޮތުން ހުދުކުލައިގެ ގަމީހަކާއެކު ރަތްކުލައިގެ ޓައީއެއް އަޅާލާފައިވުމުން ނުހަނު ގުޅެއެވެ. ލާފައިވާ ކަޅުކުލައިގެ ސޫޓްއާއެކު ކަޅު ކުލައިގެ ފަޓްލޫނެއްގެ އިތުރުން އަރާފައިވަނީ ކަޅުކަން ގަދަ އޮފް ބޫޓަކަށެވެ. އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ގާތުގައި ޒަލަފް ހުއްޓެވެ. ޒަލަފް ލާފައި ހުރީ ކަޅުކުލައިގެ ގަމީހެކެވެ. ބެގީ ކޮށްފައިވާއިރު އަޅާފައިވަނީ ހުދު ކުލައިގެ ޓައީއެކެވެ.
"ހޭންޑް ސަމް އިނގޭ... ދެން ރުޅި މަޑުކޮށްފަ އައިރީން އާއެކީ ރީތި ލައިފް އެއް އުޅެން މަސައްކަތް ކުރާނީ އޭ ބްރޯ" ޒަލަފް ބުނެލިއެވެ. އިޔާން ޒަލަފްއަށް ބަލާލިއެވެ.
"ޒަލަފް... އެނގެއެއްނު..." ވަކި ހިސާބަކަށް ބުނެފައި އިޔާން ހުއްޓާލިއެވެ.
"ދޮންބޭ! ހުރިހާ ކަމެއް އެނގޭތީއޭ މިހެން މި ބުނަނީ... ދޮންބެ ދައްތަ އަކީ ދޮންބެގެ މުސްތަޤްބަލް...ބަލައްޗޭ! އެކީ އުޅެން ފެށީމަ ދޮންބެ އަށް ލޯބިވެސް ވެވޭނެ... އެޓްލީސްޓް ޓްރައި ކުރެވޭނެ އެއްނު... ނޫޅެވުނީމަ ދެން އިތުރު ގޮތެއް ވިސްނާނީ... މިރޭ އަންނަ މެހެމާނުންގެ ކުރިމަތީގައި ތި ރުޅި މޫނު ނުދައްކާ ހުންނައްޗޭ!" ޒަލަފް އިޔާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އިޔާން ފުންނޭވާއެއް ލިޔެވެ. ޒަލަފްއަށް ބަލާލަމުން އޭނާ ބޯ ޖަހާލިއެވެ.
"އަހަރެން ދުވަހަކުވެސް އައިރީން ދެކެ ލޯތްބެއް ނުވާނަން" އިޔާން ހިތާ ހިތުން ކިޔާލިއެވެ.
އަޝްރާއާއި ފަލަކްވެސް ތިބީ ރަތްކުލައިގެ ދިގު ހެދުމެއްގައެވެ. ކަޅު ކުލައިގެ ޝޯލްއެއް އަޅާފައިވުމުން ވަރަށް ހިތްގައިމު ގޮތެއް ހުއްޓެވެ. އައިރީންވެސް ލާފައި ހުރީ ރަތް ކުލައިގެ ހެދުމެކެވެ. މޭމަތީގައި ވަނީ ވިދާ ފޮތިގަނޑެކެވެ. ހެދުމުގެ އުނގަނޑާ ހިސާބުން ވިދާ ޒާތުގެ ހުދުކުލައިގެ ބަންދެއް ހަރުކޮށްފައި ވާއިރު ހެދުމުގެ ފަސްބައި ނަގާފައިވަނީ ވަށްތިރިކޮށެވެ. އަޅާފައިވަނީ ރަތާއި ކަޅުކުލަ އެކުލެވޭ ވިދާ ޒާތުގެ ބުރުގާއެކެވެ. ބޮލުގެ އެއް އަރިމަތީގައި ހުދުކުލައިގެ މާގަނޑެއް ޖަހާލާފައި ވާއިރު ވަރަށް ހިތްގައިމެވެ. އާއްމުގޮތެއްގައި އެއްވެސް މޭކަޕެއް ނުކުރާ އައިރީން ލުއި މޭކަޕެއް ކޮށްފައިވާއިރު އެ މޫނުގެ ހިތްގައިމުކަން ދެގުނަ ކޮށްދެއެވެ.
