މަ ލޯތްބެއް ދެން ނުވާނަމޭ... - 8

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އާނ... ކީކޭ؟" އައިރީންއަށް ސުވާލުކޮށްލެވުނެވެ.

"މި ބުނީ ތި ދެމެދު ކޮންކަމެއްހޭ ހިނގައިގެން ތިއުޅެނީ؟" ޒަލަފް ކުއްލިއަކަށް ވަރަށް ސީރިއަސްވެލާ ސުވާލުކޮށްލިއެވެ.

"އެއްވެސް ކަމެއް ނުހިނގާ..." އައިރީން އޮޅުވާލިއެވެ. އެއާއެކު އައިރީންގެ ދުލުން ވީގޮތް ނުބުނާނެކަން ޒަލަފްއަށް ނަގައިގަނެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލާފައި ނިކުމެގެން ދިޔައީއެވެ. އައިރީންގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަން ފެށިއެވެ. އަނެއްކާ ޒަލަފް އިޔާން ގާތު އަހާފާނެއެވެ. އިޔާންއާއި ޒަލަފްއާ އޮންނަ ގުޅުން ވަރަށް ރަނގަޅަށް އައިރީންއަށް އެނގެއެވެ. އެހެންކަމުން ފަހަރެއްގައި އިޔާން ޒަލަފްއަށް ހުރިހާ ވާހަކައެއް ކިޔައިވެސް ދީފާނެއެވެ. އެހެންނަމަވެސް އެއްވެސް މީހެއްކައިރީ އެވާހަކަ ނުބުނާށޭ އެ ބުނީވެސް ސަބަބެއް އޮވެގެންކަން އައިރީންއަށް އެނގެއެވެ.

އިޔާން އާމިރުއާއެކު ފުރަތަމަ ދިޔައީ ޖަލީލުމެން އޮފީހަށެވެ. އެތަނުން އޭނާއާއި ބައްދަލުކުރީ ޖަލީލުގެ ސެކެޓްރީ ސަމާހުއެވެ. އެ ކުންފުންޏާއި ދެން ހަވަލުވާނީ އިޔާންކަމަށްވުމާއެކު ސަމާހުވެސް ކުންފުނީގެ މަސައްކަތްތަކާ ބެހޭ މުހިންމު ބައެއް ވާހަކަ އިޔާންއާ ހިއްސާކުރިއެވެ. އެފަދަ ޒިންމާއެއް ނަގަންބޭނުންނުވެފައި ހުރި އިޔާން ގެ ބޮލުގެ ރިހުން ހައްތަހާ ގަދަވީއެވެ. އޭނާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރިނަމަވެސް އެތެރެ އެތެރޭން އަނދަމުން ދިޔަ ފަދައެވެ. ހުރިހާ ވެސް މައްސަލައަކީ އައިރީންއެވެ. ކުންފުންޏަކީވެސް ފުޅާ ދާއިރާއެއްގައި ހިންގަމުން ދިޔަ ކުންފުންޏަކަށް ވުމާއެކު ހިންގުން އުނދަގޫވާނެކަން އިޔާނަށް އެނގެއެވެ. އަނެއްކޮޅުން ބައްޕަ ހުންނަނީ އޭނާގެ ކައިރީގައި ވިއްދާފައެވެ. އެހެންކަމުން ޒިންމާތައް ނުނަގައެއްވެސް ނުވާނެއެވެ. އެންމެ ރަނގަޅެވެ. އޭނާ ކުންފުންޏާވެސް ހަވާލުވާނެއެވެ. މަސައްކަތްވެސް ކުރާނެއެވެ. އައިރީންއާއި އިންނަންވެސް އިންނާނެއެވެ. އެކަމަކު އޭނާގެ ހިތުން އައިރީންއަށް އެއްވެސް މަގާމެއް ނުލިބޭނެއެވެ. ދުވަހެއްގެ ކޮޅުންވިޔަސްމެއެވެ.

