ސަލަފް އުވާލަން ގޮވަލާތީ އެމްޑީއެންއިން ކަންބޮޑުވުން ފާޅުކޮށްފި

އުވާލަން ނިންމާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހިންގާ ޖަމިއްޔަތުލް ސަލަފް އުވާލުމަށް އެކި ފަރާތްތަކުން ގޮވާލަމުން ދާތީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީއެންއަކީ ރާއްޖޭގައި ދީނީ ހައްދުފަހަނަ އަޅާދިއުމާ ބެހޭގޮތުން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ މައްސަލައިގައި އުވާލުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ނިންމާފައިވާ ޖަމިއްޔާއެކެވެ.

ޖަމިއްޔަތުލް ސަލަފް އުވާލުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު ގަދަވެފައި މިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރުގެ މައްސަލަތައް ބަލައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެ ޖަމިއްޔާއަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ޖަމިއްޔަތުލް ސަލަފަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމި ނިންމުންވެސް ފާސްކޮށްފައެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ފަހެއް ނޮވެމްބަރު 2019 ގައި ނިންމާފައި ވަނިކޮށް، ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ބައެއް ޖަމިއްޔާތައް އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި އެހެނިހެން ތަންތަނުގައި މަޖިލީހުގެ މެމްބަރުން ވަކާލާތުކުރަމުން ދާތީ ކަންބޮޑުވާ ކަމަށެވެ.

https://sun.mv/127897

އެމްޑީއެންއިން ބުނީ ޖަމިއްޔަތުލް ސަލަފާއި އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހިންގާފައިވާ، އަދި ހިންގަމުންދާ ހަރަކާތްތަކަކީ ޓެރަރިޒަމަށް ބާރުދޭ އަމަލުތަކެއްކަމުގައި ކުރެވޭ އިލްޒާމަކީ ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އަދި އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސް" ރިޕޯޓުގައިވެސް ސަލަފުގެ ބައެއް ކަންކަން ފާހަގަކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ މައްސަލަތައް ތަހުގީގުނުކޮށް ގިނަ އަހަރުތަކެއް ފާއިތުވުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެ ކަމެއް ކަމުގައި ދެކޭ ކަމަށް އެމްޑީއެންއިން ބުންޏެވެ.

އެހެން ނަމަވެސް ޖަމިއްޔާއަކާ މެދު ކުރެވޭ އިލްޒާމަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޖަމއްޔާ އުވާލުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެކަންތައް އެމްޑީއެންއިން ކުށްވެރިކުރާ ކަމަށްވެސް ބުންޏެވެ.

https://sun.mv/127518

އެމްޑީއެންއިން ބުނެފައިވަނީ ރާއްޖޭގައި ޖަމިއްޔާ ޖަމާއަތް އުފައްދައިގެން ހިންގުމަށް މިވަގުތު އޮތް ގާނޫނީ އޮނިގަނޑުގައި ގިނަ މައްސަލަތަކެއް ހުރިކަން އެކި ޖަމިއްޔާތަކުން އެތައް ފަހަރަކު ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖަމިއްޔާ ޖަމާއަތްތަކުގެ ދަފްތަރު ބެލެހެއްޓުމުގެ މެންޑޭޓު މިހާރު ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުގެ ދަށަށް ބަދަލުކޮށްފައެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރަމުން، އެމްޑީއެންއިން ބުނީ ޖަމިއްޔާތަކުގެ ދައުރާއި ޖަމިއްޔާތަކުގެ މިނިވަންކަމާއި ޖަމިއްޔާތައް ބެލެހެއްޓުމުގެ ގާބިލުކަން އެއްވެސް މިންވަރަކަށް ނެތް ބަޔަކާ އެކަން ހަވާލުކުރުމަކީ ރާއްޖޭގައި މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް ސަރުކާރުން ފެއިލްވެފައިވާ މިންވަރު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަޢް އެމްޑީއެންއިން ބުނެއެވެ.

އެމްޑީއެންއިން މިހެން ބުނެފައިވާ އިރު، ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިއަދު ވަނީ އެ ބިލު ބަލައިގެންފައެވެ. އެ ބިލުގައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވާހިސާބުން ޖަމިއްޔާތަކުގެ ބެލެނިވެރި ވަކިފަރާތެއް އުފަން ކުރުވަން ޖެހޭނެ އެވެ.

"ސަރުކާރަށް އެއް އަހަރުދުވަސް ވެގެންދިޔައިރުގައި ޖަމްޢިއްޔާތަކާބެހޭ ގާނޫނަށް އިސްލާހު ނުގެނެވުމާއި، ޖަމިއްޔާތަކާމެދު ޤާނޫނާ ހިލާފަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ މައްސަލައިގައި ޖަމިއްޔާތަކުގެ ރެޖިސްޓްރާރު އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ޖަވާބުދާރީކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހަށް ގޮވާލަމެވެ،" އެމްޑީއެންގެ ބަޔާނުގައި ވެއެވެ.

އަދި މަދަނީ ޖަމިއްޔާތައް ހިންގުމަށް ހުރަސް ނޭޅުމަށާއި ޖަމިއްޔާތަކުގެ މަސައްކަތަކީ ބޭނުންތެރި މަސައްކަތަށް ހެދުމަށް އެއްބާރުލުން ދިނުމަށާއި މައްސަލައެއް ދިމާވުމުން އެ މައްސަލައެއް ހައްލުކޮށް އިސްލާހުކުރުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރަށާއި ދައުލަތަށް ގޮވަލާކަމަށްވެސް އެމްޑީއެންއިން ބުނެފައިވެއެވެ.

comment ކޮމެންޓް