މަ ލޯތްބެއް ދެން ނުވާނަމޭ...- 4

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

އެ ވާހަކަތަކުގެ ތެރެއިން ކުއްލިއަކަށް ފަލަކް ބުނި އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެ ބުމަވެސް އުފުލިގެން ދިޔައެވެ.

"އެއީ ޖަލީލު ނިޔާވުމުގެ ކުރިންވެސް ބުނެފަ އޮތް އެއްޗެއްނު... ތިކަމާ އަހަރެންވެސް ވަރަށް ގަބޫލު... އެކަމަކު އިޔާން ގަބޫލު ނުވެއްޖެއްޔާ!" ދެން އިވުނީ ފަލަކްގެއަޑެވެ. އިވުނު އަޑެއްގެ ސަބަބުން ބުނަން އައިސް ހުރި ވާހަކަވެސް ހަނދާންނެތުނުފަދައެވެ. އަވަސް އަވަހަށް ފަހަތަށް ޖެހެމުންގޮސް ސިޑިން އަރައިގެން ގޮސް އަމިއްލަ މީހާގެ ކޮޓަރިއަށްވަދެ ދޮރުލައްޕާލާ ދޮރުފަތުގައި ލެނގިގަނެވުނެވެ.

"އަހަންނަށް ފެންނަނީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައްތައް ކުރަން... އައިރީން ވެސް މިހާރު ހަމައަކަށް އެޅިއްޖެ ހެންހީވަނީ... ދެން އެކަންތައް ކޮށްފަ ކުންފުނިވެސް އިޔާންއާ ހަވާލުކުރަންވީ... ޖަލީލުގެ ވެސް ހާދަ ބޮޑު އެދުމެކޭ މީ... އަނެއްކޮޅުން އަހަރެމެން ޖަލީލުއަށްވީ ވައުދުވެސް ފުއްދައިދެވޭނެއެއްނު" އާމިރު ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެފައިވަނީ އެހާވަރަށެވެ.

ދެން ހަނދާނަށްއައީ އިޔާން ސިޑިން އަރައިގެން ދިޔަ ގޮތެވެ. އަނެއްކާ އެމީހުން އިޔާންގާތު ކައިވެނީގެ ވާހަކަ ދެއްކީބާއެވެ. އޭނާއަށްވެސް ބަލާނުލާ ބާރު ބާރަށް ސިޑިން އަރައިގެން އިޔާން ދިޔައީ އެހެންވެހެއްޔެވެ؟ އައިރީންގެ ހިތުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ނުތަނަސްކަންވިއެވެ. އޭނާ ބެލްކަންޏަށް ނުކުމެލޭ އިޔާންގެ ހަބަރެއްވޭތޯ ބަލާލިއެވެ. ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. އިޔާންނުކުމޭތޯ އައިރީން ކުޑަ އިރުކޮޅަކު މަޑުވެސް ކޮށްލިއެވެ. އެހެންނަމަވެސް އޭގެ ފަހުން އިޔާންގެ ހިލަމެއް ނުވެއެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި އައިރީންބަލާ ފަލަކްއައެވެ. ފަލަކްއާއެކު ތިރިއަށް ދިޔައިރު މޭޒު ދޮށުގައި އާމިރުގެ އިތުރުން އިޔާންވެސް އިނެވެ. އައިރީންއާއި ފަލަކް އިށީނުމާއެކު އާމިރު އައިރީންގެ ހާލު އަހާލިއެވެ. އެއަށްފަހު އޭނާ ފަލަކްއަށް ބަލާލިއެވެ. ކެއުމަށް އިންސާފުކުރަން ފެށުމަށްފަހު އާމިރު އެންމެންގެ ސަމާލުކަން ހޯދާލިއެވެ. އާމިރު ވާހަކަފެށީ އަދިވެސް އެއްފަހަރު ފަލަކްގެ އިޝާރާތެއް ހޯދާލުމަށްފަހުއެވެ.

