ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާއަށް ވައުދުތައް ވެވަޑައިގަންނަވަމުން ގެންދެވުމުން، އެ ކަން ނުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފުއްދޭ ވަރަށް ރައްޔިތުންނަށް ވައުދުވެ ވަޑައިގަންނަވަމުން ގެންދަވާކަން އެނގިވަޑައިގަތުމާއެކު، އެ ކަން ނުކުރައްވަން އެދިވަޑައިގަތް ނަމަވެސް އެ ކަމަށް އިޖާބަ ނުދެއްވި ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އަދި ދަރިކަލުން ޒޭން: ޔާމީން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
"ޑރ. ޖަމީލް އަޅުގަނޑު ކައިރީ ވިދާޅުވީ ވައުދުވަމުން ވައުދުވަމުން އިންތިޚާބުތެރޭ ދިޔައިމަ، އަޅުގަނޑަށް އުނދަގޫވެގެން ދެންނެވިން ތިކަން ހުއްޓައިލައްވާށޭ. ތިއީ ނުކުރެވޭވަރުގެ ކަންތަކޭ، ރައްޔިތުންނަށް ތިހެން ދޯކާ ނުދޭށޭ.... އަދުރޭ ދެންނެވީ ވައުދުވާށޭ ވައުދުވަށޭ، ފުއްދުމަކީ އަދި ފަހުގެ ކަމެކޭ," ޔާމީން ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ކަންކަން ކުރަމުން އެ ގެންދަނީ ރައްޔިތުންނަށް އޮޅުވާލައިގެންކަން ފާހަގަކުރައްވައި ޔާމީންވަނީ އެ ކަން އެ ގޮތަށް ނުކުރުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ. ޔާމީން ވިދާޅުވީ ސަރުކާރުން ރައްޔިތުންނާ އެއްހަމައަށް އަންނަންޖެހޭ ކަމަށާއި، އޭރުން ސަރުކާރަށް ދަތިވާ ކަންކަން ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމަށެވެ.
"އަޅުގަނޑު ހިތްހަމަ ނުޖެހެނީ އަޅުގަނޑުމެންގެ މުޑުވަކުގެ ތެރެއިން، އަޅުގަނޑުމެންނަކީ އެމްޑީޕީއަށްވުރެ ރަނގަޅު މަންހަޖެއް ހިފައިގެން ދައުލަތެއް ހިންގައިދޭނަމޭ ކިޔައިގެން ރައްޔިތުން ކައިރިޔަށްދިޔަ ބައެއް. [ވެރިކަމަށް] އައިސް އެއަށްވުރެ ތިންހަތަރު ފިޔަވަޅު ފަހަތަށް ގޮސް، ބެކްސްލައިޑްވީމާ އަޅުގަނޑަށް ރުޅި އާދެވެނީ," ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީންގެ ވާހަކަފުޅުގައިވަނީ މި ވަގުތު ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވައިފައެވެ.
އެ ގޮތުން ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަށް ނިންމި ނިންމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޔާމީން ވިދާޅުވީ، ސަރުކާރުން އުޅެނީ އެތައް ބަޔަކު ބިކަކޮށްލައި މަގުމަތިކުރަން ކަމަށެވެ. އަދި ގަނޑުކޮށް ދައުލަތުގެ ބަޖެޓު ހެދީ އެ ޒާތުގެ ވައްކަން ކުރަން ވެގެން ކަމަށް ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ވޭޕް މަނާކޮށް، ދުންފަތުން ނަގާ ޑިއުޓީ ސަރުކާރުން ބޮޑުކުރީ ހެޔޮ ނިޔަތެއްގައި ނޫންކަން ފާހަގަ ކުރައްވައި ޔާމީންވަނީ އެއިން ވަކި ބަޔަކަށް ފައިސާއިން މަންފާކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ރައްޔިތުންނަށް، ރައްޔިތުންގެ މަންދޫބުންނަށް އެ ދާއިރާތަކަށް މި ފަހަރުގެ ބަޖެޓުން ކޮށްދެވެންހުރި ކަންތައްތަކީ ކޮބައިކަން އެނގެން ޖެހޭނެ. އެ އޮންނަންވާނީ ހާކިމާގެ ބަނޑުތެރެއަކު ނޫން," ޔާމީން ވިދާޅުވިއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރައްވަމުންނެވެ.