މަ ލޯތްބެއް ދެން ނުވާނަމޭ... - 3

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

މަޑުމަޑުން އައިރީން ދެލޯ ހުޅުވާލުމާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.

އައިރީންއަށް ސިހިފައި ދުރަށްޖެހިލެވުނެވެ. އިޔާންގެ ދެލޮލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އައިރީން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އިޔާންވެސް ދެ ފަރާތަށް ކޮނޑު އަރުވާލަމުން ގޮސް ކޮޓަރިއަށް ވަނީއެވެ.

*****

އާމިރު ޖަލީލުމެން ކުންފުނި ޑައިމަންޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ މައި އޮފީހަށް ދިޔައީ އޭނާ ޖަލީލުއަށް ވެފައިވާ ވައުދު ފުއްދުމުގެ ބޭނުމުގައެވެ. އެތަނުގެ އެތެރޭގައި ދުވަހަކު އައިރީންއަށް އެނގެން ބޭނުންނުވާ ސިއްރެއް ފޮރުވިފައި ވާނެއެވެ. އެ ސިއްރު އެނގޭ ދުވަހަކުން އައިރީންގެ ހިތްވެސް ކުދި ކުދި ވެދާނެއެވެ. އޭނާ ދިޔުމާއެކު އެތަނުން އޭނާއަށް މަރުޙަބާ ކީ ޖަލީލުގެ ސެކެޓްރީ ސަމާހުއެވެ. ސަމާހުއާ އެކުގައި ޖަލީލުގެ ކެބިންއަށް ވަތް އާމިރު ވަރަށް ފުންކޮށް އެ ކެބިންއަށް ބަލާލިއެވެ. ތަންކޮޅެއް ކުރިއަށް ޖެހިލާފައި ސަމާހުއަށް ބަލާލާފައި އޭނާ މަޑުޖެހިލިއެވެ. އެއާއެކު ސަމާހުއަށް އާމިރު އެ ބުނަނީ ކީކޭކަން އެނގުނު ފަދައެވެ. އޭނާ މަޑު މަޑުން ފަހަތަށް އެނބުރިލާފައި ގޮސް ނުކުމެއްޖެއެވެ.

ކުރިމަތީގައި ހުރި މޭޒަށް ބަލާލާފައި ގޮސް އެމޭޒުގެ އެއްފަރާތުގައި އޭނާ މަޑުކޮށްލިއެވެ. މޭދުގެ ފަހަތުގައި ޖަހާފައިވާ ހުދު ބިއްލޫރީގެ ސަބަބުން ބޭރު ވަރަށް ސާފުކޮށް ފެނެއެވެ. އެތަނުގައި ބަހައްޓާފައި ހުރި އައިރީންއާއި ޖަލީލު އަދި އޭނާގެ އަންހެނުންގެ ފޮޓޯއަށް ވަރަށް ފަރުވާތެރިކަމާއެކު އާމިރު ބަލާލިއެވެ. އޭނާގެ ނަޒަރު ދެން ދަތުރުކޮއްލީ އެއްފަރާތުގައި ހުރި ބުކްސެލްފަށެވެ. އެއަށްފަހު އަނެއްފަރާތު ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯފްރޭމްއަށް އޭނާ ބަލާލިއެވެ. އިރުއޮއްސޭ މަންޒަރެއް ކުރަހާފައި އިން އެ ފްރޭމް ގާތަށް ހުއްޓިފައި އޭނާ އަދި އެއްފަހަރު އެ ކޮޓަރިއަށް ބަލާލިއެވެ. ދެން އެނބުރި އެ ފޮޓޯގަނޑު އެއްފަރާތަކަށް ވާ ގޮތަށް ކަހާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އެކުވެރިޔާ ބުނި ތަޅު އަޅައިގަތެވެ. ޖީބުން ނެގި ތަޅުދަނޑިން އޭނާ އެ ތަޅު ހުޅުވާލާ ދޮރު ވެސް ހުޅުވާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ޖެހުނީ އެތެރޭގައި އިން ސޭފް ހުޅުވާށެވެ. އެކުވެރިޔާ ދީފައިން ހަތަރު ނަންބަރު ޖަހާފައި އޭނާ އެ ހުޅުވާލިއެވެ. އެތެރެ ބަލާލިއެވެ. އޭގައި ހަތަރު ފައިލެއް އޮތެވެ. ފަހަރަކު ފައިލެއް އޭނާނެގިއެވެ. އޭގައި ލިޔެފައިވާ އެއްޗެއް މަތި މަތިން ބަލާލުމަށްފަހު ގެންގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ސޭފް ލައްޕާލާ ތަޅުލުމަށްފަހު ފްރޭމްވެސް ދަމާލާ އެ ތަން ފަރުދާ ކޮށްލިއެވެ.

އެ ފައިލްތައް ހިފައިގެން ނުކުތް އިރު ބޭރުގައި ސަމާހް ހުއްޓެވެ. ސަމާހު ހިނިތުންވެލިއެވެ. ހީވަނީ އޭނާގާތު ކަންތައް ކުރަންވީ ގޮތް ޖަލީލު ބުނެފައިވާ ހެންނެވެ. އާމިރު އެ ހިފައިގެން ގޮސް ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. އޭނާގެ ބެލުމުގެ ދަށަށް އެ ގެނައި ފައިލުތަކަކީ ވަރަށް މުހިންމު ލިޔެ ކިޔުންތަކެކެވެ.

ގެއަށްގޮސް އޭނާގެ ސްޓަޑީގައި ހުންނަ އޭނާއަށް ޚާއްސަ ސޭފްއަށް ލާ އެ އެއްޗެހި ރައްކާކުރިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ދިޔައީ ބޭރަށެވެ.

*****

އެގޭގައި ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. އައިރީންގެ އުޅުމަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. އެކަނިވެރިކަމަށް އޭނާ ލޯބި ކުރެއެވެ. އެހެންނަމަވެސް ފަލަކް ވީ ވަރަކުން އޭނާގާތު ހިތްވަރު ދޭން ހުންނާތީ މީހާވެސް ހަމަޖެހެމުންދެއެވެ. ދިރިއުޅުމަށް ހިތްވަރު ލިބެމުން ދެއެވެ. މިވީ ދުވަސްތަކުގައި އޭނާއަށް އިޔާންއާ ވަރަށް ގިނައިން ދިމާވެއެވެ. ރޭގަނޑު އެތައް ދަމެއް ނުނިދި ބެލްކަނީގައި އައިރީން ހޭދަކުރެއެވެ. ކޮންމެ ރެއަކުވެސް އިޔާން ގެއަށް އަންނަނީ އެކެއް ދެއެއް ޖަހާފަހުންނެވެ. އިޔާންގެ އުޅުން ހުންނަ ގޮތުން ފަލަކްމެންވެސް އެހާ ހިންހަމަ ނުޖެހޭކަން އައިރީންއަށް އެނގެއެވެ. އިޔާން ބައެއްފަހަރު އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ގިނަ ފަހަރު އެއްޗެކޭ ނުބުނި ނަމަވެސް އައިރީންވެސް މަދުމަދުން އެއްޗެކޭ ބުނެލައެވެ.

ހަޤީގަތުގައި އިޔާން އަކީ ކާކުކަމާއި އިޔާންގެ މިޒާޖެއް އެއްގޮތަކަށްވެސް އައިރީންއަކަށް ދެނެއެއް ނުގަނެވެއެވެ. އިޔާން ގޭން ބޭރުގައި އެހާ ގިނަވަގުތު ހޭދަ ކުރަނީ ކީކުރަންހެއްޔެވެ؟ އަނެއްކާ މައިންބަފައިންނަށް ސިއްރުން ޑްރަގް ބޭނުންކުރަނީ ބާއެވެ. ވިސްނާވިސްނާވެސް އައިރީންއަށް ސަބަބެއް ނޭނގުނެވެ. ފެންނަފެނުމަށް އަބަދުވެސް ހުންނަނީ ވަރަށް ސްމާރޓްކޮށެވެ. ހޭންޑްސަމްކޮށެވެ. އައިރީންގެ ހިތުގައި އިޔާންއަށްޓަކާ ޚާއްސަ ޝައުގުވެރިކަމެއް އުފެދިގެން ދިޔައެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ އެ ޝައުގުވެރިކަން އޭނާގެ ހިތުގައި އިޔާން އަށްޓަކައި އާދަޔާ ޚިލާފް އިޙްސާސްތަކެއް އުފަންކުރުވައިފިކަމެވެ.

