ގައުމު އަމާންކޮށް ބޭއްވޭނީ ރައީސް ޔާމީން މިނިވަންކޮށްގެން: އަދުރޭ

މިރޭގެ ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

ގައުމު އަމާންކޮށް ބޭއްވޭނީ، އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކޮށްގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު މިހާރު ގެންދަވަނީ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. އެ ހުކުމަކީ، ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

"އަނިޔާވެރި ހުކުމާ ދެކޮޅަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ، އެ ދައުވާ ގަބޫލުނުކުރައްވާ ކަމަށާއި ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، ގައުމަށް މިއަދު ގިނަ މަސައްލަތައް ޖެހިފައިވާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ލިބޭނީ، ރައީސް ޔާމީން މިނިވަންކޮށްގެން ކަމަށެވެ.

"މިގައުމު އަމާން ބަނދަރަކަށް ގެންގޮސް ދެވޭނީ، ގައުމު މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވޭނީ ރައީސް ޔާމީނަށް ސިޔާސީ މައިދާނުގައި މިނިވަންކަމާއެކު ފުރުސަތު ލިބިގެން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ގައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކަމަށްވެސް އޭނާ ތުހުމަރތުކުރެއްވިއެވެ.

"އެއީ [ރައީސް] ސޯލިހާއި [ރައީސް] ނަޝީދާ ދެމީހުން ބައިވެރިވެގެން، ގުޅިގެން، ރާވައިގެން، ހުޅަނގުގެ ގައުމުތަކާއި އަވަށްޓެރި ގައުމަކާ ގުޅިގެން، ރާއްޖޭގައި ތަފާތު ދީންތަކަށް ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތައް މަގުފަހިކުރުމަށް،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން ދީންތަކަށް ފުރުސަތު ދިނުމަށްޓަކައި ކޯޓުތަކުގައި ތިއްބެވި އިސްލާމީ ޝަރީއާ ކިޔަވައިގެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށްފިކަމަށާއި މިހާރު ކޯޓުތަކަށް އައްޔަނުކުރަމުން ދަނީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށޭވެ. އަދި ދީނީ އިލްމުވެރިންގެ އަގު ވައްޓާލައި، ޖަމިއްޔަތުއްސަލަފް އުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އިސްލާމްދީނަށް ހަޖޫޖަހާ މީހުންނަށް ފިޔަވަޅު ނާޅާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތު ރައްދުކޮށޤފައިވަނީ ކަމާ ގުޅުން ނެތް ބަޔަކަށް ކަމަށެވެ.

"އެ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަ މަސައްކަތެއް ނޫން. ޑރ. ޝަހީމް [ކުރީގެ އިސްލާމިކް މިނިސްޓަރު] ފަދަ އިހުލާސްތެރި މާތް، އަހުލާގު ރަނގަޅު މީހުންގެ އަބުރު ކަތިލުމަށްޓަކައި، [ރައީސް] ސޯލިހާއި [ރައީސް] ނަޝީދު ގުޅިގެން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން،" އަދުރޭ ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ތިން މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސައީދު ހިމެނެއެވެ.

comment ކޮމެންޓް