ތުރުކީން އުފައްދާ ފުރަތަމަ ފައިޓާޖެޓް 2024ގައި ޚިދްމަތަށް ނެރެނީ

އުރުދުޣާން ތުރުކީގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަނީ

އަންކަރާ (ނޮވެމްބަރު 27) : ހަތިޔާރު އުފެއްދުމާއި އަސްކަރީ ސިނާއަތުގައި ތުރުކީން ދެން އެހެން ގައުމަކަށް ބަރޯސާ ނުވާނެ ކަމަށާއި ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ބިނާކުރުމުގެ މަސައްކަތް ބާރު މިނެއްގައި ކުރިޔަށް ގެންދާކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ޕާލަމެންޓް މެންބަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެގައުމުން އުފައްދާ ފުރަތަމަ ފައިޓާޖެޓް (ހަނގުރާމަމަތި މަތިންދާބޯޓު) ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ޚިދްމަތަށް ނެރުމަށް ކަމަށާއި އޭގެ ފެންވަރު ހަތިޔާރުގެ ސިނާއަތުގައި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުން އުފައްދާ ފައިޓާ ޖެޓަށްވުރެ ފެންވަރު ދަށްނުވާނެކަމުގަ އެވެ.

ތުރުކީއަށް ބޭނުންވާ ހަތިޔާރު އުފެއްދުމުގެ އިތުރުން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރެވޭވަރަށް ހަތިޔާރު އުފެއްދުމަކީ ވެސް ތުރުކީގެ އަމާޒެއްކަމަށް އުރުދުޣާން ވިދާޅުވި އެވެ. ތުރުކީއަކީ ކުރިން ހަތިޔާރު ހޯދުމުގައި އެމެރިކާއަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި މީގެ ދިހަވަރަކަށް އަހަރު ކުރިން ތުރުކީ ވަނީ އަސްކަރީ ސިނާއަތުގެ އިންފްރާސްޓްރަކްޗަރު ބިނާކުރަން ފަށައިފަ އެވެ. މިގޮތުން އެކިބާވަތުގެ ކުދި ހަތިޔާރާއި ބައެއް ބާވަތުގެ ބޮޑެތި ހަތިޔާރު ތުރުކީން މިހާރު ވެސް އުފައްދައެވެ. މީގެ ތެރޭގައި ރާޑަރާއި ޓޭންކް ފަދަ ތަކެތި ވެސް ހިމެނެ އެވެ.

ތުރުކީ ދާދިފަހުންވަނީ އެމެރިކާގެ ހަތިޔާރަށް ބަރޯސާވުން ހުއްޓުމަށް ޓަކައި ރަޝިޔާގައި އުފައްދާ އެސް 400ގެ ދިފާއީ ނިޒާމެއް ވެސް ގަނެފަ އެވެ. ރަޝިޔާގެ ހަތިޔާރު ގަތުމުގެ ސަބަބުން އެމެރިކާ އިން ވަނީ ބައެއް ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް ތުރުކީއާ ދެކޮޅަށް އަޅައިފަ އެވެ. މީގެ ތެރޭގައި އެމެރިކާގައި އުފައްދާ އެފް 35 މަރުކާގެ ފައިޓާ ޖެޓް މަޝްރޫއުން ތުރުކީ ބޭރުކުރުމާއި އެ ބާވަތުގެ ޖެޓް ތުރުކީއަށް ނުވިއްކަން އެމެރިކާ ނިންމި ނިންމުން ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާ ގެންދަނީ މިމައްސަލާގައި ތުރުކީއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ދެމުންނެވެ. ނަމަވެސް ތުރުކީގެ މަސްއޫލުވެރިންވަނީ އެމެރިކާގެ ބިރު ދެއްކުންތަކާއި ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީއަކީ ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ބިނާކުރެވޭވަރުގެ އަސްކަރީ ބާރާއި އިގްތިސާދާ އަދި ކަމާބެހޭ އިންޖިނޭރުންނާއި ފަންނީ ފަރާތްތައް ތިބި ގައުމެކެވެ. ތުރުކީއާ ދާދި އެއްވަރުގެ އާބާދީއެއް އޮންނަ އެގައުމުގެ އަވަށްޓެރި އީރާނުން ވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށް ފަހު ފާއިތުވި 25 އަހަރު ތެރޭގައި ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ބިނާކޮށް ދިފާއީ ކަންކަމުގައި އަމިއްލަ ނަފްސަށް ބަރޯސާވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ތުރުކީއަކީ އެމެރިކާގެ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއްގައުމު ކަމަށްވާތީ ތުރުކީ ސިފައިން އެގައުމުގެ އަމިއްލަ ހަތިޔާރަށް ބަރޯސާވެ އެމެރިކާގެ ހަތިޔާރު ގަތުން ހުއްޓާލައިފި ނަމަ އެމެރިކާއަށް ހަތިޔާރުގެ މުހިއްމު ކަސްޓަމަރެއް ގެއްލިގެންދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް