ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ވަކިމީހަކަށް ބަލައިގެނެއް ނޫން: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަކި މީހަކަށް، ވަކި ބަޔަކަށް ބަލައިގެން ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށް އެ ބިލަށް މިއަދު ބަހުސް ކުރެއްވި މެމްބަރުން ވިދާޅުވެއްޖެ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު ދިރާސާކޮށް އިސްލާހު ގެނައުމުން އެ ބިލާ ގުޅޭ ގޮތުން މީޑިއާތަކުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ ކަމަށެވެ. އަދި އެ ބިލުގައިވާ ވަކި ހާއްސަ މާއްދާއެއްގައި ހިފައިގެން މީޑިއާތަކުން އެ މާއްދާއަކާ ގުޅޭ ގޮތުން ތަފާތު ވާހަކަތައްދައްކަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނެއް ހަދަނީ ފަހަކަށް އައިސް މާ ފޭމަސް ވެގެން ކަމަށް ހެދިގެން އެ އުޅުއްވާ، އެމްޑީޕީގެ ރައީސްކަމަށް ބަޔަކު އެ ވިދާޅުވާ ކުރީގެ ރައީސް ނަޝީދުގެ ވާހަކަ. އަޅުގަނޑު އެ ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުމެން މިގައުމަށް ހަދާ ގާނޫނުތަކާއި ގާނޫނުތަކަށް މި ގެނެވޭ އިސްލާހުތަކާއި އަޅުގަނޑުމެން ވަޒަންކޮށް މިކަން ގައުމާ އެއްގޮތަށް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް އަޅުގަނޑުމެން އެކަން ކުރަމުން މިގެންދަނީއެއް ކޮންމެހެން ރައީސް ނަޝީދަށް އޭތި ފަރުމާ ކޮށްގެނެއް ނޫން އިނގޭތޯ،" މުފީދު ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މަޖިލީހުން މީގެކުރިން ވެސް ވަނީ އިސްލާހެއް ގެނެސް އެ އިސްލާހު ފާސްކޮށްފައެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގު ނުކުރައްވައި ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.

ބިލަށް ބަހުސް ކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ވެސް އެ ގާނޫނަކަށް އިސްލާހު ގެންނަމުންދާ ގާނޫނެއް ކަމަށެވެ.

އާމިރު ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ ވަރަށް ފުރިހަމަ ބިލެއް ކަމަށާއި އަދިވެސް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ވަރަށް ފުރިހަމައަށް ފާސްކުރެވިދާނެ ބިލެއް ކަމަށެވެ.

"އެއް ކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ދިވެހިރާއްޖޭގެ ޖަލުތަކަށް ވަންނަ މީހުންނަކީ އެހާ ފަސޭހައިން އެތަނުން ނިކުމެވޭނެ ތަނަކަށް ވެގެނެއް ނުވާނެ. އަޅުގަނޑުމެން މި ދިވެހިރާއްޖޭގެ ޖަލުތައް އެބަ ޖެހޭ މަސައްކަތް ލިބިގެން އާމްދަނީ ލިބޭނެ ތަނަކަށް ވެސް ވާން. އަޅުގަނޑުމެންގެ މި ރާއްޖެއަކީ ކުޑަކުޑަ ގައުމެއް ކަމަށް އަޅުގަނޑުމެން އެބަ ގަބޫލުކުރަން ޖެހޭ. އެ ޖަލުތައް ތަޅައި ސުންނާފަތި ކުރީމަ ވިސްނައިގެން ނުވާނެ މާދަމާ އައިސް އެތަން ހަދަންޖެހޭނީ ދައުލަތުން ހަރަދުކޮށްގެން ފައިސާ ހޯދައިގެންނޭ. ނޫން އެހެނެއް އެކަމެއް ނުވާނެ. ގައިދީން ލައްވައި އެކަން ކުރެވެން ޖެހޭނެ،" އާމިރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ނުގެއްލި، ޕާޓީގެ ރައީސްކަން ގެއްލޭގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

comment ކޮމެންޓް