ޔާމީން ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށް، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން --

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީގެ އިތުރުން، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް ވެސް ފަނޑިޔާރުން އެންގެވި އެވެ.

އެ މައްސަލާގައި ހުކުމް ކުރުން އޮތީ މިއަދު މެންދުރު 13:30ގައެވެ. އެ އަޑުއެހުމަށް ރައީސް ޔާމީން ވަޑައިގަތީ އެހެން ދުވަސްތަކާ ހިލާފަށް އަތް ކުރު ގަމީހެއް ތުރުކުރައްވައިގެން ބެގީވެސް ނުޖައްސަވަ އެވެ.

މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ކަމަށްވާ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. ހުކުމުގައި ވަނީ މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަކޮށްފަ އެވެ.

ކުށުުގެ ދެ އުންސުރު ފުރިހަމަވޭ، ކެމްޕޭން ފައިސާއެއް ނޫން

ހުކުމުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރަން ކުށުގެ ދެ އުންސުރެއް ސާބިތުވާން ޖެހޭ ކަމަށެވެ. އެއީ (1) ވަކި މުދަލަކީ ކުށްކޮށްގެން ހޯދާ މުދަލެއްކަމަށް އެނގި ހުރެ ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއް އޮތުން އަދި (2) އެ ހާލަތު އޮއްވައި އެ މުދަލެއް އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުން ކަމަށެވެ.

ކުށުގެ ފުރަތަމަ އުންސުރު ސާބިތުވަނީ ދައުލަތުން ހުށަހެޅި ޝަފަވީ ހެކީންގެ ތެރެއިން މުއައްވިޒު ރަޝީދާއި، އަބްދުﷲ ޒިޔަތާއި އަހުމަދު އަދީބުގެ ހެކިބަހުން ކަމަށް ހުކުމުގައިވެ އެވެ. މުއައްވިޒު ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ ކުށްކޮށްގެން ހޯދާފައި ހުރި ފައިސާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޒިޔަތު ބުނީ ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އަދި އަދީބު ވިދާޅުވި ގޮތުގައި ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރުމަށާއި، އެ އެއްބަސްވުމުން ލިބޭ ފައިސާ ނުލިބިގެން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ޔާމީން ވިދާޅުވެގެން އެކި ތަންތަނަށް ގެންގޮސްފައިވާ ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭސީސީއިން އެމަނިކުފާނަށް އަންގާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެމަނިކުފާނުގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރު ފާހަގަކޮށްފައި ވަނީ "އެމްއެމްޕީއާރްސީގެ ފައިސާއިން އަދީބު ދިން" ފައިސާގެ ގޮތުގައި ކަމުން، ހުދު ރައީސް ޔާމީނަށް ވެސް އެ ފައިސާއާ މެދު ޝައްކު އުފެދޭކަން އެނގޭކަމަށް ހުކުމުގައިވެ އެވެ.

ކުށުގެ ދެވަނަ އުންސުރު ފުރިހަމަވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާ ޖަމާކުރަން އެސްކްރޯ އެކައުންޓެއް ހަދާފައި ވަނިކޮށް، އެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުގައި ބަހައްޓައި، މުޅިން އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން، އެއީ ކުށް ކުށްގެން ހޯދި ކަމަށް ރައީސް ޔާމީނަށް ވެސް ޝައްކު ކުރެވޭ ކަމަށްވާއިރު، އެމަނިކުފާނު ކުރި އެ އަމަލުތަކަކީ އެ ޝައްކު އުފެދިފައިވާ މުދާ އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުން ނޫންކަމަށް ބުނެވޭނެ ސަބަބެއް ނެތްކަމަށް ހުކުމުގައިވެ އެވެ.

ރަައީސް ޔާމީންގެ ފަރާތުން މިވީހާ ތަނަށް ބުނަމުން އައީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އަދީބު ޖަމާކުރި ކެމްޕޭން ފައިސާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށެވެ. އެކަމަކު، ހުކުމުގައި ފާހަގަކޮށްފައި ވަނީ އެ ފައިސާއަކީ ކެމްޕޭން ފައިސާނަމަ އަމިއްލަ އެކައުންޓެެއްގައި އިންވެސްޓުކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކެމްޕޭން ފައިސާ ޖެހޭނީ ޕާޓީގެ އެކައުންޓަށް ޖަމާކުރަންކަން ހުކުމުގައި ފާހަގަކުރި އެވެ.

ހެކިބަހާ މެދު އުފެއްދި ޝައްކު

ދައުލަތުގެ ހެކިވެރިންގެ ގޮތުގައި، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނަގާފައިވާއިރު އެ ދެ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ބައެއް ކަމުންނާއި އެ ދެމީހުންނަކީ ރައީސް ޔާމީންގެ "ސިޔާސީ އަދުއްވުން" ކަމުން އެ މީހުން ބުނެފައިވާ ވާހަކަތައް ނަފީކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީންގެ ފަރާތުން ވަކާލާތުކޮށްފައިވެ އެވެ. އަދި މުއައްވިޒު ރަޝީދުގެ ހެކިބަސް ހަސަން ލުތުފީ ދައްކާފައި ހުރި ވާހަކަތަކާ ފުށުއަރާތީ އޭނާގެ ހެކިބަސް ވެސް ގަބޫލުނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ބުނެފަ އެވެ.