އިޔާން ބައެއް ކަންތައްތައް އޮޅުން ފިލުވިއެވެ. އާމިރުހުރީ އިޔާން އަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށެވެ. އޭނާ އިޔާންއާ ދޭތެރޭ ވަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ. އިޔާން މަސައްކަތެއް ނުކޮށް ހުންނާތީ އެހާ ކަންބޮޑުވަނީވެސް އެހެންވީމައެވެ. އަނެއްކޮޅުން އޭނާ ވިސްނަންޖެހޭ ކަންތައްތައްވެސް ބައިވަރެވެ. ޖަލީލުއަށް އޭނާވީ ވައުދުތައް ފުއްދައިދޭން ބޭނުންވެއެވެ. ހުރިހާ ކޮޅަކުންވެސް އައިރީންއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން އޭނާ ބޭނުންވެއެވެ.

ޖެހިގެން އައި ހަފްތާގައި އިޔާންއާއި ކުންފުނީގެ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީތަށް ކުރެވެންފެށުނެވެ. އައިރީން ބޭނުންވީ އޭނާގެ ބައްޕަގެ ކެބިން އެހެންމީހެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ކުރިން އަދިވެސް އެއްފަހަރު އެތަން ބަލައިލަން ދާށެވެ. އެހެންކަމުން އާމިރު ގާތު ބުނެގެން އައިރީން އެ ދުވަހު އޮފީހަށް ދިޔައެވެ. ބައްޕަގެ ކެބިންއަށް އައިރީން ވަނުމުން އާމިރު މަޑުކުރީ ބޭރުގައެވެ.

އެތެރެއަށް ވަތް އައިރީން ވަށައިގެން އަދިވެސް އެއްފަހަރު ބަލައިލިއެވެ. ދެލޯ ފެންކަޅިވި ނަމަވެސް އޭނާ ހިތްވަރުކުރިއެވެ. އެ ކަރުނަތައް އަޑިއަން ހިންދާލަން މަސައްކަތް ކުރިއެވެ. އެ ކެބިންގައި ބައްޕައާއެކު އޭނާ ހޭދަކުރި ވަގުތުތައް ލޮލުގެ ކުރިމައްޗަށް ސިފަވަމުން ދިޔައެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުމުގައި އައިރީން ކާމިޔާބު ހޯދިއެވެ. މަޑުމަޑުން އޭނާގެ ބައްޕައަށް ޚާއްސަކުރެވިފައިވާ ގޮނޑިއާދިމާލަށް ގޮސް އޭނާ އެ ގޮނޑީގައި އަތް ޖައްސާލިއެވެ. އެއަށްފަހު ދެލޯ މަރާލާ މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ދެން އެ ގޮނޑީގައި އިންނާނީ އިޔާން އެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ކެބިންއިން ނުކުތެވެ. އޭރު އާމިރު މަޑުކޮށްލައިގެން ހުއްޓެވެ. އައިރީން ފެނުމާއެކު އާމިރު ހިނިތުންވެލި އެވެ. ސަމާހުވެސް އައިރީންއާއި ކުންފުންޏާއި ބެހޭގޮތުން ބައެއް ވާހަކަތައް ހިއްސާކުރި އެވެ. ވާހަކަ ދައްކާލުމަށްފަހު ދެމީހުން އެކުގައި ގޮސް އޮފީސް ދޮރުމަތީގައި މަޑުކޮށްލި އެވެ. އާމިރު ގުޅާލުމާއެކު ޑްރައިވަރު ކާރު ޕާރކިން އޭރިއާއިން ނެރެގެން އައިސް މަޑުކޮށްލި އެވެ. އާމިރު ގޮސް އަނެއްފަރާތުން ކާރަށް އަރަން އުޅުނެވެ. އެވަގުތު އޮފީހާ ދިމާލަށް ބަލަހައްޓައިގެން ހުރި ފިރިހެންމީހަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެހެންނަމަވެސް އެ އަސަރު އޭނާގެ މޫނުމަތިން ފޮރުވާލުމާއެކު އޭނާ ކާރަށް އަރާ އިށީންދެއްޖެއެވެ. އައިރީން އެރީ ފަހަތު ސީޓަށެވެ. އަރާ ހަމަޖެހިލުމާއެކު ޑްރައިވަރު ކާރު ދުއްވާލައިފިއެވެ.

