ސައުތު އޭޝިއަން ގޭމްސް: ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީ އިވެންޓުގައި ރާއްޖެއާއި ޕާކިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލުގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ގޭމްސް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީ އިވެންޓުގައި މިއަދު ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ މައްޗަށް ޕާކިސްތާނުން ވަނީ ސީދާ ތިންސެޓުން ކުރި ހޯދައިފަ އެވެ. އެ މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 16-25 އަދި 23-25ގެ އިތުރުން 15-25 އިންނެވެ. ޕާކިސްތާނާއި ރާއްޖޭގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ ސްރީ ލަންކާ އެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީ އިވެންޓުގައި ރާއްޖެއާއި ޕާކިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ރާއްޖެ އިން މި މުބާރާތަށް ކުރިމަތިލީ ރަނގަޅު ތަމްރީންތަކަކާ އެކު އެވެ. މި އަހަރު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯނުގެ ކުރިން ރާއްޖޭގައި ވެސް ސަރަހައްދީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ސްރީ ލަންކާއާ އެކު އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފަ އެވެ. ނަމަވެސް އެ ތިން މެޗުން ވެސް ރާއްޖެ ބަލިވީ އެވެ. އެއަށް ފަހު ސެންޓްރަލްޒޯނުގައި ވާދަކޮށް ރާއްޖެއިން އުންމީދީ ކުޅުމެއް ކުޅެ މުބާރާތުގެ ތިން ވަނަ ވަނީ ހޯދައިފަ އެވެ. ތިން ވަނަ ހޮވާ މެޗުން ރާއްޖެ އެފަހަރު ކުރި ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ކުރިން އީރާނާއި ޔުގޮސްލޭވިއާއަށް ކޯޗުކަން ކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު މިލޮރަޑް ކިޔަޗް އެވެ.

ރާއްޖެއަށް ދެވަނަ ބުރަށް ދިއުމަށް ދެން ފުރުސަތު އޮންނާނީ އަންނަ ހޮނިހިރު ދުވަހ ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެންނެވެ. މި ގޭމްސްގެ ވޮލީގައި ޖުމުލަ ހަ ޓީމު ބައިވެރިވާ އިރު ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. ދެން އޮތް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބަންގްލަދޭޝް އަދި އިންޑިއާ އެވެ.

comment ކޮމެންޓް