"އިޔާން... އައިރީން... ތި ދެކުދިންނާއި ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެފެ އެބައޮތް... މިއީ އައިރީންގެ ބައްޕަ ނިޔާވުމުގެ ކުރިން އެދިފައި އޮތް ވަރަށް ބޮޑު ކަމެއް... އަނެއްކޮޅުން ބައްޕައާއި މަންމަގެ ވެސް ވަރަށް ބޮޑު އެދުމެއް..." އާމިރުގެ ވާހަކަތަކުން އައިރީންގެ ހިތް ތެޅިގަތެވެ. އިޔާން ހީކުރީ އެ ބުނަން އުޅެނީ ކުންފުނީ ވާހަކަކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއްނޫނެވެ.

"ބައްޕަމެން ބޭނުންވަނީ ދަރިފުޅުމެން ދެކުދިން ކައިވެނިކުރަން." އިޔާން އަށް ލިބުނީ ކުއްލިސިހުމެކެވެ. އޭނާއަށް ވަގުތުން ދެލޯ ބޮޑުކޮށްލެވުނެވެ. ބަލާލެވުނީ އައިރީންއަށެވެ. އޭރު އައިރީންއޭނާއަށް ބަލަން އިނދެފައި އިސްތިރިކޮށްލަނީއެވެ. އެކަމާ ދެކޮޅުހަދަން ބޭނުންވި އިޔާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލަންވެސް އުޅުނެވެ. އެހެންނަމަވެސް ބައްޕަ ވާހަކަ ދައްކަން ފެށުމާއެކު އޭނާއަށް އަނެއްކާވެސް އަނގަ ލައްޕާލަންމަޖުބޫރުވީއެވެ.

"ބައްޕަގެ އެދުމަކީ ކައިވެންޏަށްފަހު އިޔާން އެ ކުންފުންޏާއި ހަވާލުވުން..." ފަލަކްވެސް ބޯ ޖަހާލީ އާމިރުގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުންނެވެ. އައިރީންގެ މުޅިހަށިގަނޑަށް ބުނެދޭންނޭނގޭފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. ނޭވާ އަވަސްވެ ހިތުގެ ހިނގުންބާރުވެގެން ދިޔައެވެ. މުޅި އެތެރެހަށި އެކީ ހަލަބޮލިވެގެންދިޔައެވެ. އެ އިޙްސާސްތަކުގެ ބާރުގަދަކަމުގެ ސަބަބުން އަލަށް އައިރީންއަށް އޭނާގެ ހިތުގައި އިޔާންއަށްޓަކާ ކޮންމެވެސް ކަހަލަ އިޙްސާސްތަކެއް ވާކަން އެނގުންވެގެން ދިޔައެވެ. އެ ހިނދު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭރު އައިރީންއަށް ނޭނގުނު ކަމަކީ އެ ހިނިތުންވުމުގެ ސަބަބުން އިޔާންގެ ދެބުމަ ގޮށްޖެހިގެން ދިޔަކަމެވެ. އިޔާންގެ ލޭ ހޫނުވެގެން ދިޔަކަމެވެ.

އައިރީންގެ ތުންފަތުގައި ކުޅެމުންދިޔަ ހިނިތުންވުމުގެ ސަބަބުން އިޔާންގެ ރުޅިވެރިކަން ދެގުނަ ވެގެން ދިޔައެވެ. ޒަވާޖީ ހަޔާތެއް ފެށުމަކީ އޭނާ ދުވަހަކުވެސް ވިސްނާ ކަމެއްނޫނެވެ. އެހެންނަމަވެސް އައިރީންގެ ކުރިމަތީގައި ބައްޕަގެ ބަހަށް ދެކޮޅު ހެދުނުގެ ހިތްވަރު ނެތުމާއެކު އިޔާން މަޑުކުރީ ފަހުން އެވާހަކަ ބައްޕައާ ދައްކާށެވެ. އޭނާއަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނެވެ. ބައްޕަ އެ ބުނާ ގޮތަކަށް ކަންތައް ކުރާނެކަން އެނގި ހުރެވެސް އިޔާން އެއްފަހަރު ބައްޕައާއި ވާހަކަ ދައްކަން ނިންމީ އޭނާގެ ހިތުގެ ހާލު ބައްޕައަށް އިޙްސާސްވާނޭ ހިތާއެވެ.