އެ އިޙްސާސްތަކުގެ ސަބަބުން އޭނާއަށް ކޮންމެރެއަކު އިޔާން ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށިކަމެވެ. އިޔާންގެއަށް އަންނަ ގަޑީގައި އިޔާންގެ މޫނު ދެކިލާފައި ނޫނީ ނިދަން ވަންނަހިތެއް އައިރީން ނުވެއެވެ. އޭރު އެ ހިތުގައި ހިނގަމުންދިޔައީ ކޮންކަހަލަ އިޙްސާސްތަކެއްކަމެއް އައިރީންއަކަށް ނޭނގެއެވެ. ޒުވާން ހިތުގައި އާދަޔާހިލާފް ގޮތަކަށް ވިންދެއް ޖަހަން ފެށިކަން އޭނާއަކަށް އިޙްސާސްއެއް ނުވެއެވެ.

އެއީވެސް އެފަދަ ރޭގަނޑެކެވެ. އައިރީން ބެލްކަނީގައި މަޑުކޮށްލައިގެން ހުރެފައި ގަޑިއަށް ބަލާލިއެވެ. ގަޑިން އެކެއް ޖަހާ ބޮޑުވެއްޖެއެވެ. އިޔާން އަދިވެސް ގެއަކަށް ނާދެއެވެ. އަނެއްކޮޅުން އޭނާގެ ލޮލުގައި ވެސް ނިދީގެ އަސަރެއް ނުވެއެވެ، އެހެންހުރި އިރު ދޭތެރެ ދޭތެރެއިން ބައްޕަގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ވަކި ހިއްޕާލައެވެ. އަދިވެސް އެ ހަނދާންތަކުން ދުރަށް ދެވޭ ގޮތެއް ނުވެއެވެ.

އެ ބައްޕަ މި ދުނިޔެއާއި އަލްވަދާއު ކިޔުމުގެ ކުރިން އޭނާ ހޭނޭރީ ކީއްވެހެއްޔެވެ؟ އެންމެ ފަހު ފަހަރަށް ބައްޕަގެ މޫނު ދެކިލަން އޭނާއަށް ފުރުސަތު ނުލިބުނީ ކީއްވެހެއްޔެވެ؟. ތަޤުދީރުގެ އޭނާއާއި ކުރި ސަމާސާގެ ސަބަބުން އެ ހިތް އެކީ ހަލާކުވެއްޖެއެވެ. މަންމަގެ ހަނދާން ވެސް ހުންނަނީ ކިރިޔަ ކިރިޔާއެވެ. އެހާ ކުޑައިރު މަންމަ ނިޔާވުމުން ދެން އޭނާ ގާތުގައި ހުރިހާވެސް މީހަކީ ބައްޕައެވެ. އެ ބައްޕަގެ މޫނު އެންމެފަހު ފަހަރަށް ނުފެނުމުން އަދިވެސް އައިރީން އެކަމާއި ހިތާމަކޮށް ރޮއި ހަދައެވެ. އެ އެކްސިޑެންޓްގެ ހަނދާންތައް ސިފަވާ ކޮންމެ ފަހަރަކު އޭނާގެ ދެލޯ ކަރުނައިން ފުރި ބާރުވެގެން ދެއެވެ. ކަރުނަތައް ފައިބައިގެން ދެއެވެ. މިރޭވެސް އައިރީންއަށް ވީ އެފަ ގޮތެކެވެ. މަޑުމަޑުން ތުންފަތުގައި ދަތް އަޅާލަމުން އޭނާ ބެލްކަންޏަށް ތިރިވީ އެ ފައިން ވާގިދޫވާން އުޅޭހެން ހީވެފައެވެ. ބެލްކަނީގެ ފާރުގައި ބުރަކަށި ޖައްސާލާ އިށީނދެފައި އޭނާ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލުމާއެކު އެތަކުގައި ދެން ހަރުލައިގެން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ.