ގެއަށް ދިޔަ އައިރީން ފަލަކްއާއެކު ބަގީޗާގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. މިއަދު އަނެއްކާ ބައްޕަގެ ހަނދާންތައް މާ ބޮޑަށް އާވުމާއެކު ކޮންމެވެސް ވަރެއްގެ ބޮލުގެ ރިހުމެއް އޭނާގެ ހުއްޓެވެ. އެހެންކަމުން އޭނާވެސް ބޭނުންވީ ސިކުނޑި ތާޒާކޮށްލުމަށެވެ. ފަލަކްއާއެކު ގަސްއިންދުމުގައި ހަރަކާތްތެރިވެލުމުން އޭނާގެ ސިކުނޑީގެ ހާސްކަން ފިލާ ހަމަޖެހުން ލިބިގެން ދިޔައެވެ.

ދެމީހުން އެ ސަކަރާތުގައި އުޅެނިކޮށް އަޝްރާވެސް އަތުވެއްޖެއެވެ. ފަލަކް އެކޭ އެއްގޮތަކަށް އަޝްރާއަކީވެސް ގަސް އިންދުމުގައި ވަރަށް ފޯރިހުންނަ މީހެކެވެ. އޭނާވެސް އައިސް އެ ދެމީހުންނާ އެއްބައިވެއްޖެއެވެ.

"ޒައުރާ... އަހަރެމެންގެ ހުރިހާ ކުދިންވެސް ކިހާ އެކުވެރި... އަޝްރާ ފެންނަ ކޮންމެ ފަހަރަކު އަސަދު މަތިން ހަނދާންވަނީ... ޒަލަފް އެހާ ކުޑައިރު ބައްޕައެއްގެ ލޯބިން މަހްރޫމްވުމުން ޒަލަފްގެ ހައްގުގައޭ ކިޔާފައި އޭރުއްސުރެ މީހަކާ ނީންނަން އެ ހުންނަނީ... ޒަލަފްއަށް ދޮން ބައްޕައެއް ހޯދަދޭން ބޭނުންނުވާތީ... އަޝްރާ ފެންނަ ކޮންމެ ފަހަރަކު އަސަދު މަތިން ވަރަށް ހަނދާންވޭ... ދެން ހުރީ ޒަލަފް... އެއީ ހަމަ ދެވަނަ އަސަދު... ހަމަ އެ މިޒާޖު... އުޅުންވެސް ހަމަ އެއްގޮތް" އަމްޖަދު ވާހަކަ ދެއްކީ ޒައުރާއާއެވެ. އެ ދެމީހުން ތިބީ އުނދޯލީގައި މަޑުކޮށްލައިގެން ފަލަކް މެންނަށް ނަޒަރު ހުއްޓާލައިގެންނެވެ.

އެތައް އިރަކު އެފަދަ ވާހަކަތަކެއްގައި އެމީހުން ތިއްބެވެ.

ޒަލަފް ހަވީރު ގޭގައި އޮވެ އޮވެ ފޫހިވެގެން ސައިކަލުގައި ބުރެއްޖަހާލަން ދާންވެގެން ނުކުތެވެ، އިޔާންވެސް ގޭގައި ނޫޅޭތީ އާއެކު އޭނާގެ ގާތް އެކުވެރިއަކުވެސް މާލޭގައި ނެތުމުން އޭނާ ދާން ގަސްތުކުރީ އެކަންޏެވެ. ހަޔާތުގެ ގިނަ ދުވަސްތައް އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައި ކަމުން މިކޮޅުގައި އޭނާގެ ރައްޓެހިންނެއްވެސް ނުތިބެއެވެ. މިކޮޅުގައި ކުރިން އުޅުނު އޭނާގެ އެކުވެރި ދެ ކުދިންވެސް މިދިޔަ އަހަރު ރާއްޖޭން ބޭރަށް އެކީ ބަދަލުވީއެވެ.

ގޭގައި ތިން ކާރު އޮތްނަމަވެސް ޒަލަފް އަބަދުވެސް އިޚްތިޔާރު ކުރަނީ ސައިކަލެވެ. އޭނާ ދުއްވަމުން ގޮސް މަޑުކޮށްލީ ރަސްފަންނު ކައިރީގައެވެ. އެތަން ހެދިފަހުން އޭނާ އެތަނަށް އެ އައީ އަލަށެވެ. ރާއްޖެ ނާންނަތާ ވެސް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް އޭނާގެ ގާތަށް ދާނީ އާއިލާގެ މީހުންނެވެ. ޒަލަފް ސައިކަލު ޕާރކުކޮށްލާފައި ގޮސް ރަސްފަންނަށް ވަނެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުވިއެވެ. އޭނާ ހުއްޓުނީ ރަސްފަންނުގައި މަސްބާނަން ހަދާފައި ހުރި ތަނުގައެވެ. ކަނޑުގެރާޅުތަކުގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އޭނާ ފަހަތަށް އެނބުރިލީ އެތަނުން ފޭބުމުގެ ބޭނުމުގައެވެ. އެއާއެކު އޭނާގެ ލޮލުގައި އެ ހިތުގެ ރާނީ އަޅައިގަނެއްޖެއެވެ. ރަތްކުލައިގެ ޓޮޕްކޮޅަކާއި ކަޅު ޖީންސްއެއްގައި ހުރިއިރު އޭނާގެ އިސްތަށިގަނޑު ވައިރޯޅިތަކާ ސަމާސާ ކުރަމުންދިޔައެވެ. ޒަލަފްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"އޭތް... ކޮބާ؟ އެތަނުގައ މިހުރީ" އެ ކުއްޖާ ފޯނު ކަންފަތުގައިޖަހަމުން ވާހަކަދެއްކި އެވެ. ހީވަނީ އެކުވެރިކުދިންތަކަކާ ވާހަކަ ދައްކަނީހެންނެވެ. ޒަލަފް ފުރުސަތުގެ ބޭނުންހިފަން ބޭނުންވިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެޔޭ ބުނާތީ އޭނާ އަޑު އަހައެވެ. އެހެންހުއްޓާ ތެޔޮނާށި ކާޅުޖަހައިގަނެފާނެއެވެ. މަޑުމަޑުން އެ ކުއްޖާއާ ގާތަށް ޖެހިލާފައި ޒަލަފް ޒާރާ އޭ ކިޔާފައި ގޮވާލައިފިއެވެ.

"އަހަރެންތަ؟" އެ އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ. އެއާއެކު ޒަލަފް ބޯ ޖަހާލައިފިއެވެ. އެ ކުއްޖާ ގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެނުމާއެކު ކޮންމެވެސް ވަރަކަށް މަލާމާތްކުރާ ޒާތުގެ ހިނިތުންވުމެއްވެސް ފެނުނުހެން ހީވިއެވެ.

"ނޭނގުނުތަ؟" ޒަލަފް ދެންވެސް ސުވާލުކޮށްލިއެވެ. އެކުއްޖާ ދެފަރާތަށް ބޯ ހޫރާލީ ނޭނގެޔޭ ބުނާފަދައަކުންނެވެ.

"އެއްކަލަ ދުވަހު އައިޑީކާޑު..." ޒަލަފް މަޑުޖެހިލިއެވެ.

"އޯހް... އޭނަ ދޯ" ޒާރާ ވާހަކަދެއްކިއެވެ.

"ޒަލަފް" ޒަލަފް އޭނާގެ ނަންބުނެލާ ސަލާމަތް އަތްދިއްކޮށްލިއެވެ. އެ ކުއްޖާ އެއަތަށް ބަލަން ހުރެލާފައި ސަލާމްކޮށްލިއެވެ. އެއަށްފަހު ނަންބުނެލިއެވެ.