އެކަމާ މެދު ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކިވެރިއަކާއި، އެހެން ކިތާބީ ހެކިތަކުން، އަދީބާއި، ޒިޔަތާއި، މުއައްވިޒުގެ ވާހަކަތަކަށް ބާރުދޭ ކަމަށެވެ. އެހެންކަމުން، އެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ހުކުމުގައިވެ އެވެ. އަދި އެފަދައިން ބާރުދޭ ހެކިތައް ހުރިނަމަ، ހެކިބަސް ގަބޫލުކުރެވޭނެކަން ގާއިމުކުރަން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކަށް ހުކުމުގައި ހަވާލާދީފައިވެއެވެ.

އެސްއޯއެފްއިން ފައިސާ

އެސްއޯއެފްގެ ހުރިހާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަނޑައަޅާފައި ނުވާ އިރު، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އެސްއޯއެފްގައި ސައްހަ ފައިސާ ހުންނާނެކަން ސާބިތު ކުރަން، 10 މިލިއަން ޑޮލަރު އެސްއޯއެފްއަށް ދޭން އެމްއެމްޕީއާރްސީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހެކީގެ ގޮތުގައި އެމަނިކުފާނުގެ ފަރާތުން ޝަރީއަތަށް ހުށަހަޅުއްވާފައިވެ އެވެ.

ވޮޑަމުލާގެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލިފައިވާ ފައިސާކަމާއި، އެ ފައިސާ އެސްއޯއެފްގެ ޖަމާވިތާ އެއް ދުވަސްތެރޭ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އިރު، އެ ފައިސާ ނުލިބިގެން ލަސްވެގެން ރައީސް ޔާމީން ޒިޔަތާއި އަދީބަށް ގުޅި ކަމަށް އެ މީހުންގެ ހެކިބަހުން އެނގޭ ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން، އެ ފައިސާއަކީ ކުށްކުށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭނެ ހާލަތެއް އެބަ އޮތް ކަމަށްވެސް ހުކުމުގައިވެ އެވެ.

ފަސް އަހަރާއި ފަސް މިލިއަން ޑޮލަރު

ކުށް ސާބުވާކަމަށް ފަސް ފަނޑިޔާރުން ކަނޑައެޅުމުން ދައުލަތުން އެދޭ އަދަބަކީ ކޮބައިތޯ ޝަރީއަތުން ސުވާލުކުރި އެވެ. ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، ދައުލަތުން އެދެނީ ރައީސް ޔާމީންގެ ކުށުގެ ރެކޯޑެއް ނެތުމުން، އެންމެ ކުޑަ ޖަލު އަދަބު ކަމަށްވާ ފަސް އަހަރުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި ލޯންޑާކުރި ފައިސާގެ ފަސް ގުނައިން ދިނުމަށް ހުކުމް ކުރުމަށެވެ.

ދިފާއީ ވަކީލު އަލީ ޝާހު އެދިވަޑައިގަތީ އެހެން ދުވަހަކަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބަދަލުކުރުމަށެވެ. އެކަމަކު ޝަރީއަތުން އެގޮތަކަށް ނުނިންމިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ދައުލަތުން ތުހުމަތުކުރާ ނަމަވެސް، އެމަނިކުފާނު ދިފާއުގައި ވިދާޅުވަމުން ދަނީ، އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވުމުގެ ކުރިން އެ އެކައުންޓުން ހިންގި ޓްރާންސެކްޝަންތަކަށް ބަލާއިރު، އެންމެ ގިނަވެގެން ވެސް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި ހުންނާނީ އެމްއެމްޕީއާރްސީގެ 19،000 އެއްހާ ޑޮލަރު ކަމަށެވެ. އެ 19،000 ޑޮލަރަކީ ލޯންޑާކުރި ފައިސާކަމަށް ކަނޑައަޅައިގެން އަދަބު ދިނުމަށް ޝާހު އެދިވަޑައިގަތެވެ.

އޭގެ އިތުރުން، ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ޖޫރިމާނާގެ ގޮތުގައި ދައްކާ ފައިސާ ކަމަށާއި، އެއަށް ވުރެ އިތުރަށް ފައިސާ ދައްކަން ހުކުމް ނުކުރުމަށް ޝާހު އެދިވަޑައިގަތެވެ.

އޭގެ އިތުރުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވާފައި ވުމުން، ދައުލަތުގެ ވަކީލުން އަޑުއެހުމަށް ހާޒިރުވެތިބީ ފުރިހަމަ ހައިސިއްޔަތެއްގައި ނޫން ކަމަށް ވެސް ދިފާއުން ބުންޏެވެ. އެކަމަކު، ގާޒީ ވިދާޅުވީ، ޕީޖީ އިސްތިއުފާ ދިނުމުން، އޮޓޯއިން ޑެޕިއުޓީ ޕީޖީއަށް ޕީޖީގެ މަގާމުގެ ޒިންމާ ލިބޭނެ ކަމަށެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، މަނީ ލޯންޑަރިންގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރީމާނާ ކުރުމަށެވެ. އަދި ޖޫރީމާނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށެވެ.

comment ކޮމެންޓް