ނޭޕާލް، ޕޮކަހަރާ: ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓުބޯޅަ އިވެންޓުގައި މިއަދު ކުޅުނު މެޗުން ސްރީ ލަންކާ ބަލިކޮށް ރާއްޖެއިން ލޯ މެޑަލް ހޯދައިފި އެވެ.
ނޭޕާލްގެ ޕޮކަހަރާ ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން ލަންކާގެ މައްޗަށް ރާއްޖޭގެ ޒުވާން އަންހެން ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުރިއަށްދިޔަ މި އަހަރުގެ ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި އިންޑިއާ އާއި ނޭޕާލުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ރާއްޖެ އިންޑިއާ އަދި ނޭޕާލް އަތުން ބަލިވި ނަމަވެސް ދެ މެޗުގައި ވެސް ވަނީ މޮޅަށް ޑިފެންސް ކޮށްފަ އެވެ. މިއަދުގެ މެޗުގައި ރާއްޖެއިން އެޓޭކް ކުރުމަށް ނުކުން އިރު މޮޅު ކުޅުމެއް ދައްކާ ދެ ގޯލު ވަނީ ޖަހައިފަ އެވެ. ރާއްޖެއަށް މިއަދުގެ މެޗުގައި ޖަހައިދިން ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާ އެވެ.
އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގެ ބައެއް ކުޅުންތެރިން މިއަދުގެ މެޗުގައި ކުޅެފައި ނުވި ނަމަވެސް މެޗުގައި ކުޅުނު ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ މެޗުން މޮޅުވާން ބޭނުންވެގެން ހިތްވަރު ކުރި ތަނެވެ. މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނަކީ ގޯލް ކީޕަރި އައިމިނަތު ލީޒާ، ފާތިމަތު ތީބާ، މަރިޔަމް ރިފާ އައިޝަތު ފިރުޝާ އައިމަނަތު ޝާލިޔާ އައިޝަތު މާހިން މައީޝާ އައިޝަތު ހަންނާން، އައިޝަތު ސަމާ، ހައްވާ ހަނީފާ އަދި ފާތިމަތު އަފްޒާގެ އިތުރުން ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ.
ރާއްޖެ އަށް ދެކުނު އޭޝިއާގެ ފުޓްބޯޅައިން މީގެ ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ވިމެންސް ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކުރެވުމެވެ. އެ ފަހަރު ސެމީން ބަންގްލަދޭޝް އަތުން 6-0 އިން ބަލިވީ އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމާ ހަވާލުވެ ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ވެސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާދު ބުނީ މެޗު ކުޅޭނީ މޮޅުވެގެން ލޯ މެޑަލް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި ކުޅުންތެރިން ތިބީ ވެސް އެ އަޒުމުގައި ކަމަށާއި ކުރީ ދެ މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ މޯޓިވޭޝަނަށް ބަދަލެއް ނާންނަ ކަމަށެވެ.
އަންހެން ޓީމުން މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްއަށް އައުމުގެ ކުރިން ޔޫއޭއީގައި ވަނީ ރަނގަޅު ތަމްރީންތަކެއް ހަދާފަ އެވެ. އެގޮތުން ޔޫއޭއީގެ އަންހެން ފުޓުބޯޅަ ޓީމާ އެ ގައުމުގައި ވާދަކޮށް ވަނީ އެއްވަރު ކޮށްފަ އެވެ.