އިޔާން ރީތިވެގެން ތިރިއަށް ފޭބިއިރު ބައްޕަ އާމިރުއާއި ކާފަ އަމްޖަދުގެ އިތުރުން މާމަ ޒައުރާ ވެސް ހުއްޓެވެ. އިޔާން އައިސް ހުއްޓުމާއެކު އާމިރު އިޔާން ގާތަށް ޖެހިލިއެވެ. އެއާއެކު ޒަލަފް ދުރަށްޖެހިލީ އެ ދެމީހުންނަށް އެކަނި ވާހަކަ ދައްކާލުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައެވެ.
"ދަރިފުޅާ... ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެއް... ހަޔާތުގައި ވަރަށް ބައިވަރު ކަންތައްތައް ދިމާވާނެ... މައްސަލަވެސް ޖެހޭނެ... ހައްލުކުރަން މަސައްކަތްވެސް ކުރަންވާނެ... ޖެހޭ ކޮންމެ މައްސަލައަކާއެކު ވަރިއަކީ އޮތް ހައްލެއް ނޫން... އެކަކު އަނެކަކުގެ ހާލަތު ރަނގަޅަށް ވަޒަން ކުރަން ޖެހޭނެ... އެއްވެސް ދަތުރަކީ އޮމާން ދަތުރެއް ނޫން... އެ ދަތުރު އޮމާން ކުރަން މަސައްކަތް ކުރަން ޖެހޭނީ ވިސްނުންތެރިކަމާއެކު ކުރިމަތިލައިގެން..." އާމިރު އޭނާގެ ދަރިފުޅަށް ވިސްނައިދޭން ވާހަކަދެއްކިއެވެ. އެމީހުންނަކީ ގިނަ ތަޖުރިބާ ލިބިފައިތިބި މީހުންނަށްވުމާއެކު ދަރިންނަށް ވިސްނައިދިނުމަކީ އޭނާގެ ވާޖިބެއްކަމުގައި އޭނާ ދެކެއެވެ.
އާމިރުގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރިނަމަވެސް އެ ވާހަކަތަކާ އިޔާން މާ ޝައުގުވެރިއެއް ނުވެއެވެ. އާމިރު ވެސް އަމްޖަދު ކައިރިއަށް ޖެހިލީ އިޔާންގެ ކޮނޑުގައި އަތް ޖަހާލާފައެވެ. ޒަލަފް އައިސް އިޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ލޮލުން ސިޑިއާ ދިމާލަށް އިޝާރާތް ކޮށްލިއެވެ.
އިޔާން އެ ދިމާލަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އައިރީން ފެނިފައި އެހެން ދިމާލަކަށް ބަލައިލަން ނުކުޅެދުނެވެ. އައިރީން މިރޭ ހަޤީގަތުގައިވެސް ވަރަށް ރީއްޗެވެ. ހިތާހިތުން އެ ރީތިކަމަށް ތަޢުރީފްވެސް ކުރެވުނެވެ.
"ހޯ ހޯ... ދޮންބެ ދައްތަފެނިފަ އެހާ އަވަހަށް އާޝޯހު ވަންޏާ އަދި ފަހުން ކިހާވަރެއް ވާނެބާ؟ އޭތް. ދޮންބޭ..." ޒަލަފް އިޔާންގެ މޫނާ ދިމާލުގައި އަތް ހޫރާލިއެވެ.
އޭނ... ކީކޭ؟" އިޔާން އަށް ސިހިފައި ބުނެވުނެވެ.
"ސާބަހޭ... ކިހިނެއްތަ ތި ވަނީ ދޮންބެ ދައްތަ ފެނިފަ... އަހަންނަށް ހީވަނީ..."
"ޒަލަފް... އެކަހަލަ ކަމެއް ނޫނޭ... މަޑުން ހުރެބަލަ" އިޔާން ލޯ އަޅާލިއެވެ. އައިރީން އައިސް އިޔާން ގާތުގައި މަޑުކޮށްލިއެވެ. މާގިނަ އިރެއްނުވެ ގާޒީވެސް އަތުވެއްޖެއެވެ. ގާޒީއަށްފަހު އިޔާން އާއި އައިރީން އަދި ދެ ހެކިވެރިންވެސް މޭޒު ދޮށުގައި އިށީނެވެ. މެހެމާނުންވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އާއިލާގެ މީހުންކަމުން އެ އެކުވެރިކަން ވަރަށް ބޮޑަށް މުޅި އެ މާހައުލުން ފެންނަމުން ދިޔައެވެ.
ކައިވެނި ކުރެވޭ މޭޒުގައި ވަނީ ރަތްކުލައިގެ ފޮތިގަނޑެއް އަޅާލެވިފައެވެ. މޭޒުގެ ދެފަރާތުގައި ހުދު ކުލައިގެ މާތަކެއް ވާޒް އަކަށް ޖަހާލާފައި ބެހެއްޓިފައިވެއެވެ. ވަށްކަޅިން އިޔާންއަށް ބަލާލި އައިރީންގެ މޫނުމަތިން ލަދުވެތިކަން ފެންނަމުންދިޔައެވެ. އެއާއެކުއެކީ އޭނާގެ ހިތްވެސް ދިޔައީ އެހާ ބާރުމިނުގައި ތެޅެމުންނެވެ. މިރެއަށްފަހު އޭނާވެސް ވެގެންދާނީ މީހެއްގެ އަންބަކަށެވެ. ދެރައީ މި ދުވަސް ދެކެން ބައްޕަ ނެތްކަމެވެ.
ކައިވެނީގެ ޚުތުބާ ވެސް ލައިދެވިއްޖެއެވެ. ގާޒީ އިޔާންއަށް ބަލާލާފައި ސުވާލުކޮށްލިއެވެ.
"އަނބި ގަބޫލުކޮށްފިންތަ؟" ގާޒީގެ ސުވާލާއެކު އިޔާންއަށް ހިންދިރުވާލެވުނެވެ. އެވަގުތު ނޫނެކޭ ބުނަން ކިތަންމެ ބޭނުންވިނަމަވެސް ދުލުގައި ތަޅެއް ލެވިފައި އިންފަދައެވެ.
ދެވަނަ ފަހަރު ސުވާލު ތަކުރާރު ކޮށްލުމާއެކު އޭނާ އައިރީންއަށް ބަލާލިއެވެ. އައިރީން އިނީ އިސްޖަހައިގެންނެވެ. ލީ ފުންނޭވާއާއެކު އިޔާން ޖަވާބު ދިނެވެ.
"އަނބި ގަބޫލުކޮށްފިން" އިޔާންގެ އަޑު އައިރީންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އިސްއުފުލާލެވުނެވެ. އިޔާންއަށް ބަލާލިއިރު އިޔާންގެ ނަޒަރު ހުރީ ދުރަށެވެ. އޭނާ ތުންފަތުގައި ދަތް އަޅާލާފައި އިސްޖަހާލިއެވެ. އިޔާންގެ މޫނުމަތިން އޭނާއަށް ސިފަވަމުން ދިޔައީ އަދިވެސް ނުރުހުމެވެ. އެހެންވެ ހާސްވެސް ވިއެވެ. އެކައިވެނި ކުރެވުމަކީ އަނެއްކާ ހެދުނު ގޯހެއް ބާއޭ ކުއްލިއަކަށް ހިތަށް އެރިއެވެ. ދެވަނަ ސިކުންތު އޭނާގެ ބައްޕަގެ ބަސްތައް މަތިން ހަނދާން ވުމާއެކު އަމިއްލައަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ އަށް މިކުރެވުނީ ހަމަ ރަނގަޅު ކަމެކެވެ.
އައިރީންއަށް ބަލަހައްޓައިގެން އިޔާން އިރުކޮޅަކު އިނެވެ. އައިރީންގެ ނަޒަރު އޭނާއާ ސީދާ ވާގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ވެސް ފަހުން އަޅައެއްނުލިއެވެ.