ކައިގެން ފުރަތަމަ އިޔާން ދިޔައީ ކޮޓަރިއަށެވެ. ގޮސް ފެންވަރައިގެން އޭނާ ތިރިއަށް ވަދެލީ އާއްމުކޮށް ރޭގަނޑު ބައްޕަ ސްޓަޑީގައި އިންނާނެތީއެވެ. އޭނާ ތިރިއަށް ގޮސް އެތެރެއަށް ވަދެވެން އިންނަބައިން އެތެރެއަށް ވަނެވެ. އެއަށްފަހު ދެފަރާތަށް ހުޅުވާލެވޭ ގޮތަށް ހުރި ބޮޑު ދޮރު ހުޅުވާލާ އެތެރެއަށް ވަދެލިއެވެ. އެތަނުގައި ބަހައްޓާފައި ހުރި ބިއްލޫރި ވަށްމޭޒު ދޮށުގައި ހުރި ގޮނޑީގައި ބައްޕަ އިނެވެ. އިޔާން ފެނުމާއެކު އައިސް އިށީނުމަށް އެދުނެވެ. މޭޒުގައި ބައްޕައާ ކުރިމަތި ވާގޮތަށް އިޔާން އިށީނުމާއެކު ކިޔަން ގެންގުޅުނު މެގަޒިން ލައްޕާލުމަށްފަހު އިޔާންއަށް ސަމާލުކަން އާމިރު ދިނެވެ.

"ބައްޕާ... އަޅުގަނޑު މި ކައިވެނި ކުރާކަށް ބޭނުމެއް ނޫން" ނުބުނަން ހުރެފައިވެސް ހިތްވަރުކޮށްލާފައި އެ ބަސްތައް އިޔާން އޭނާގެ އަނގައިން ބޭރުކޮށްލިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެޔޭ މީހުންބުނާ ބަހަކީ ހާދަ ތެދުބަހެކެވެ. އެ ބަސްތައް އަނގައިން ބޭރުކޮށްލި ވަގުތުން ފަށައިގެން އޭނާގެ ނަފްސަށް ލުއިކަން އިޙްސާސްކުރެވުނެވެ.

"އިޔާން!... އިޔާންގެ ހަޔާތުގެ ބައިވެރިއަކަށް ގެންނަން ކަމުދާ ކުއްޖެއް އެބަހުރިތަ؟" އާމިރު ސުވާލުކޮށްލިއެވެ. އެފަދަ ކުއްޖެއް އިޔާންގެ ހަޔާތުގައި ހުރިނަމަ ދެވަނަ ވިސްނުމަކަށް ދެވިދާނެއެވެ.

"ބައްޕައެބަ ސުވާލެއް ކުރަމޭ އިޔާންއާ" އާމިރުގެ ސުވާލަށް ޖަވާބު ނުލިބުމާއެކު އޭނާ ދެވަނަފަހަރު ސުވާލު ތަކުރާރުކޮށްލިއެވެ.

ދެފަރާތަށް ބޯ ހޫރާލި އިޔާން އާމިރުއަށް ބަލާލިއެވެ.

"ދެން ކޮބާ މައްސަލައަކީ.... ދެކުދިން އެކީގައި އުޅެން ފެށީމަވެސް ރަނގަޅުވާނޭ... މީ ބައްޕަ ނިންމާފަ އޮތް ގޮތް... " އާމިރު ބުނެލިއެވެ.

"އެކަމަކު އަޅުގަނޑު މިކަން ކުރަން ބޭނުމެއްނޫނޭ ބުނެފިއްޔާ" އިޔާން ފުރަތަމަ ފަހަރަށް ކަމަކާ ދެކޮޅު ހަދާކަން ފާޅުގައި ހާމަކުރިއެވެ.

"އިޔާން... ކީއްވެ އެއްވެސް ކަހަލަ ޒިންމާއެއް ނަގަން ބޭނުން ނުވެގެން ތިއުޅެނީ... މާދަމާވެސް މި އާއިލާގެ ހުރިހާ ޒިންމާއެއް ބޮލުގައި އަޅަން ހުރި މީހަކީ އިޔާންއޭ... ވަޒީފާއަށް ދާން ބޭނުމެއްނޫން... މީހަކާ އިންނާކަށް ބޭނުމެއް ނޫން... ދެން އިޔާން ބޭނުންވަނީ ކޮންކަމެއް؟ ހަތަރު ދަމު ބޭރުގަ އުޅެފަ ގެއަށް އައިސް ކައިފަ ނިދާފަ.... ނަމާދެއް ކުރަނީ އެއްނޫން" އާމިރު ހިތްހަމަ ނުޖެހުނެވެ.

"ބައްޕަގެ މިއެދުން އިޔާންއަށް ފުއްދައެއް ނުދެވޭނެތަ؟" އާމިރު ސުވާލުކޮށްލިއެވެ.

"ކައިވެނި ކުރާނަން" އިޔާން ބުނެލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި އޭނާ ނުކުމެގެން ދިޔައީއެވެ. ކޮޓަރިއަށްވަދެ ފާރުގައި ގޮށްމުށުންޖަހާފައި އެތް އަތުގައި ނިތްކުރި ޖައްސާލައިގެން ހުއްޓެވެ. އެހެން ހުރިއިރު އޭނާއަށް ސިފަވަމުންދިޔައީ އައިރީންގެ ހިނިތުންވެފައިވާ ސޫރައެވެ. އޭނާ ބޭނުންވަނީ އައިރީން ލައްވާވެސް ނޫނެކޭ ބުނުވާށެވެ. އައިރީން ނޫނެކޭ ބުނެފި ނަމަ ބައްޕަ އެއްބަސްވެދާނެއެވެ.

ކޮޓަރިން ނުކުމެގެން ގޮސް އައިރީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ލަސްތަކެއްނުވެ އައިރީން ދޮރު ހުޅުވާލިއެވެ. ކުރިމަތިން އިޔާން ފެނިގެން އެނާގެ މޫނުމަތި ލަދުން ރަތްވެގެން ދިޔައެވެ. އައިރީންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާއަށް އުނދަގޫވެގެން ދިޔައެވެ. އެތެރެހަށީގައި ރުޅިވެރިކަން ހުޅު ރޯކުރިއެވެ. އެހެންނަމަވެސް މިވަގުތު އައިރީންއަށް ރުޅިބޭލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ފުރަތަމަ ބަލަންވީ އައިރީން ރުއްސައިގެން އެކަން ހުއްޓުވޭތޯއެވެ. އެހެންނަމަވެސް އެހާ އަވަހަށް އެއީ ވާނެކަމެއްނޫނޭ އޭނާގެ ނަފްސު ގޮވަން ފަށައިފިއެވެ.

"އަހަރެން އެބައޮތް އައިރީންއާއި ވާހަކަ އެއްދައްކައިލަން ބޭނުންވެފަ" އިޔާން ބުނެލިއެވެ. އައިރީން ބުމަ އަރުވާލިއެވެ.

ދެމީހުން އެކުގައި ގޮސް ރެއިލިން ކައިރީގައި މަޑުކޮށްލިއެވެ. އައިރީންގެ މައުސޫމް މޫނައް އިޔާން ބަލާލިއެވެ. އެ މޫނުމަތިން ކިތަންމެ އުފާވެރިކަމެއް ފެނުނަސް އެ އުފާވެރިކަމުން އޭނާއަށް ލިބުނީ މާޔޫސްކަމެކެވެ.

"އައިރީން ބޭނުންވޭތަ އަހަންނާ އިންނަން" ކުއްލިއަކަށް އިޔާން އަހާލި ސުވާލާ އެކު އައިރީންއަށް އިޔާންގެ މޫނަށް ބަލާލެވުނެވެ. އާބަސް ބުނަން ހިތުން ގޮވަމުން ދިޔަނަމަވެސް އިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އޭނާއަށް ފަސްޖެހެވުނެވެ.

"އައިރީން... އަހަރެން ބޭނުމެއްނޫން އަދި މެރީ ކުރާކަށް.... މި ކައިވެންޏާ ދެކޮޅު އައިރީން ހަދައިފިއްޔާ ބައްޕަވެސް އެއްބަސްވާނެ" އައިރީންގެ އަތުގައި ހިފައްޓާލަމުން އިޔާން ބުނެލިއެވެ. އެ އަޑު އަހާފައި އައިރީންއަށް އޭނާގެ އަތް އިޔާންގެ އަތު ތެރެއިން ދަމައިގަނެވުނެވެ.