"ސުމާ"

"އޭނ... ޒާރާ އެއްނޫންތަ؟" ޒަލަފް އަށް ކުއްލިއަކަށް އަހާލެވުނެވެ. އެއާއެކު ސުމާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.

މާގިނަ ވާހަކަތަކެއްނުދެކެވި އުޅެނިކޮށް ސުމާގެ އެކުވެރި ކުދިންތައް އައުމާއެކު އެނާ ދާން ޖެހުނެވެ.

"އޭތް. ކޮން ކުއްޖެއް؟ ސަޅިއޭ ދޯ" ސުމާގެ އެކުވެރި ކުއްޖާ ބުނެލި އަޑު ޒަލަފްއަށްވެސް އިވުނެވެ. އޭނާގާތަށް ހިނި އަންނަން އުޅުނެވެ. އެހެންނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލަމުން އޭނާވެސް އެތަނުން ނުކުންނަން ހިނގައިގަތެވެ.

މަޑުފިޔަވަޅުތަކެއްގައި ގޮސް އޭނާ ސައިކަލަށް އަރާ ދުއްވާލައިފިއެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ވަނީ ސުމާއެވެ. އެ ކުއްޖާގެ ނަންބަރު ނުނެގުނުކަމުގެ މޮޔަ މިފަހަރުވެސް ހިތަށް އެރީ މާފަހުންނެވެ.

"ގެއަށް ގޮސް ސައިކަލު ބަހައްޓާފައި ޒަލަފް ގޮސް ގޭތެރެއަށް ވަތްއިރު އިޔާންވެސް އުޅެއެވެ.

"ކީއްވެގެންނޯ ބައްތިރީސް ދަތް ނެރެ އަތްމައްޗަށް ލައިގެން ތިހިރެ އަންނަނީ؟" ޒަލަފް ފެނުމާއެކު އިޔާން ބުނެލިއެވެ. ޒަލަފް ބޯ ކަހާލަމުން ގޮސް އިޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

"އެއްކަލަ ކުއްޖައާ ދިމާވީ" ޒަލަފް ބުނެލިއެވެ.

"ހޫން... ސާބަހޭ... " ވާހަކަ ދައްކަ ދައްކާ ހުރި އިޔާންގެ ލޮލުގައި އެ ދިމާލަށް އައި އަޝްރާ އަޅައިގަތެވެ. ކޮންމެވެސް މޮޅުކަމެއް ކޮށްލަން އޭނާގެ ހިތަށްއެރިއެވެ. ޒަލަފްއާއެކު އޭނާ އަޝްރާއާ ފުރަގަހަށް ވާގޮތަށް އެނބުރުނެވެ. އެހެންނަމަވެސް ޒަލަފް އޭނާއަށް ވުރެ ހުޝިއާރެވެ. އޭނާ ފަހަތް ބަލާލިއެވެ. އިޔާންގެ މަޤްޞަދު އެނގުމާއެކު ޒަލަފް އިޔާންގެ އަތް ފޮޅުވާލާފައި ގޮސް އަޝްރާ ގާތު މަޑުކޮށްލިއެވެ.

*****

އައިރީން އިޔާންއަށް ފިލައިގެން އުޅެވޭތޯ މަސައްކަތް ކުރަމުންދިޔައީ މިފަހަކަށް އައިސް އިޔާންގެ ގޯނާތަށް އިތުރުވެފައިވާތީއެވެ. އޭނާއަށް ޖެއްސުމެއް ކޮށްނުލާ އިޔާންއަށް ހަމަނޭވާ ލެވޭކަމަކަށްވެސްނުވެއެވެ. އެވާހަކަ އިތުރު މީހެއްގާތު ދައްކައިގެން މައްސަލަ ގޯސްކުރާކަށްވެސް އައިރީން ބޭނުމެއް ނުވެއެވެ. އެހެންކަމުން ހަނު ހުންނަނީއެވެ.

