ޖަލު ހުކުމާއެކު ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިއްޖެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމްއިން ބޭއްވި ހަފްލާއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްކަން އެމަނިކުފާނަށް ގެއްލިއްޖެއެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިގެން ގޮސްފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ތަސްދީގުކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.

އެ އިސްލާހުގައި ވާ ގޮތުން އެ ގާނޫނަށް ވަނީ "ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ކިޔާ ބާބެއް އިތުރުކޮށްފައެވެ.

އެ ބާބުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި، ސިޔާސީ ޕާޓީއެއް ނުވަތަ ޖަމިއްޔާއެއްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ އެހެން މަސްއޫލުވެރި ފަރާތެއްގެ ގޮތުން ނުވަތަ އެތަންތަނުން ހިންގާ ހަރަކާތެއްގައި ބައިވެރިވުމުގެ ހައްގު ނުލިބޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާވެސް ކުރިއެވެ.

https://sun.mv/128031

ޕީޕީއެމްގެ ސުޕަ މެޖޯރިޓީ އޭރު އޮތް ރައްޔިތުންގެ މަޖިލީހުން، ހުކުމް ތަންފީޒުކުރާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މަގާމުތައް އަދާނުކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހެޅީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އެމަނިކުފާނު އެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ.

އެއާއެކު، ޕީޕީއެމުން އެ އިސްލާހު މަޖިލީހަށް ހުށަހަޅައި، އެ ޕާޓީގެ އަގުލަބިއްޔަތުން ފާސްކުރީ ސީދާ ރައީސް ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލުވާލަންކަމަށް އެމްޑީޕީންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ތުހުމަތުކުރިއެވެ.

https://sun.mv/54838

ނަމަވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބުނަމުން ގެންދިޔައީ އެއީ ވަކި މީހަކަށް ބަލައިގެން ހުށަހެޅި އިސްލާހެއް ނޫންކަމަށެވެ.

comment ކޮމެންޓް