ބެލްކަންޏަށް ނުކުންނަން އައި އިޔާންގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު އޭނާއަށް މަޑުޖެހިލެވުނެވެ. އިރުކޮޅަކު މަޑުކޮށްލީ އައިރީންގެ އަޑު ކެނޑެން ދެނެވެ. އެހެންނަމަވެސް އެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދިޔައީތީ އޭނާ ބެލްކަންޏަށް ނުކުމެލާ އައިރީންއަށް ގޮވާލިއެވެ. އެއަޑު އައިރީންގެ ކަންފަތުގައި ޖެހުމާއެކު އައިރީން އަތް ތިރިކޮށްލިއެވެ. އިޔާންފެނި އަޑުވެސް ކަނޑައިގެން ދިޔައެވެ. އެހެންނަމަވެސް އެއްފިޔަތައް ފޫދުއްވާލާފައި އޮހެމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނަޔެވެ. އެ ދިމާލަށް އައި އިޔާންވެސް ހުރީ ފުރަތަމަ ކަންތައް ކުރާނީ ކިހިނެތްކަން ނޭނގިފައެވެ. މަންމަ ފަލަކްގެ ފަރާތުން އިޔާންއަށްވެސްވަނީ އައިރީން އާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އެނގިފައެވެ. އައިރީންގެ ބައްޕަ ކުއްލިއަކަށް ނިޔާވުމުން އެފަދަ ގޮތެއް ވެދާނެއެވެ.

"އައިރީން... " އިޔާން ގޮވާލިއެވެ. ކޮޓަރީގައި އޮވެ އައިރީން ރޯއިރުވެސް އެ އަޑު އިވޭ ހަމަ އެކަނި ފަރާތަކީ އިޔާންއެވެ. ބައެއްފަހަރު އައިރީން އަމިއްލަ ނަފްސާ ޝަކުވާކުރާ އަޑުވެސް އޭނަ އަހައެވެ.

އިޔާންއަށް ބަލާލާފައި އައިރީން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމާއެކު އިޔާން އައިރީންއަށް ގޮވާލިއެވެ. ވަގުތުން އައިރީންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނާ އެ ހުރި ގޮތަށް ހުއްޓާ އިޔާން އައިސް ކުރިމަތީގައި ހުއްޓި އައިރިންގެ ދެލޮލަށް ބަލާލައިފިއެވެ.

"އައިރީން... ވެފައި އޮތް ކަމަކާ ތިހާ ހިތާމަކުރުމުގެ ބަދަލުގަ ކުރިއަށް ފިޔަވަޅު އަޅަން ދަސްކުރޭ... އައިރީން ބައްޕަ ދެކެ ވަރަށް ލޯބިވާކަންވެސް އިނގޭ... ވިސްނާލަބަލަ... އައިރީން ބައްޕަ މިއަދު ދުނިޔޭގައި ހުރިނަމަ އައިރީން ތިފަދައިން ހިތާމަ ކުރާތަން ބަލަން އައިރީން ބައްޕަ ބޭނުންވާނެތަ؟ އެ ބައްޕަ އެހޭ ލޯބިން ބަލާބޮޑުކުރި ދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން ބަލަން އެ ބައްޕައަކަށްވެސް ކެތެއް ނުވާނެ... އައިރީން ޖެހޭނީ ހިތްވަރު ކުރަން.... " އިޔާން އެތަކެއް ވާހަކައެއް ދެއްކިއެވެ. އެއިން ކޮންމެ ވާހަކައަކުން އައިރީންއަށްވެސް ހިތްވަރު ލިބެމުންދިޔައެވެ. ދެމީހުން އެކުގައި ބެލްކަނީގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި އެތެރެއަށް ވަނެވެ.

*****

ފަތިސްނަމާދު ވަގުތަށް ފަލަކްއާއި އާމިރުވެސް ތެދުވިއެވެ. އާމިރުގެ ގަމީސް ގެނެސްދީފައި ފަލަކްގޮސް އެނދުގައި އިށީނީ އާމިރު ދިޔުމުން ނަމާދަށް އެރުމުގެ ބޭނުމުގައެވެ.

"މިހާރު އެ ވާހަކަ އިޔާން އާއި ދައްކައިފިންތަ؟" ފަލަކް ސުވާލުކޮށްލިއެވެ.

"އަދި އެ ވާހަކަ ނުދެއްކިގެން މިއުޅެނީ... އަހަންނަށް ފެންނަ ގޮތުން އެ ގޮތަކީ އެންމެ ރަނގަޅުގޮތް... އެއަށްވުރެ ހަރުދަނާ ވާން ބޭނުންވަނީ... އިޔާންގެ އެ އުޅުން އެއްގޮތަކަށްވެސް ކަމަކުނުދޭ... އޮފީހަށް ޖޮއިންކުރަންވެސް އިޔާންއަށް ފުރުސަތު ދިނީމެއްނު... އެކަމަކު އިޔާން އަމިއްލައަށް އެކަމަށް ދެކޮޅު ހެދީ.... އެ ފުރުސަތު ބޭނުން އިޔާން ނުކުރީމަ އަހަރެންވެސް އޭރު އެހާ އަޅާނުލީ މަޖުބޫރު ކުރުވަން ބޭނުންނުވާތީ... އަދި ކިޔަވައިގެން އައިސް ކުޑަ ދުވަސްކޮޅަކު އަރާމު ކޮށްލާފައި އިޔާން އަމިއްލައަށް ބުނާނެ ކަމަށް ހީވީމަ... އެކަމަކު އެހެންނެއްވެސް ނުވިއެއްނު... ދެން އިޔާން ޖެހޭނީ އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރަން ... ކުރިން ދިން ފަދަ ޗޮއިސްއެއް އަހަރެން ދެން އިޔާންއަކަށް ނުދޭނަން.... " އާމިރު ބުނެލިއެވެ. އެ ވާހަކައަށް ފަލަކްވެސް އެއްބަސްވިއެވެ. އާމިރު ނުކުތުމާއެކު ފަލަކްވެސް ފާހާނާއަށްވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދުކޮށްލިއެވެ.

ފަލަކްއަކީ އެއްއިރެއްގައިވެސް ފަތިސް ނަމާދަށްފަހު ނިދާމީހެއްނޫނެވެ. އިޔާން ނަމާދުކޮށްފިތޯ ބަލަން ވެގެން އޭނާ މައްޗަށް އަރަން ގަސްތުކުރިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ޓަކި ޖަހާލުމުންވެސް އިޔާން ދޮރެއް ނުހުޅުވިއެވެ. އޭރު އައިރީންގެ ކޮޓަރިހުރީ ދިއްލާފައެވެ. ދޮރާ ދިމާލުން ކުޑަކޮށް ފޮތިގަނޑު ހުރީ ކަހާލާފައިކަމުން އޭނާއަށް ކޮޓަރީގެ އެތެރެ ރީތިކޮށްފެނުނެވެ. އައިރީން ކޮޓަރީގައި ހަރަކާތްތެރިވާތަން ފެނުނެވެ. އޭނާ ދޮރުއެއްފަރާތަށް ކަހާލިއެވެ. ހުރީ ތަޅުނުލައެވެ.

"އައިރީން ދޮރު ތަޅުވެސް ނުލާތަ ނިދަނީ؟" ފަލަކް އަހާލިއެވެ.

އައިރީން ބުނީ އޭނާ ފަތިސްނަމާދަށް ހޭލާފައި ކުޑަކޮށް ބޭރުބަލާލަން ހުޅިވިގޮތަށް ތަޅުލަން ހަނދާންނެތުނީ ކަމުގައެވެ.

"މިހާރު ނަމާދުކޮށްފިންތަ؟" ފަލަކް އަހާލިއެވެ.

"ލައްބަ" އައިރީން ހިނިތުންވެލާ ޖަވާބު ދިނެވެ.

"އެހެންތަ... އެހެންވެއްޖެއްޔާ ހިނގާބަލަ ކޮފީ އެއްބޯލަން ތިރިއަށް... ދައްތަވެސް ނަމާދުކޮށްލައިގެން އިޔާންއަށް ގޮވަން ވެގެން މިއައީ... ނުވެސް ހޭލި. ދޮރުވެސް ތަޅުލާފަ" ފަލަކް ބުނެލިއެވެ. އައިރީންވެސް ދެކޮޅު ހެދުމެއްނެތި ފަލަކްއާއެކު ތިރިއަށް ދިޔައެވެ. އައިރީން މިގަޑީގައި އެއްވެސް އެއްޗެއް ބޯން ބޭނުންނުވުމުން ދެން އޭނާ ގަސްތުކުރީ ގެދޮށުބަގީޗާ ގަސްތައްކައިރިއަށް ނުކުމެލުމަށެވެ. ބޭރަށް ނުކުތްތާ މާގިނަ އިރެއްނުވެ ނަމާދުން ފައިބައިގެން އާމިރުވެސް އަތުވެއްޖެއެވެ. އާދައިގެ މަތިން އާމިރު މިސްކިތުން އައުމުން ފަލަކް ހެނދުގެ ކޮފީތަށި ހަދާދޭނެއެވެ. ގޭގައި ކަންތައްކުރާނެ މީހުން ތިއްބަސް ފިރިމީހާގެ ކަންތައް އަބަދުވެސް ފަލަކް ބޭނުންވަނީ އޭނާގެ އަތުން ކުރާށެވެ. އެތަނުގައި ހުރި އޮނދޯލީގައި އާމިރު އިށީނުމާއެކު ފަލަކް އެތެރެއަށް ވަދެފައި ދެން އައީ ކޮފީތައްޓެއް ހަދައިގެންނެވެ. ފަލަކްގެ އެ ކޮފީތަށި އާމިރުއަށް ވަރަށް ޚާއްސައެވެ. އެންމެ ކުރިން ސުރެ މިއަދާ ހިސާބަށްވެސް އެ ކޮފީތަށީގެ ރަހައަށް އެއްވެސް ބަދަލެއް ނާދެއެވެ.

"އިޔާން... ނަމާދަށް ނުތެދުވޭ ދޯ މިރޭވެސް..." އާމިރު އަހާލިއެވެ. އެތަނުގައި ހުރި ގޮނޑިއެއްގައި އައިރީން ވެސް އިށީނެވެ.

އައިރީންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ. އެ ދެމަފިރިންނަކީ އޭނާއަށް ލިބުނު ނަސީބެކެވެ. އެހާ ރަނގަޅުބައެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އެ ހުންނަ މަޑުމައިތރިކަން އޭނާގެ ހިތުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

"އައިރީންވެސް ވާނެ ދައްތައާއެކު ގިނަ ގިނައިން ނުކުމެ އުޅެން... އޭރުން އެކަނިވެރިކަންވެސް ފިލާނީ... ގޭތެރެވެސް މާ ފަޅީ ދޯ... އިންޝާ ﷲ ދެން އަންނަ ހަފްތާގައި ގޭ އެންމެން އަންނާނެ... އޭރުން ދެން ގޭތެރެވެސް ފަޅު ފިލާނެތާ ދޯ" އާމިރު ބުނެލިއެވެ.

"އާނ... ޒަލަފް އައިމަ ދެން ގޭތެރެ ހަލަބޮލިވާނެ..." ފަލަކް ބުނެލިއެވެ. އާމިރުވެސް ހިނިގަނޑެއް ޖަހާލިއެވެ. ޒަލަފްއަކީ އަޝްރާގެ ދަރިފުޅެވެ. އަޝްރާއަކީ އޭނާގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮގެ އަންހެނުންނެވެ. އަޝްރާގެ އާއިލާގެ އިތުރު މީހަކުވެސް ނެތުމާއެކު ފިރިމީހާ ކަމަށްވާ އަސަދު ނިޔާވިފަހުންވެސް އުޅެނީ އެގޭގައެވެ.

"މިހާރު ދެން މިގެއަށް އަންހެން ކުއްޖެއްވެސް ލިބުނީނު ދޯ ފަލަކް..." އާމިރު ބުނެލިއެވެ. ފަލަކްވެސް ހިނިގަނޑެއްޖަހާލިއެވެ . އެ ދެމަފިރިންގެ ވާހަކަތަކަށް ސަމާލުކަން ދީގެން އައިރީން އިނެވެ.