ކައިވެނީގެ ކަންތަކަށްފަހު ގާޒީވެސް ސައި ބައްލަވައިގަނެފައި އިރުކޮޅަކު އާމިރުމެންނާ ވާހަކަ ދައްކާލަން ހުރެފައި ދިޔައެވެ. އާއިލާގެ މީހުންވެސް ކެއުމަށް އިންސާފުކުރަން ފެށިއެވެ. އިޔާން އާއި އައިރީންއާއި ދެމީހުން އެމީހުން ތިބެން ހަމަޖެހިފައި ތިބި ގޮނޑީގައި އިށީނުމާއެކު ފޮޓޯ ގްރާފަރު އައިސް ފޮޓޯނަގަން ފެށިއެވެ. އާއިލާގެ މީހުންގެ ތެރެއިން ފަހަރަކު މީހަކު އައިސް އެ އަލަތު ދެމަފިރިންނާއެކު ފޮޓޯ ނެގިއެވެ. އެ ފޮޓޯ ތަކަކީ އަބަދަށް ރައްކާތެރިކުރެވިގެންދާނޭ ފޮޓޯ ތަކަކަށް ވާނެއެވެ.
އިޔާން ގާތުގައި އިން އައިރީން އޭނާގެ ދެއަތް ދެއަތާ މޮޑެން ފެށީ ހިތް ނުތަނަވަސް ވީވަރުންނެވެ. އެތަން ފެނި ޒަލަފް ކޮންމެވެސް ނުލަފާ ކަމެއް ކޮށްލަން ހިތަށްއެރިއެވެ. އޭނާ ފޮޓޯ ގްރާފަރ ކައިރިއަށް ޖެހިލާ ކެމެރާ އަތުލިއެވެ. އެއަށްފަހު ދެން އޭނާ އަވަސްވެގަތީ އިޔާންއާއި އައިރީންގެ ފޮޓޯ ނެގުމަށެވެ.
"ދެމީހުން ހާދަ ދުރަކުއޭ ތިތިބީ... ދޮންބެ ކުޑަކޮށް ދޮންބެ ދައްތައާ ކައިރިވެލަބަލަ" ޒަލަފް އެދުނެވެ. އެއާއެކު އެތަނުގައި ތިބި ދެބެންގެ ދެދަރި ކުދިންކޮޅުވެސް އެކަމާ ތާއީދުކުރިއެވެ. ކުދި ވެރިން ސަކަރާތް ޖަހަން ބައިތިއްބާފައި ބޮޑެތި މީހުން ދުރަށް ޖެހިލިއެވެ.
"ދޮންބޭ... ތެދުވެބަލަ" ޒަލަފް އިޔާން ގާތަށް އައިސް ބުނެލިއެވެ. އިޔާން ތެދުވުމާއެކު އޭނާ ދެން ބަލާލީ އައިރީންއަށެވެ. އައިރީން ވެސް ތެދުވިއެވެ.
"ދެމީހުން ދެން ކައިރިވެލަބަލަ" އެކަކު އަނެކަކާ ކުރިމަތި ވާގޮތަކަށް ބައި ތިއްބާފައި ޒަލަފް އެދުނެވެ.
"ޒެލް" އިޔާން އެއްޗެއް ބުނަން އުޅުނެވެ.
"ދޮންބެ ދެން އެހާ ލަދު ގަންނަ އެއްޗެއް ނޫނޭ... ދޯ ސެމް" ދެބެންގެ ދެ ދަރި ކުއްޖެއް ކަމަށްވާ ސަމާއިލް އަށް ބަލާލާފައި ޒަލަފް ބުނެލިއެވެ.
ޒަލަފް އައިސް އިޔާންގެ ބުރަކަށީގައި ޖަހާ އައިރީންއާއި ދިމާލަށް އިޔާން ކޮށްޕާލިއެވެ. ދެން އައިރީން ހަދަންވީ ގޮތަކީ އިޔާންގެ މޭގައި މި އަތް ޖައްސާލާފަ އެ ދެލޮލަށް ބަލާލަންވީ" އިތުރު ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ސޮފާ އައިސް އައިރީންގެ އަތް އިޔާންގެ މޭގައި ޖައްސާލަމުން ބުނެލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެ ހިނދު އެ ތިބެވުނު ތަނާމެދުވެސް ހަނދާންނެތިގެން ދިޔައެވެ. އިޔާން އައިރީންގެ ކަޅުކަން ގަދަ ދެލޮލަށް ބަލަން ހުރީ ހަމަ ރަނގަޅަށްވެސް އޭނާ އެ ޖާދޫގައި ޖެހިފައެވެ. އަނެއްކޮޅުން އިޔާންގެ އަޅި ކުލައިގެ ދެލޮލުން އައިރީންއަށް ޖެއްސީ ކޮންފަދަ ޖާދުލެއްކަމެއް ނޭނގެއެވެ. އެކަކު އަނެކަކު ލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައިވާ ފަދައެވެ. ޒަލަފް ގެ ގާތަށް ލާނެއް ހިންޏެއް އައެވެ.
"ޕާރފެކްޓް" ޒަލަފް ބުނެލުމާއެކު ފޮޓޯގަނޑު ނަގާލިއެވެ. އޭރުވެސް އިޔާން އާއި އައިރީން އާއި ދެމީހުން ތިބީ އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލި ހުސްވެފައެވެ.
"ސާބަހޭ... ދެން ހެވޭ... އިތުރު ގޮތެއް ހަދާބަލަ" ޒަލަފް އައިސް އިޔާންގެ ކޮނޑުގައި ޖަހާލިއެވެ. އެއާއެކު އިޔާންއަށް ހަމަ ބިމަށް އާދެވުނެވެ. އައިރީންވެސް ދެފަރާތަށް ބަލާލާފައި އިސްޖަހާލީ ލަދުންނެވެ.
އެމީހުން އެތައްއިރަކު އެ ސަކަރާތުގައި ހޭދަ ކުރިއެވެ. ޒަލަފް އިސްވެ ހުރެ އެފަދަ އެތަކެއް ފޮޓޯއެއް ނެގިއެވެ.
ކުޑަކޮށް ބޭއްވުނު ހަފްލާއަކަށްވިނަމަވެސް އެކަންތައް ނިމުނުއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އިޔާންއައިރީންއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ފޫހިކަން ނޫން އެއްޗެއް އައިރީންއަކަށް ނުފެނުނެވެ. އައިރީން އިތުރަށް ހާސްވިއެވެ. އެ އަސަރުގެ މާނަ އޭނާ ނަގާނީ ކިހިނަކުންހެއްޔެވެ. އެކުލަވަރުތައް އޭނަ ދޭހަ ކުރަންވީ ކިހިނެއްހެއްޔެވެ؟
މިރޭ އޭނާ ދާންޖެހޭނީ އިޔާންގެ ކޮޓަރިއަށޭ ހިތަށް އެރުމުން އެކަނިވެސް މުޅި މީހާ ހާސްކުރުވައިފިއެވެ. ކޮންމެވެސް ކަހަލަ ފިނިކަމެއް މުޅި ހަށިގަނޑު ހިސާރުކޮށްފިއެވެ. ދެއަތް ދެއަތާ މޮޑެން ފެށުނެވެ.
އިޔާން މޫނުމަތިން ކިތަންމެ ހަމަޖެހިފައި ހުރިކަން ދެއްކިނަމަވެސް އެތެރެހަށީގައި ތޫފާނެއް އުފެދިފައި ވެއެވެ. އަމިއްލަ ގެ ކަމަށްވީތީ ކައިވެނީގެ ފަހުން އައިރީންއާއި އޭނާއަށްވެސް ދެކޮޓަރީގައި ނޫޅެވޭނޭކަން އެނގެއެވެ. އެއީ މަންމަމެންވެސް ގޭގައި އުޅޭތީއެވެ. އެހެންނަމަވެސް އެއް ކޮޓަރިއެއް ދެމީހުން ހިއްސާކުރަން ޖެހުނު ނަމަވެސް އޭނާ ދުވަހަކުވެސް އައިރީންއާއި ކައިރިއެއްނުވާނެއެވެ. ދެމީހުން އުޅެން ޖެހޭނީ ދެ ބީރައްޓެހިން ފަދައިންނެވެ. ކޮޓަރި މަތީގައި ހުންނަކަމީވެސް ނަސީބެކެވެ. ދެމީހުން އެކުގައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. އައިރީން ވަކި ހިސާބަކުން މަޑުޖެހިލިއެވެ. އިޔާން އޭނާގެ ކޮޓަރީގެ ތަޅުގައި ހިފާލާފައި މަޑުޖެހިލިއެވެ. އޭނާ އައިރީން އަށް ބަލާލިއެވެ. ކުއްލިއަކަށް އައިރީން އަށް ބަލަން ހުރެފައި އޭނާ އައިސް އެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ވަނެވެ. އެއަށްފަހު ދޮރާ އޭނާ އާއި ދެމެދު އައިރީން ފިއްތާލިއެވެ.
(ނުނިމޭ...)