މަ ލޯތްބެއް ދެން ނުވާނަމޭ...- 7

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އައިރީންގެ ބައްޕަގެ ކުންފުނިވެސް ބަލައިދީފާނަން... އެކަމަކު އަހަރެމެންގެ ކައިވެނި ހުއްޓުވާ ނަމަ" އިޔާން އޭނާގެ އެންމެ ފަހު ހަތިޔާރު އައިރީންއާ ދިމާލަށް އުފުއްލާލިއެވެ. އައިރީން އެކަމާ އެއްބަސްވޭތޯ އޭނާއަށް ދުޢާ ކުރެވުނެވެ. އެހެންނަމަވެސް އައިރީން ހުރީ ދޫދޭފަދަ ގޮތަކަށް ނޫނެވެ. އޭނާ ހުރީ އިޔާން އާއި ކައިވެނި ކުރަން ތައްޔާރަށެވެ. އިޔާން ގާތަށް ހައްތަހާ ރުޅި އަންނަ ގޮތް ވުމާއެކު އޭނާ އައިރީން ހިތްދަތި ވާފަދަ ބަހެއްބުނެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެތައް އިރަކު ބެލްކަނީގައި ވިސްނަން ހުރުމަށްފަހު އައިރީންވެސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެފައި އިޔާން ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. އައިރީން ދެކެ އާދެވުނު ރުޅި ހައްތަހާވީ ގަދައެވެ. އައިރީން އެ ކައިވެންޏާ ދެކޮޅު ނަހަދާނެކަން އެނގުނެއްކަމަކު ސަބަބަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގުނެވެ. ވިސްނާ ވިސްނާ ބޯ ގޮވަނީއެވެ. ކައިވެންޏަށްފަހު އައިރީންއަށް ހަމަނޭވާލާކަށް ލޭހިކެއް ނޫނެވެ. އޭނާ ވަރަށް ކުޅިވަރު ދައްކާލާނެއެވެ. އައިރީންއަށް ޖެހޭނީ ކެތްނުކުރެވިގެން އޭނާގެ ކިބައިން ވަރިވާށެވެ. އަމިއްލަ ބައްޕަދެކެ ވެސް ރުޅިއާދެވުނެވެ. ކައިވެންޏަކީ މަޖުބޫރުން ކުރެވޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެހެން ބައްޕައާ ދިމާލަށް ބުނަން އިޔާން ނުކުޅެދުނެވެ.

އަނެއްކޮޅުން ޒަލަފްގެ ވިސްނުން ވެސް ހުރީ އޭނާއާއި އައިރީންއާ ގުޅުވާގޮތަށެވެ. އޭނާއާއި އެއްކޮޅަށް ހަމަ އެކަކުވެސް ނެތީހެއްޔެވެ؟ އެގޭ އެންމެނަށް އައިރީން އެ ޖެއްސީ ކޮންފަދަ ޖާދުލެއް ހެއްޔެވެ؟.

އިޔާން އޭނާގެ ފޯނު ނަގާ އޭގައި ހުރި ފޮޓޯތަކަށް ބަލަންފެށިއެވެ. އެހެން އޮތް އިރު އޭނާގެ ދެލޮލުން ނޭނގޭ ރިހުމެއް ފާޅުވެގެން ދިޔައެވެ. އިރުއިރުކޮޅަކާ އޭނާ ނިތުގައި އަތް ޖައްސާލަފާނެއެވެ. ނޫނީ އިސްތަށިގަނޑުގެ ތެރެއަށް އެތް އަތް މަހާލަފާނެއެވެ. ހީވަނީ ފެންނަމުން ދިޔަ އެއްޗަކުން އޭނާއަށް އާދަޔާ ހިލާފް އަސަރުތަކެއް ކުރުވަމުން ދިޔަހެންނެވެ. އެހެންނަމަވެސް އެ އަސަރުތައް ދެމިހުރީ ކުޑަ ވަގުތު ކޮޅަކަށެވެ. އިރުކޮޅަކުން އޭނާގެ ދެލޮލުން ފެނުނު ރިހުމުގެ މައްޗަށް ކުރި ހޯދީ ރުޅިވެރިކަމެވެ. ދެ ބުމަ ގޮށްޖެހިގެން ހިނގައްޖެއެވެ. އަތުގައި އޮތް ފޯނަށް ބާރުކުރެވެން ފެށިއެވެ. އެންމެ ފަހުން ފޯނު ސޯފާމަތީގައި ބާއްވާފައި އޭނާ ރީތިކޮށް އޮށޯވެލިއެވެ. އެއްއަތް ގެންގޮސް ނިތުގައި ޖައްސާލައިގެން އެތަށް އިރެއް ވަންދެން ވިސްނުމަކަށް ގެއްލިފައި އޭނާ އޮތެވެ.