"އަންކަލް... އަޅުގަނޑު ވާހަކައެއް އަހާލަން ބޭނުން..." އައިރީން ކުއްލިއަކަށް އަހާލިއެވެ.

އާމިރު ބޯ ޖަހާލިއެވެ.

"ބައްޕަގެ ކުންފުނި....." ވަކި ހިސާބަކަށް ބުނެފައި އައިރީން ހުއްޓާލިއެވެ.

"ބޭބެ އެކަމާ އެބަ އުޅެން.... ވަރަށް އަވަހަށް ކުންފުނި ހިންގަން މީހަކު އިސްކުރާނަން... މި ވަގުތު ބޭބެގެ ކުންފުނީގަވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގަމުން ދަނީ... އެހެންވެ ބޭބެއާ ހުރިހާ ކަމެއް ހަވާލުކޮށްފަ އޮތަސް ވަރަށް އުނދަގޫ ހުރިހާކަމެއް ކުރަން... އައިރީން ކަންބޮޑުނުވޭ... ބޭބެ އެ މަޤާމަށް އިސްކުރާނީ ޤާބިލް މީހެއް" އާމިރު ބޯ ޖަހާލިއެވެ.

އިރުގަނޑަކު އެހެން ތިބެފައި ގޭތެރެއަށް ވަންނަން ތިން މީހުން ހިނގައިގަތީ އެކު އެކީގައެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިރުއްސުނުތަނާ ބަނަކޮށްލާފައި ވާރޭ އޮއްސާލިގޮތަށް ރޭގަނޑު ނުވައެއް ޖެހިއިރުވެސް ވާރޭ ހުއްޓައެއް ނުލައެވެ.

ފަލަކްއާއި އާމިރު ތިބީ ގޭގެ ބޮޑު ކޮޓަރީގައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ސީރިއަސްކަމެވެ.

"އަހަރެން މިރޭ އިޔާންއާއި ވާހަކަ ދައްކަން ބޭނުން... މިއީ އިޔާން ބޭނުންތޯ ބަލާފައި އަހަރެން ނިންމާ ނިންމުމެއް ނޫން... އިޔާންއަށް ޖެހޭނީ އެއަށްވުރެ ހަރުދަނާވާން... "އާމިރު ބުނެލިއެވެ.

"އިޔާންއަކަށް ނުކެރޭނެ އަހަރެން ބުނެފިއްޔާ ނޫނެކޭ ބުނާކަށް..." އާމިރު ދެން ވެސް ބުނެލިއެވެ. ފަލަކްވެސް އިތުރަށް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އާމިރުއަކީ ދުރުވިސްނޭ މީހެކެވެ. ގެއްލުންވާގޮތަކަށް އޭނާއެއްވެސް ކަމެއް ނުކުރާނެއެވެ.

ފަލަކް ގޮސް އިޔާން ގާތު އާމިރު ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން ވާރޭ ވެހޭތީ ބޭރަށް ނުދާން ހުރި އިޔާން ތިރިއަށް ފޭބިއެވެ.

"ބައްޕަ ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން... އިށީނދޭ" ސޯފާތަކަށް އިޝާރާތް ކޮށްލަމުން އާމިރު އިޔާން އައުމާއެކު ބުނެލިއެވެ. އިޔާން އިށީނެވެ. އެއާއެކު އާމިރު އޭނާގެ ވާހަކަ ފެށިއެވެ.

