މިނިވަން 50 އަށް ހޯމް މިނިސްޓްރީއިން ބަން "ކަޅުއޮއްފުންމި" އޮޑީގެ ހުރިހާ ކަމެއް ކޮށްފައިވާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ލިޔުމަކުން ލިބިގެން، އެ ލިޔުމުގއި އޮތް ގޮތުގެ މަތިންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ހޯމް މިނިސްޓްޜީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ހޯމް މިނިސްޓްރީން ބަން "ކަޅުއޮއްފުންމި" އޮޑި ބޭއްވުމަށް މާލޭ ސިޓީ ޕާކުގައި ހަރުގެއެއް ހެދުމަށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ސިޓީޕާކް ތެރޭގައި ހަރުގެއެއް ހެދީ ކުރިން އިއުލާން ކުރުމަކާ ނުލައި ބަޔަކާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށާއި އެ މަސައްކަތަށް 840،257 ރުފިޔާ ހަރަދުކުރީ މާލިއްޔަތު ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
ސަބަބަކީ އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ އަގު 25،000 ރުފިޔާއަށްވުރެ ބޮޑުނަމަ އެތަކެތި ގަންނަންޖެހޭނީ އާންމުކޮށް އިއުލާނުކޮށްގެން ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކަމުގައި ވާތީއެވެ.
އޮޑިޓު ރިޕޯޓަށް ރައްދު ދެއްވަމުން އޭރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވީ ކަޅުއޮއްފުންމި ޕްރޮޖެކްޓަކީ ވަރަށް ރަނގަޅު ގައުމީ މަޝްރޫއެއް ކަމަށެވެ.
އަދި އެ މަޝްރޫއުގެ ހުރިހާ ހަރަދެއްވެސް ކުރީ މިނިސްޓްރީ އޮފ ފިނޭންސްގެ ހުއްދައެއް ލިޔުމަކުން ހޯދައި، އެ ލިޔުމުގައި އޮތް ގޮތުގެ މަތިންކަމަށް އުމަރު ވިދާޅުވިއެވެ.
"ގައުމިއްޔަތު ދިރުވުމަކީ ބޭކާރު ހަރަދެއްކަމާށް ދެކޭ ބަޔަކު މި ސަރުކާރުގެ ތެރޭ ތިއްބެވި ނަމަވެސް، މި ޕްރޮޖެކްޓުގެ ސަބަބުން އެތައް ބައެއްގެ ހިތްތަކުގައި ބޮޑުތަކުރުފާނުގެ ޖިހާދުގެ އުނދަގޫކަން ވަޒަންކުރެވި، ގައުމިއްޔަތާ މިނިވަންކަމުގެ ރޫހު އާލާވެފައި ވެއެވެ،" އުމަރު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މާލޭގައި ހުންނަ ސިޓީ ޕާކް މިހާރު ވީރާނާވެ، އެތަނުގައި ކަޅުއޮއްފުންމި ބޭއްވުމަށް ކުރި މަސައްކަތެއް ފެންނަން ނެތްއިރު، އުމަރު ވިދާޅުވީ ވަޒީރުކަމުގެ މަގާމުން 2016 ވަނަ އަހަރު އިސްތިއުފާ ދެއްވިއިރު، ކަޅުއޮއްފުންމި އޮންނާނީ އެމްއެންޑީއެފް ބެލުމުގެ ދަށުން ގިރިފުށީގައި ކަމަށެވެ. އަދި މި ބާވަތުގެ ކަމެއްގައި ދިވެހި ސިފައިން އިހުމާލު ނުވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ މާލިއްޔަތު ގަވައިދުގައިވާ އުސޫލާ އެއްގޮތަށް ހިދުމަތް ހޯދުމަށެވެ. އަދި ވަކި ކަމަކާ ގުޅިގެން އާންމު އުސޫލުތަކުގެ ބޭރުން ވަކި ހަރަދެއް ކުރަން ޖެހިއްޖެނަމަ އެހަރަދުވެސް ކުރަންވާނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ދެފުށްފެންނަ ގޮތަކަށްކަން ކަށަވަރުކުރުމަށްވެސް ވަނީ ލަފާ ދީފައެވެ.
ކުރިން އިއުލާނު ކުރުމަކާ ނުލާ ހޯމް މިނިސްޓްރީއިން އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުސް އޮފީހާއި ކަރެކްޝަންސް އިން އިއުލާނު ނުކޮށް 2016 ވަނަ އަހަރު ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު 6.8 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.