އެހެން އޮތް އިރުވެސް އޭނާގެ މޫނުމައްޗަށް ތަފާތު ކުލަވަރުތައް ވެރިވަމުން ދިޔައެވެ. ބައެއްފަހަރު ދެފަރާތަށް ބޯ ހޫރާލަނީ ކޮންމެވެސް ޚިޔާލުތަކަކުން ދުރުވާން އުޅޭ ފަދައަކުންނެވެ. އެހެން އޮއްވާ ޒަލަފްއައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"އޭތް...ބްރޯ... ކޮންކަމެއް؟ ކީއްތިކުރަނީ؟ ހާދަ މާޔޫސްވެފަ؟" ޒަލަފް އެ އައި ގޮތަށް އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އެއާއެކު އިޔާން ދެލޯ އަޅާލިއެވެ.

"މާޔޫސް ވާނެއެއްނު... މި ކައިވެންޏާ މެދު ވިސްނަ ވިސްނާ މަ ހަމަ ރަނގަޅަށްވެސް ބޯ ގޮވައިފި" އިޔާން ބުނެލިއެވެ. ޒަލަފް ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ އިޔާންއަށް ވިސްނައިދެވޭތޯ ދެތިން ޖުމްލައެއް ބުނެލިނަމަވެސް އެކަމަށް އިޔާން މާބޮޑު ސަމާލުކަމެއް ނުދިނެވެ.

ޖެހިގެން އައި ދުވަހު އަނެއްކާވެސް ޒަލަފް ހަމަ އެ ގަޑީގައި އެ ކޮފީ ޝޮޕަށް ދާން ކިޔަން ފަށައިފިއެވެ.

"ހަމަ އެތަނުގަ ފްރެޝް އޮރެންޖް މީރުކަމުންތަ ތިއުޅެނީ... ނޫނީ އެތަނުން ކުއްޖެއް ފެނުނީތަ؟" އިޔާން ޒަލަފްއަށް ފުން ނަޒަރެއް ދިނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ދެނެގަނެވުނެވެ. އެހެންކަމުން ޝައްކުގެ ނަޒަރަކުން އޭނާ ޒަލަފްއަށް ބަލަން ހުއްޓެވެ.

"އާނއެކޭ..." ޒަލަފް ބުނެލިއެވެ. އިޔާން އެއްބަސްވީ ޒަލަފް އެކުރާ ކަމެއް ބެލުމުގެ ބޭނުމުގައެވެ. ދެމީހުން އެކުގައި ގޮސް ކޮފީ ޝޮޕްއަށް ވަނެވެ. ޒަލަފް ވަށައިގެން ހޯދާލިއެވެ.

"މީ ދޯ މިވާ ގޮތަކީ... މިތަނުން ޔަޤީނޭ އޭނާއަށް ކޮންމެވެސް ކުއްޖެއް ފެނިގެންކަން އެ އުޅެނީ... " އިޔާން އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އެމީހުން އިށީންތާ މާގިނަ އިރެއްނުވެ އެތަނަށް ވަތް ދެ އަންހެން ކުދިންގެ ތެރެއިން އެއްކުއްޖަކަށް ޒަލަފްގެ ނަޒަރު ހުއްޓުނުތަން ފެނުނެވެ. އެ ކުއްޖާ ލާފައިވާ ހުދުކުލައިގެ ގަމީސް ބެގީ ކޮއްލާފައި ވާއިރު އަޅަން ގެންގުޅޭ އަވިއައިނު އޭނާގެ ފަންއިސްތަށުގަނޑު ހަޑި ނުވާ ގޮތަށް އިސްތަށިގަނޑު މަތީގައި ބައިންދާލެވިފައިވެއެވެ.