"ބައްޕަ ބޭނުންވަނީ ދަރިފުޅު ޑައިމެންޑް ހޯލްޑިންގް ކުންފުންޏާއި ހަވާލުވާން" އާމިރު ބުނެލިއެވެ. އިޔާން އެއްޗެއް ނުބުނެއެވެ. އޭނާ އިންގޮތަށް އިނީއެވެ. އިޔާން އިން ގޮތުން އޭނާ އެކަމަށް ބޭނުންނުވާކަން އެނގިގެން ދިޔައެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު ބޭނުންނުވާނެކަން އެކަމަކު... މި ކަމުގެ އިތުރުގޮތެއް ނެތް... ދަރިފުޅަށް ޖެހޭނީ އެ ކުންފުންޏާއި ހަވާލުވާން..." އާމިރުގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ. އެކަމުގެ ސަބަބުން އިޔާންއަށް އިތުރު ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. އޭނާ ބަލާލީ ފަލަކްއަށެވެ. އޭނާއަށް ބަލާލާ ބޯ ޖަހާލުން ފިޔަވާ އިތުރުކަމެއް ފަލަކް ނުކުރެއެވެ. މަންމަވެސް އޭނާބޭނުންވާ ކޮޅުގައި ނެތްކަން އެނގި އިޔާން މާޔޫސް ވާގޮތެއްވިއެވެ. ޑައިމަންޑް ހޯލްޑިންގްސް އަކީ އައިރީންގެ ބައްޕަގެ ކުންފުންޏެވެ. ވީއިރު އޭނާ އެ ކުންފުންޏާއި ހަވާލުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"އަޅުގަނޑު ވިސްނާލަން ވަގުތު ކޮޅެއް ބޭނުން" އިޔާން އެދުނެވެ.

"މިކަމުގެ އިތުރު ޗޮއިސްއެތް ނެތޭ ބުނެފީމެއްނު އިޔާން" އާމިރު އެހެން ބުނުމުން އިޔާންއަށް ދެން އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ބޯ ޖަހާލީއެވެ. އޭރު އެތެރެހަށީގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އުތުރި އަރަމުން ދިޔައެވެ.

އެކަމާ ގުޅޭ ވާހަކަތައް އާމިރު ދެއްކިނަމަވެސް އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. އެހެންނަމަވެސް ބައްޕަ ވާހަކަ ދައްކަމުން ދިޔައިރު އޭނާ ދާން ބޭނުންނުވާތީ އިނީއެވެ. ވާހަކަދައްކާ ނިމުމުން އޭނާ މައްޗަށް އެރިއެވެ. ސިޑީގެ ވަކި ހިސާބަކުން އޭނާއަށް ފައިބަމުން ދިޔަ އައިރީންއާއި އަރާ ހަމަވިއެވެ. މޫޑް އެކީ ސަކަރާތްވެފައި ހުރުމުން އޭނާ އެއްވެސް އެއްޗެއް ނުބުނެ މައްޗަށް އަރައިގެން ގޮސް އައިރީންގެ ލޯމަތިން އޮބާލާފައިފިއެވެ. އިޔާން ދިޔަދިމާ ބަލަން ހުރުމަށްފަހު އައިރީން ތިރިއަށް ފޭބިއެވެ. ބޮޑުކޮޓަރިއާ ކައިރިވިވަރަކަށް ފަލަކްއާއި އާމިރުގެ ވާހަކަތައް ފަނޑުފަނޑުކޮށް އައިރީންއަށް އަޑުއިވުނެވެ. އެނބުރި މައްޗަށް އަރަން އުޅެފައިވެސް އޭނާ ކޮންމެހެން ފަލަކްގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އޮތުމުން އޭނާ ބޮޑުކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ފަހަރެއްގައިވެސް އެ ކިޔާ އެއްޗެއް އަޑު އެހުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އިޔާންދިޔަ ގޮތުން އެ ދިޔައީ ކޮންމްވެސް ކަމަކާ ހިންހަމަނުޖެހިގެން ކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާގެ ވިސްނުން ހުރީ އެދިމާލަށެވެ. ކިޔާއެއްޗެއް އަޑު އިވެނީ ވަރަށް މަޑުންނެވެ. އެ ދެމީހުންވެސް ތިބީ އައިރީންއާއި ފުރަގަސްދީގެންކަމުން ފަހަތުގައި ހުރި އައިރީންއެއް އެ ދެމީހުންނަކަށް ނުފެނެއެވެ. މާގަދަ ވާހަކައެއްގައި ތިބީތީ ކަމަށްވެސް ވެދާނެއެވެ.

އެ ވާހަކަތަކުގެ ތެރެއިން ކުއްލިއަކަށް ފަލަކް ބުނި އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެ ބުމަވެސް އުފުލިގެން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/127560

comment ކޮމެންޓް