*****

ރޭގަނޑުގެ ކެއުމަށްފަހު އާމިރު ބައްޕަ އަމްޖަދު އާއެކު ބޮޑުކޮޓަރީގައި މަޑުކޮށްލިއެވެ. ބައްޕަ އާއި ބައެއްވާހަކަތައް ހިއްސާކުރުމުގެ ބޭނުމުގައެވެ. މަޝްވަރާތަކަށްފަހު އޭނާގޮސް ވަނީ ސްޓަޑީއަށެވެ. ވަދެ ގޮނޑީގައި އިށީންދެ ޖަލީލުމެން އޮފީހުގެ މުހިންމު ލިޔެކިޔުމެއް ހުޅުވާލިއެވެ. އެއާއެކު ޖަލީލުގެ ގެއާއި އޭނާގެ ހުރިހާ މުދަލަކާ ބެހޭ ލިޔެކިޔުންވެސް ހުޅުވާލިއެވެ. ޖަލީލު ނިޔާވުމުގެ ކުރިންވަނީ އެ ހުރިހާއެއްޗެއް އައިރީންގެ ނަން މައްޗަށް ބަދަލުކޮށްފައެވެ.

ގެއާ ބެހޭހުރިހާ ލިޔެކިޔުމެއް އޭނާ ބޭނުންވީ އައިރީންއާއި ހަވާލުކުރާށެވެ. އައިރީން ގެނެސް އޭނާ ކަންތައްތައް ނިންމާފައިވާ ގޮތް ކިޔައިދިނުމަށްފަހު އައިރީންގެ އެއްވެސް ޝަކުވާއެއް އޮތްތޯ އޮޅުން ފިލުވިއެވެ. އައިރީން ހުރިހާ ކަމަކާއި އެއްބަސްވިއެވެ.

ޖަލީލުމެން ގޭގެ ހުރިހާ ތަޅުދަނޑިއެއް އޭނާ އައިރީންއާއި ހަވާލުކުރިއެވެ. އައިރީން ފައިލާއި ތަޅުދަނޑިފަތި ހިފައިގެން ގެންގޮސް ކޮޓަރީގެ ސައިޑް ކަބަޑްމަތީގައި ބެހެއްޓިއެވެ. ބައްޕަ ދުނިޔޭގައި ބައްޕަ އެންމެ އިތުބާރު ކުރިމީހަކީ އާމިރުއެވެ. ޖަލީލުއަކީ އާއިލާއެއް ނެތް އެކަނި އުޅެމުން ދިޔަ މީހެކެވެ. ބައްޕަގެ އާއިލާގެ ވާހަކަ ދައްކާތީ ދުވަހަކުވެސް އައިރީން އަޑެއް ނާހައެވެ. އެ އާއިލާގެ އެއްވެސް މައުލޫމާތެއް އައިރީންއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މަންމަ ނިޔާވުމަށްފަހު ބައްޕަ އުޅެމުންދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެއްކަމެވެ. އެ އާއިލާގެ ވާހަކަ އޭނާ ބައްޕަ ގާތު އެހީ އެންމެ ދުވަހަކުއެވެ. އެ ދުވަހު ވެސް ބައްޕަ ޚިޔާރު ކުރީ ހިމޭން ކަމެވެ. އައިރީންގެ އެއްވެސް ސުވާލެއްގެ ޖަވާބު އެ ބައްޕަ ނުދިނެވެ. އެހެންކަމުން އޭނާވެސް ފަހުން އެކަމާ އަޅާނުލީއެވެ.

ކައިވެނި ކުރެވޭ ތާރީޚް ގާތްވަމުން ދިޔަ ވަރަކަށް އައިރީންގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ކައިވެންޏަކީ ކޮންމެ އަންހެން ކުއްޖަކުވެސް އުފަލާއެކު އިންތިޒާރުކުރާ ކަމަކަށް ވާއިރު އައިރީންއަށް ޖެހުނީ ހިތް ނުތަނަވަސްކަމާއި އެކު ހަޔާތުގެ މި ބޮޑު އިމްތިހާނާ ކުރިމަތިލާށެވެ. އެހެންކަމުން އޭނާގެ އެތެރެހަށީގައި ބުނެދޭން ނޭނގޭފަދަ ޖަޒުބާތުތަކެއް ދައުރުވަމުން ދިޔައެވެ. ހަމަގައިމުވެސް އޭނާ އަކީ ހިތްވަރު ގަދަ ކުއްޖެއްކަން އޭނާ ސާބިތު ކޮށްދޭނެއެވެ. އިޔާންއަށްޓަކާ އޭނާގެ ހިތުގައި އުފެދިގެން މިއުޅޭ ލޯތްބޭ ކިޔާ ޖަޒުބާތުގެ ކުރިމަތީގައި އޭނާ ބަލިކަށިވެދާނެތީ ބިރުގަނެއެވެ.

އެކުގައި އުޅެން ފެށުމުން ލޯބި ވެވިދާނެޔޭ ހީވިނަމަވެސް އެހެން އެ ކަންތައް ނުވެއްޖެނަމަ ދެން ކަންތައް ވެގެން ދާނެ ގޮތަކާ މެދުވެސް ކަންބޮޑުވެއެވެ.

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކައިވެނީގެ ރަންވެސް ކިއިއްޖެއެވެ. އެންމެ ފަހުން ކައިވެނީގެ ދުވަސްވެސް އައިސް ޖެހެން ކުޑަތަން ވަނީއެވެ. ރެއާ ދުވާލު އިޔާން އެތަކެއް ޖެއްސުމެއް އައިރީން އަށް ކުރެއެވެ. އޭނާގެ ބޭނުމަކީ އައިރީން ލައްވާ އެ ކައިވެންޏާ ދެކޮޅު ހެދުވުމެވެ. އެހެންނަމަވެސް އޭނާ ކުރާ އެއްވެސް ކަމަކަށް އައިރީން ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. ހީވަނީ އައިރީން އެ ހުރީ އެ ކައިވެނި ކޮންމެ ގޮތަކުންވެސް ކުރަން ނިންމައިގެން ހެންނެވެ. އެކަމުގެ ސަބަބުން އިޔާންގެ ރުޅިގަނޑުވެސް ހައްތަހާ އިތުރުވަނީއެވެ. ބައްޕަގެ މަރަށްފަހު އައިރީންއަށް އެ ގޭތެރޭގެ މާހައުލުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް ލިބި ފިނިކަމެއް ލިބިގެން ދިޔައެވެ. އެ ހިތާމަތައް ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. އެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ހުންނަން ފަށައިފިއެވެ.

އެގޭތެރެއިން އައިރީންއަށް ބަހައްޓާ ގާތް ކަމާއި ދޭ ލޯބީގެ ސަބަބުން އިޔާން ގާތަށް އަންނަނީ ހައްތަހާ ރުޅި އެވެ. އޭނާ ކައިވެނި ކުރަން ޖެހެނީ އައިރީންގެ ސަބަބުންނެވެ. އައިރީން އެއްފަހަރުވެސް ނޫނެކޭ ބުނެފިނަމަ އެ ކައިވެނި ވަގުތުން ހުއްޓޭނޭކަން ވެސް އޭނާއަށް އެނގެއެވެ. އެކަމަކު ދެރަ ކަމަކީ އައިރީން ވެސް އޭނާއާ އިންނަން ބޭނުންވެފައި ހުރި ކަމެވެ.

*****

ކައިވެނީގެ ހަފްލާއަށް ދައުވަތު ދެނީ ގާތްތިމާގެ މީހުންނާއި އެކުވެރި ގާތް ރަހްމަތް ތެރިންނަށް ކަމަށްވިނަމަވެސް ގޭ އެންމެން ބޭނުންވީ އެއްކުލައިން ހެދުންފަހާށެވެ. އެރޭގެ ރަސްމިއްޔާތު ކޮންމެވެސް ގޮތަކުން ފުރިހަމަ ކުރަން ބޭނުންވީއެވެ. އެހެންކަމުން ފަހައިގެން ގެނައި ހެދުންތައް ބެލުމުގައި ބޮޑު ކޮޓަރީގައި އެންމެން ގާތު އިނުމަށްފަހު އައިރީންވެސް މައްޗަށް އަރާލީ ކޮންމެވެސް ކަމަކުއެވެ. އޭނާއަށް ކޮޓަރީގެ ދޮރުގެ ތަޅުގައި ރަނގަޅަށް ނުހިފި އުޅެނިކޮށް އިޔާން އެ ދިޔަ ގޮތަށް ގޮސް އޭނާގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނުކުތެވެ. އެއަށްފަހު އައިރީންގެ އަތުން ދޫކޮށްލިއެވެ. އަދިވެސް އައިރީންއަށް ބިރު ދައްކާލަން ބޭނުންވީ ކަންނޭގެއެވެ. މަޑުމަޑުން އައިރީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އެރޭ ކޮޓަރިއަށް ވަތް ފަހުން އިޔާން އައިރީންއާއި އެހެން ގާތް ވާކަށް ނޫޅެއެވެ. މިރޭ ފިޔަވައެވެ. އައިރީން ގޮސް ރެއިލިންގައި ޖެހި މަތަވިއެވެ. އޭރުވެސް އިޔާން ދިޔައީ ކުރިއަށް ފިޔަވަޅު އަޅަމުންނެވެ.

އޭނާ ގެންގޮސް އައިރީން އާއި ދާދި ގާތުގައި ހުއްޓިފައި އައިރީންގެ އަތުގައި ހިފާލިއެވެ.

"ކައިވެންޏަށްފަހު އަހަރެން އުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ" އިޔާން ބުނެލިއެވެ.

ޑޯންޓް ރިގްރެޓް އެނީތިންގް...." ފަހަރަކަށް ވުރެ ފަހަރެއް އައިރީންގެ އަތަށް ބާރުކޮށްލަމުން އިޔާން ބުނަމުން ދިޔައެވެ.

"ތަދުވޭ... އިޔާން..." އައިރީންއަށް ބުނެވުނެވެ. އޭރު އޭނާގެ ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ.

"ހަނދާން ކުރައްޗޭ... " އައިރީންގެ އަތުން ދޫކޮށްލަމުން އިޔާން ޝަހާދަތް އިނގިލި އައިރީންގެ ދެލޮލާ ދިމާލަށް ދިއްކޮށްލަމުން ބުނެލާފައި ދުރަށް ޖެހިލިއެވެ.

***

ޒަލަފްވެސް މިއަދު ބަލިވެ އުޅޭތީ ގިނަ ވަގުތު ހޭދަ ކުރީ ކޮޓަރީގައެވެ. ކުޑަކޮށް ރަނގަޅުވެލުމުން އޭނާ ކޮޓަރިން ނުކުމެލީ ތިރިއަށް ދިޔުމުގެ ބޭނުމުގައެވެ. ކޮޓަރީގެ ދޮރު ލައްޕާފައި އެނބުރިލިތަނާ އިޔާން ވަރަށް ބާރަށް ބެލްކަނިން އެތެރެއަށް ވަންނަނީއެވެ. އޭނާ ދެފަހަރަކު ގޮވާލުމުންވެސް އަޅައެއްނުލިއެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގައި އޭނާގެ ސިކުނޑި ވިސްނައިދޭންފެށިއެވެ.

މަޑުމަޑުން ބެލްކަންޏަށް އެނާ ނުކުމެލިއެވެ.

އިޔާންގެ އަމަލުތަކުން ސިހިފައި ހުރި އައިރީންއަށް ޒަލަފް ފެނުމާއެކު ހަމަހޭވެރިކަން ވެރިވެ، އަނެއްފަރާތަށް އެނބުރިއްޖެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލެވޭތޯ އައިރީން މަސައްކަތް ކުރިއެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ދެން އެނބުރި ޒަލަފްއަށް ބަލާލިއިރު އޭނާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.

(ނުނިމޭ...)

https://sun.mv/128534

comment ކޮމެންޓް