"އޭތް... އޭތް... ކޮން ކަމެއްތީ؟" އިޔާން ޒަލަފްގެ މޫނާ ދިމާލުގައި އަތް ހޫރާލަމުން ބުނެލިއެވެ. އެއާއެކު ޒަލަފް ވަރަށް ނުވާ ކަމަކަށް ހަދާފައި ނޫނެކޭ ބުނެލިއެވެ. އިޔާން އިނީ ސަމާލުވެއެވެ. އަނެއްކާވެސް ޒަލަފްގެ ނަޒަރު އެ ކުއްޖާއަށް ހުއްޓުނެވެ.

"ސާބަހޭ... ޒެލް" އިޔާން ބުނެލިއެވެ.

"އަނ... ކީކޭ؟" ޒަލަފްއަށް އިޔާން ބުނީ ކީކޭކަން ނޭނގުމާއެކު އަހާލެވުނެވެ.

"އެހާ އަވަހަށް ދީވާނާ ވީތަ؟ އެންމެ ފެނިލުމަކުން... ފުރަތަމަ ނަޒަރުން ލޯބި ވެވުނީ ތަ؟" އިޔާން ދިމާކޮށްލިއެވެ. އެއާއެކު ޒަލަފް ލޯ އަޅާލިއެވެ.

"އާނ... ތީ ފުރަތަމަ ނަޒަރުން ލޯބި ނުވާމީހެއްނު ދޯ" ޒަލަފް ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ.

"ހެހެ.. އޭތް ޒެލް... ވަރަށް ވިސްނާތި... ފުރަތަމަ ނަޒަރުން ވެވޭ ލޯތްބަކީ ވަރަށް ވޭންހުރި އެއްޗެއް އިނގޭ... ދުނިޔޭގަ ވަރަށް މަދު މީހުންނަށް ފުރަތަމަ ލޯބި ކާމިޔާބު ކުރެވޭނީ... ޒެލް އޭގެތެރޭގައި ހިމެނޭނެބާއޭ މި ހިތަށް އަރަނީ؟" އިޔާން ހިނިގަނޑެއް ޖަހާލިއެވެ. ޒަލަފް ވެސް އެއްބައިވިއެވެ.

"ދެން ބުނެބަލަ... އެއީ ކޮން ކުއްޖެއްތަ؟ ދަންނަ ކުއްޖެއްތަ؟" އިޔާން އަހާލިއެވެ.

"ނޫނޭ..." ޒަލަފް ޖަވާބު ދިނެވެ.

"ދެނޯ...؟" އިޔާން އެ ކުއްޖާއަށް ބަލާލިއެވެ.

"ފުރަތަމަ ދުވަހު ފެނުނު ކުއްޖެއް... ފެނިފަ ހަމަ ހިތަށް ހީވީ ހަންޖަރެއް ހަރާލެވުނުހެން... ނުލިބިއްޖެއްޔާ ލޭތައް އޮހިދާނެ.. އަޅެ ހެލްޕެއް ވެދީބަލަ" ޒަލަފް ވެސް ހިނިގަނޑެއް ޖަހާލައިފިއެވެ.

"އެއްކަލަ... ޑްރާމާ... އަވަހަށް އެ ކުއްޖާ ހޯދައިގެން އިންނަން އުޅޭ... އެހެންނޫނީ އަހަންނަށް ޖެހުނު ފަދަ ހާލެއް ޒެލް އަށް ޖެހިދާނެ... މިހާރު ތިކަން ނުކޮށްފިއްޔާ ދެން ޖެހޭނީ އަހަރެން ގޮތަށް ލޯބިނުވާ މީހަކާ އިންނަން... ކިހިނެތް އެނގެނީ ޒެލްއަށްވެސް ކުއްޖަކު ނުހޯދާކަމެއް... އަހަންނަށްފަހު ދެން އޮތީ ޒެލް ކަންނޭގެއެއްނު" އިޔާން ވާހަކަދެއްކިއެވެ.

"ސާބަސް ދޮންބެއަށް... ތިހާ ބޭނުން ނުވަންޏާ ދެން ބުނެބަލަ ބޭނުމެއް ނޫނޭ" ޒަލަފް ބުނެލިއެވެ. އެއަށްފަހު އޭނާ އެ ކުއްޖާއަށް ބަލާލިއެވެ. އޭރު އެ ކުއްޖާވެސް އިނީ ޒަލަފްމެނަށް ބަލަހައްޓައިގެންނެވެ. އެކުދިން ކޮފީ ނިންމާލާފައި ނުކުތް އިރު އެ ކުއްޖާގެ ދަބަސްތެރެއިން ކޮންމެވެސް ކާޑެއް ވެއްޓުނުތަން ޒަލަފްއަށް ފެނުނެވެ. އެ ކުއްޖާ ގޮސް ސިޑިން ފޭބިތަން ބަލަން އިނދެފައި ޒަލަފް ގޮސް އެ ކާޑު ނެގިއެވެ. އިޔާން ވެސް އިނީ ޒަލަފް ކަންތައް ކުރާ ގޮތެއް ބަލާށެވެ. އެއަށްފަހު ޒަލަފް އެ ކާޑު ހިފައިގެން ތިރިއަށް ފޭބިއެވެ.

