މިނިވަން 50 އަށް ހޯމް މިނިސްޓްރީއިން ބަން "ކަޅުއޮއްފުންމި" ބޭއްވުމަށް މާލޭ ސިޓީ ޕާކުގައި ހަރުގެއެއް ހެދުމަށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލީ ހޯމް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކަޅުއޮއްފުންމި ބޭއްވުމަށް ސިޓީޕާކް ތެރޭގައި ހަރުގެއެއް ހެދީ ކުރިން އިއުލާން ކުރުމަކާ ނުލައި ބަޔަކާ އެ މަސައްކަތް ހަވާލުކޮށްގެން އެވެ. އެ މަސައްކަތަށް 840،257 ރުފިޔާ ހަރަދުކުރިކަން އޮޑިޓްގައި ފާހަގަކޮށްފައިވާ އިރު، އެއީ މާލިއްޔަތު ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަށް އޮޑިޓްގައިވެ އެވެ.
އެ ބޮޑު ހަރަދު ކުރި ނަމަވެސް، ސިޓީ ޕާކް ވަނީ މިހާރު ވީރާނާވެފަ އެވެ. އަދި އެތަނުގައި ކަޅުއޮއްފުންމި ބޭއްވުމަށް ހަރަދުތަކެއް ކުރި ނަމަވެސް އެ ހަރަދުން އެތަނުގައި ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. އަދި މިލިއަނެއްހާ ރުފިޔާއިން ބަން ކަޅުއޮއްފުންމިއަށް ވެސް ވީގޮތެއް ނޭނގެ އެވެ.
މީގެ އިތުރުން މިނިވަން 50 އާއި ދިމާކޮށް ސަލްޓަން ޕާކުގައި ހެދި ލެޑްޕާކު ސިޓީ ޕާކަށް ބަދަލުކުރުމުގައި ބައެއް ގަސްތަކަށާއި ޓްރާންސްފޯމަރުތަކަށް ލިބުނު ގެއްލުން ލިބި، ހަލާކުވުމުން އެތަން އިތުރަށް ފުރިހަމަ ކުރުމަށް، އިއުލާނު ނުކޮށް 486،863 ރުފިޔާ ހަރަދުކޮށްގެން އިތުރު ލެޑް ގަސް ގަނެފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދު ބުނާގޮތުން އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ އަގު 25،000 ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެތި ގަންނަންޖެހޭނީ އާންމުކޮށް އިއުލާނު ކޮށް، ލިބޭ އަންދާސީ ހިސާބުތަކަށް ބެލުމަށްފަހު އެވެ. އެކަމަކު ހޯމް މިނިސްޓްރީއިން އެ ހަރަދުތައް ކުރީ އެކަން ނުކޮށެވެ.
އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ މާލިއްޔަތު ގަވައިދުގައިވާ އުސޫލާ އެއްގޮތަށް ހިދުމަތް ހޯދުމަށެވެ. އަދި ވަކި ކަމަކާ ގުޅިގެން އާންމު އުސޫލުތަކުގެ ބޭރުން ވަކި ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެހަރަދުވެސް ކުރަންވާނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ދެފުށްފެންނަ ގޮތަކަށް ކަން ކަށަވަރު ކުރުމަށްވެސް ވަނީ ލަފާ ދީފަ އެވެ.
ކުރިން އިއުލާނު ކުރުމަކާ ނުލާ ހޯމް މިނިސްޓްރީ އިން އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުސް އޮފީހާއި ކަރެކްޝަންސް އިން އިއުލާނު ނުކޮށް 2016 ވަނަ އަހަރު ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު 6.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.