އެހިނދު އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވީ ކީއްވެކަމެއް ނޭނގެއެވެ. ބައްޕަގެ މަރަށްފަހު ވަރަށް އަވަސް އަވަހަށް އައިރީން ޖަޒުބާތީވެދެއެވެ. މިފަހަރުވެސް ވީ އެހެންކަންނޭނގެއެވެ. އެބަސްތައް އިޔާންގެ ދުލުން ދެވަނަ ފަހަރު ތަކުރާރު ވެގެން ދިޔުމާއެކީ އޭނާގެ ސިކުނޑީގައި ޓަކި ދޭން ފެށީ އާމިރުގެ ބަސްތަކެވެ. އެއީ އޭނާގެ ބައްޕަގެ ވެސް އެދުމެކެވެ. އެހެންކަމުން އެކަމާ ދެކޮޅު ހަދާކަށް އޭނާއަކަށް ނުކެރޭނެއެވެ. އިޔާން ބޭނުންނުވިޔަސް އޭނާއަށް ޖެހޭނީ އެކައިވެނި ކުރާށެވެ. ސަބަބަކީ ބައްޕަގެ އެދުމަކަށް ދެކޮޅު ހަދާނެހާ ހިތްވަރު އައިރީންގެ ނެތީމައެވެ. އަނެއްކޮޅުން އޭނާގެ ހިތްވެސް ގޮވަމުންދިޔައީ އިޔާންއާއި ކައިވެނިކުރުމަށެވެ.

އެއްޗެއްނުބުނެ ހުރެފައި އައިރީން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ބެލްކަނި ދޮރު ކަހާލައިފިއެވެ. އެއާއެކު އިޔާން އައި ރުޅިން ގޮށްމުށްކަވާފައި ރެއިލިންގައި ޖަހާލިއެވެ. އަމިއްލަ އަތަށް ތަދުވިނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އައިރީންއާމެދު ހިތުގައި ރުޅިވެރިކަން އުފެދިގެން ދިޔައެވެ. ގޭގައި ހުންނަން ބޭނުން ނުވުމާއެކު އިޔާން ތިރިއަށްފޭބީ ބޭރަށް ދިޔުމުގެ ބޭނުމުގައެވެ. ތިރިއަށް ފޭބިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާ ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް ނުކުތެވެ.

*****

ރޭގަނޑު ގަޑިން އެކެއް ޖަހަނީއެވެ. މިރޭވެސް ކުއްލިއަކަށް ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކޮށްލުމަށްފަހު ވާރޭ އޮއްސާލައިފިއެވެ. ވާރޭ އަކީ އައިރީން އަބަދުވެސް ވަރަށް ލޯބިކުރާ އެއްޗެކެވެ. އެހެންކަމުން އޭނާ ބެލްކަންޏަށްނުކުމެލިއެވެ. އިޔާންގެ ވާހަކަތަކުގެ ސަބަބުން އޭނާގެ ލޮލާ ނިދިވެސް ވަނީ ރުޅިވެފައެވެ. ރެއިލިން ކައިރިއަށްޖެހުލުމާއެކު ވާރޭގެ ތިކިތައް ރުޅިވެރިކަމާއެކު އޭނާގެ މޫނަށް ކޮންމެވެސް ވަރަކަށް ހަމަލާ އަމާޒުކުރަން ފެށިއެވެ. އަތް ނެރިލަމުން އޭނާ ދެލޯ މަރާލިއެވެ.

އެ ކަމުން އޭނާއަށް އުފާވެރިކަން ލިބެމުން ދިޔައެވެ.

އިޔާންގެއަށް އައިސް ވަނީ ތެމިގެންނެވެ. ސިޑިން އަރައިގެން ގޮސް ބެލްކަންޏަށް ނުކުމެލިތަނާ އޭނާގެ ލޮލުގައި މިރޭވެސް އައިރީން އަޅައިގަނެއްޖެއެވެ. ކައިރިއަށް ޖެހިލުމާއެކު އެއް އަރިމަތިންވެސް އައިރީންގެ ތުންފަތުގައި ވި ހިނިތުންވުން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ ރުޅުވެރިކަން އުތުރު އެރި ފަދައެވެ. ނިކަން ބާރަށް އައިރީންގެ އަތުގައ ހިފާ އޭނާއާއި ދިމާލަށް އަނބުރުވާލާފައި ރެއިލިންއާއި އޭނާގެ ހަށިގަނޑާ ދެމެދު އައިރީންހައްޔަރުކޮށްލައިފިއެވެ.

(ނުނިމޭ...)

https://sun.mv/127766

comment ކޮމެންޓް