"އެކްސް... ކިއުޒް" ޒަލަފް ނުކުތް އިރު އެ ކުއްޖާ ޕާކުކޮށްފައިވާ ސައިކަލަށް އަރަނީއެވެ. ޒަލަފްގެ އަޑު ޖެހުމާއެކު އެ ކުއްޖާ ފަހަތަށް އެނބުރި ބަލާލިއެވެ. ޒަލަފް މަޑުކޮށްލަން އިޝާރާތް ކޮށްލުމަށްފަހު އެ ކުއްޖާ ގާތަށް ގޮސް އެ ކުއްޖާ އަތަށް ކާޑު ދިއްކޮށްލިއެވެ. އޭރު އެ އަންހެން ކުއްޖާއާ އެކު އައި އަނެއްކުއްޖާ ވެސް ގާތުގައި ހުއްޓެވެ. ދިނުމުގެ ކުރިން އެއީ އައިޑީކާޑެއްކަމުން އޭނާ އޭގައި ލިޔެފައި އިން ނަން ކިޔާލިއެވެ. އެހެންނަމަވެސް އަވަހަށް ކާޑު ދޭންވެގެން އޭނާ އޭގައިވާ ފޮޓޯގަނޑު ބަލާލާކަށް ހަނދާނެއްނުވިއެވެ.

އެ ކުއްޖާއަތަށް އެ ކާޑު ދީފައި ޒަލަފް އަނެއްކާވެސް އެތެރެއަށް ވަނެވެ.

"ދެން ދަމާ... ހިތުގެ ރަނިކަމަނާ ވެސް ދިޔައިއެއްނު... ވާހަކަ ދެއްކުނުތަ؟ ނަން އެނގުނުތަ؟ ފޯނު ނަންބަރު ލިބުނުތަ؟" އިޔާން އެއްފަހަރާ ސުވާލްތަކެއް ކޮށްލައިފިއެވެ.

"ޒާރާ... ނަންބަރު؟ ނޫނޭ... " ޒަލަފް ހިނިތުންވެލަމުން ބުނެލިއެވެ.

"ނަންވެސް ރީއްޗޭ ދޯ... ދެން ހިނގާބަލަ ދަމާ... އެހެން ދުވަހަކުން ދެން ތިޔަ ކުއްޖެއްގެ ނަންބަރު ހޯދިދާނެއެއްނު" އިޔާން ބުނެލިއެވެ. ވެއިޓަރު ބިލް ގެނެސްދިނުމުން ބިލްދައްކާފައި އެމީހުން ނުކުތެވެ.

ޖެހިގެން އައި ދުވަހު ކައިވެނީގެ ރަންކިޔާނެ ތާރީހަކާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. ކައިވެނި ކުރެވޭ ދުވަހުގެ ހަފްތާއެއް ކުރިން ރަން ކިޔަން ނިންމިގެންދިޔައެވެ. ގޭގައި ނުހުންނަން ވެގެން އެ ދުވަހު ބޭރަށް ދިޔަ އިޔާން އެރޭ ގެއަށް ވެސް އައީ ދެއެއް ޖެހިފަހުންނެވެ. އައިއިރު ގޭގެ ބޮޑުކޮޓަރީގައި ވެސް ވަނީ ފަނޑު އަލިކަމެކެވެ. އޭނާ އެތެރެއަށް ވަދެ ސިޑިއާ ދިމާލަށް ހިނގައިގަތް ތަނާ އޭނާގެ ނަމުން ގޮވާލައިފިއެވެ. އިޔާން އެނބުރިލިއެވެ. އާމިރު ފެނިގެން އިޔާންއަށް ސިހުން ލިބުނެވެ.

"މިހާއިރުތަ ގެއަށް ވަންނަން އެނގެނީ؟ ކޮންތާކު އުޅެފަ ތިއައީ؟" އާމިރު ސުވާލުކޮށްލިއެވެ.

"ރައްޓެހިކުދިންނާއެކު ކޮފީއެއްގައި އިނދެފައި" އިޔާން ޖަވާބުދިނީވެސް އާމިރު އެ ސުވާލު ތިން ހަތަރު ފަހަރު ތަކުރާރު ކުރުމުންނެވެ.

"ދެއެއްޖަހާ ބޮޑުވަންދެން ކޮފީގައި... މިއަދު ހެނދުނުއްސުރެ ކޮފީގައިތަ އިނީ؟" އާމިރު އޭނާގެ ދެވަނަ ސުވާލު އަމާޒުކޮށްލިއެވެ.

"އިޔާންއަށް އައިސްގެން އުޅޭ ބަދަލު މާނަ ކުރާކަށް ބައްޕައަކަށް ނޭނގުނު... ކިހިނެތްތަ ތިއުޅެނީ؟ މިކޮޅުގައި މަސައްކަތް ކުރަން ބޭނުން ނުވަންޏާ ވެސް ބުނީމަ އެނގޭނީ އިޔާން... ކުރިން ބުނި ނަމަ ބައްޕަ އެކަން ވެސް ކޮށްދިނީމުސް... އެކަމަކު ދެން ނުވާނެ. އިޔާންގެ ކަންތައް މާ މައްޗަށް ދަނީ... މިއަދު ކައިވެނީގެ ވާހަކަ ދެއްކީމައެކަމާ ހިންހަމަ ނުޖެހިގެން ބޭރަށް ގޮއްސަ އައި ގަޑި ބަލާބަލަ...އައިރީން ހިތަށްއަރާނީ ކީކޭ؟ އެއްފަހަރުވެސް ވިއްނާލިންތަ؟" އާމިރު ހުރީ ވަރަށް ރުޅިއައިސްފައެވެ. އެކަން އެނގި އިޔާންވެސް ހުރީ އިސްއުފުލާލަން ނުކެރިފައެވެ.

"އިޔާން... މާދަމާ ތައްޔާރުވާތި.... ބައްޕައާއެކު އައިރީން ބައްޕަގެ ކުންފުންޏަށް އެބަޖެހޭ ވަދެލަން..." އާމިރު އޭނާގެ ފަހުގެ އިއްވުން އިއްވާފައި ދިޔުމާއެކު އިޔާންއަށް ބޮލުގައި ހިފައްޓާލެވުނެވެ. އައި ރުޅީގައި އޭނާއަށް ފުރަތަމަވެސް ދުއްވައިގަނެވުނީ އައިރީންއާ ދިމާލަށެވެ. އެދިޔަ ގޮތަށް ގޮސް އައިރީންގެ ކޮޓަރީގެ ދޮރުގައި ބާރަކަށް ޖަހާލައިފިއެވެ.

ނިދިފައި އޮތް އައިރީން ދިޔައީ ސިއްސައިގެންނެވެ. ދެފަހަރަކު އޭނާގެ ނަމުން ގޮވާލުމާއެކު އައިރީންއަށް މޭގައި އަތް އަޅާލެވުނެވެ. އެހެންނަމަވެސް އެ އަޑާމެދު ވިސްނާލުމާއެކު އެއީ އިޔާންގެ އަޑުކަން އޭނާއަށް ދެނެގަނެވުނެވެ. އެނދުގައި އިނދެފައި ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަނެފައިވެސް އައިރީން މަޑުޖެހިލިއެވެ. ލާފައިހުރީ އަތްދިގު އެއްޗެއް ނަމަވެސް އޭނާގެ ބުރުގަލެއްނެތެވެ. އޭރު އައިރީންއަށް ނޭނގުނު ކަމަކީ ރޭގައި އޭނާއަށް ކޮޓަރީގެ ދޮރު ތަޅު ނުލެވި ހުރިކަމެވެ. އޭނާ ފަހަތަށް އެނބުރުނީ ބުރުގާ އަޅަން ދިޔުމުގެ ބޭނުމުގައެވެ.

އައިރީން ދޮރު ހުޅުވުން ލަސްވުމާއެކު އިޔާންއަށް ތަޅުގައި ހިފާލެވުނެވެ. އެއާއެކު އޭނާ ހައިރާންވީ ދޮރު ތަޅު ނުލާ ހުރުމުންނެވެ. ދޮރު ހުޅުވާލާފައި އޭނާއެތެރެއަށް އަޅާލި ފިޔަވަޅާއެކު އައިރީންއޭ ކިޔާފައި ގޮވާލައިފިއެވެ. އޭރު ކޮޓަރީގައި ވަނީ ވަރަށް ފަނޑު އަލިކަމެކެވެ. އައިރީން އަށް ހުރިތަނަށް ގަނޑުވެވުނެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި އަތް ޖައްސާލެވުނެވެ.

އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިޔާން އައިސް އޭނާގެ އަތުގައި ހިފާ އިޔާން އާ ވީ ފަރާތަށް އަބުރުވާލައިފިއެވެ.

"އިޔާން އެހަށް މަޑުކޮށްބަލަ އަހަރެންގެ ބުރު" އައިރީން ވާހަކަ ދައްކަ ދައްކާ ހުއްޓާ އިޔާން އައިރީންގެ އަނަގަމަތީގައި އަތް އަޅަމުން ގެންގޮސް ފާރާ ފިއްތާލައިފިއެވެ. އެއާއެކު އައިރީންގެ ބަސްވެސް އަރުތެރޭގައި ތާށިވެގެން ދިޔައެވެ. އެ ފަނޑު އަލިކަމުގެ ތެރެއިންވެސް އިޔާންއަށް އައިރީންގެ ފެންކަޅިވެފައިވާ ދެލޯ އަޅައިގަތެވެ.

"ކޮންފަދަ ޖާދޫއެއްތަ ޖައްސައިގެން ތިއުޅެނީ... އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އައިރީންއަށް ކީއްތަ؟" އިޔާން އަހާލައިފިއެވެ.

އައިރީން ދެފަރާތަށް ބޯ ހޫރާލައިފިއެވެ. އިޔާން އަނެއްކާވެސް އައިރީން ދެރަވާފަދަ ބަހެއް ބުނެލިއެވެ. އޭނާ އައިރީންގެ އަނގަމަތިން އަތް ދޫކޮށްލިއެވެ. އައިރީން ކުއްލިއަކަށް އިޔާންގެ އަތް ފޮޅުވާލާފައި ގޮސް ބުރުގާ އަޅާލައިފިއެވެ. އޭނާ ނިދާއިރު އަބަދުވެސް ނިދަނީ އިސްތަށިގަނޑު ނިއުޅުވާލައިގެންކަމުން ބުރުގާ އެޅިއެއްކަމަކު އޭނާގެ ދިގު އިސްތަށިގަނޑު ފެނެއެވެ. އައިރީންއަށް ވީ ގޮތުން އިޔާންއަށްވެސް ސިހުން ލިބުނެވެ. ވީ ގޮތް ރޭކާލީ ދެނެވެ. އައިރީން އަށް ބަލަން ހުރެފައި އޭނާ ގޮސް ކޮޓަރިން ނުކުމެ ދޮރު ވެސް ލައްޕާލައިފިއެވެ. އެއަށްފަހު އަމިއްލަ މޭގައި އަތް އަޅާލައިގެން އިރުކޮޅަކު ހުއްޓެވެ. އޭނާއަށް މިރޭ މިކުރެވުނީ ހަޤީގަތުގައިވެސް ގޯސްކަމެއް ކަމުގައި ވިސްނުނީއެވެ. އެހެންނަމަވެސް ދެން ކުރެވޭނޭ ކަމެއް ނެތެވެ. އެހެން ހުރިއިރު އައިރީންގެ އެ ފަންއިސްތަށިގަނޑު އޭނާގެ ހިޔާލަށް ވެރިވިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަވަސް އަވަހަށް ގޮސް އަމިއްލަ މީހާގެ ކޮޓަރިއަށް ވަނެވެ.

ޖެހިގެން އައި ދުވަހު ސައިބޯން ނުކުންނާކަށްވެސް އައިރީންއަކަށް ނުކެރުނެވެ. އިޔާންގެ ކުރިމައްޗަށް އަރާކަށް އޭނާއަކަށް ލާހިކެއްނޫނެވެ. އިޔާން ރޭގައި އެކުރީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެވާހަކަ ދައްކާނެ މީހަކުވެސް ނެތެވެ. އެފަދަ ވާހަކަތައް ހިއްސާ ކޮށްލާނޭ ގާތް ރަހްމަތްތެރިއެއްވެސް އޭނާގެ ނުހުރެއެވެ.

"ކޮބާ އައިރީން... އަނެއްކާ ބަލީތަ... ފަލަކް ދޭބަލަ ބަލައިލަން" އާމިރު އެދުނެވެ. އިޔާންއަށް ހިން ދިރުވާލެވުނެވެ.

އައިރީން ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ކޮޓަރީގައި ޓަކި ޖަހާލުމާއެކު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ފަލަކް ފެނުމުން ހިނިތުންވެލިއެވެ.

"އައިރީން މިއަދު ސައިބޯން ނުނިކުންނާތީ... އަނެއްކާ ބަލީތަ؟" ފަލަކް ސުވާލުކޮށްލިއެވެ.

"ނޫނޭ... ކުޑަކޮށް ބޮލުގަ ރިއްސަނީ.. ފަތިސް ނަމާދުކޮށްލައިގެން ވެސް ނުނުކުމެވުނީ އެހެންވެ... ދެންމެ މިހޭލެވުނީ... ދާން އުޅެނިކޮށް ތިއައީ" އައިރީން ބުނެލިއެވެ. ދެމީހުން އެކުގައި ސިޑިން ފައިބައިގެން ގޮސް ކާ ކޮޓަރިއަށް ވަދެއްޖެ އެވެ. އެތަން ފެނި އިޔާން އައިރީންއަށް ފުން ނަޒަރެއް ދިނެވެ. އައިރީންވެސް އިޔާންއަށް ބަލާލާފައި އިސްޖަހާލިއެވެ. ތުންފަތުގައި ދަތް އަޅާލިއެވެ. އެ ދެމީހުންގެ ނަޒަރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޒަލަފްއަށެވެ. ޒަލަފް ފަހަރަކު މީހަކަށް ބަލާލިއެވެ. އެހެންޏާ ނުބަލާ ގޮތަކަށް އިޔާންވެސް އިރުއިރުކޮޅަކާ އައިރީންއަށް އެބަ ބަލާލައެވެ.

ޔަޤީނެވެ. ކޮންމެވެސް ކަމެއް ހިނގައިފިއެވެ. ޒަލަފްއަށް އަމިއްލަ ނަފްސަށް ބޯ ޖަހާލެވުނެވެ.

ކައި ނިމިގެން އޮފީހަށް ދާންވެގެން އާމިރު ނުކުތުމާއެކު އާމިރުގެ ފަހަތުން ފަލަކްވެސް ދޮރާ ހިސާބަށް ނުކުތެވެ. އޭރު އައިރީން ހުރީ ކާކޮޓަރިތެރޭގައެވެ. އިތުރު މީހަކު ނެތެވެ.

"ބައްޕާ... އަޅުގަނޑު ފޯނު ބޭއްވިފަ އޮތީ އެބަ އަންނަން" އިޔާން އެހެން ބުނެލާފައި އެތެރެއަށް ވަނެވެ. އޭނާ ދިޔައީ ކާ ކޮޓަރިއަށެވެ. އެ ދިޔަ ގޮތަށް ގޮސް އައިރީންގާތު ހުއްޓިފައި ސީދާ އެ ދެލޮލަށް ބަލާލިއެވެ.

"އެއްވެސް މީހެއް ކައިރީ ބުނެގެން ނުވާނެ" އިޔާން ބުނެލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ޒަލަފްއަށް އެ މަންޒަރު ފެނުނެވެ. އެއާއެކު އެ ދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އޭނާއަށް ޔަޤީން ކުރެވިގެން ދިޔައެވެ. އިޔާން ދަމުން ވެސް އައިރީން އަށް ބަލާލާފައި ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.

"ކިހިނެތްވީ؟" އިޔާން ގޮސް ލޯމަތިން ގެއްލުނުހެން ހީނުވެ ޒަލަފް އައިސް ސުވާލުކޮށްލައިފިއެވެ.

"އާނ... ކީކޭ؟" އައިރީންއަށް ސުވާލުކޮށްލެވުނެވެ.

"މި ބުނީ ތި ދެމެދު ކޮންކަމެއްހޭ ހިނގައިގެން ތިއުޅެނީ؟" ޒަލަފް ކުއްލިއަކަށް ވަރަށް ސީރިއަސް ވެލާ ސުވާލުކޮށްލިއެވެ.

(ނުނިމޭ...)

https://sun.mv/128321

comment ކޮމެންޓް