ސަލަފް އުވާލަން ގޮވާލާ އަޑު މަޖިލީހުގައި ގަދަވެއްޖެ

މަޖިލީހުގެ ބައެއް މެމްބަރުން: މެމްބަރުން ވަނީ ސަލަފް އުވާލަން ގޮވާލާފައި --

ޖަމިއްޔަތުލް ސަލަފް އުވާލުމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލިސް މެމްބަރުން ގޮވާލާ އަޑުގަދަވެއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވަނީ ސަލަފުން 2008 ވަނަ އަހަރު ޑރ. އަފްރާޝީމްއާ ގުޅޭ ގޮތުން ނެރުނު ބަޔާނެއް ހިމާނާފަ އެވެ. އެ ބަޔާނުގައި ވަނީ ޑރ. އަފްރާޝީމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި ދީނީ ޖަމިއްޔާތަކުން ނެރުނު ގަރާރުތަކުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ.

ޖަމިއްޔާތަކުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރުން ސަލަފް ޖައްމިއްޔާ އުވާލުމަށް ގޮވާލާފައި ވަނީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައ ޖަމިއްޔާތަކާ ގުޅިގެން ތުހުމަތުކޮށްފައިވާ ކަންތައްތަކާ ގުޅިގެނެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު އުތުރު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) ވިދާޅުވީ، ސަލަފް އިން ޑރ. އަފްރާޝީމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނަކީ "ބިރުވެރި، ނާމާން" ކަމެއް ކަމަށެވެ. އެ ބަޔަނާކީ، އަފްރާޝީމް މަރާލުމަށް ިހތްވަރު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއް ކަން އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އަޑު އުފުލަން އެބަޖެހޭ ރަޖިސްޓްރީވެގެން ހިންގާ ސަލަފް ޖަމިއްޔާ އަކީ ހަރުކަށި ޓެރަރިސްޓް އަމަލުތައް ރާއްޖޭގައި ފަތުރާ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، ޑރ. އަފްރާޝީމް އަވަހާރަ ކުރުމަށް ހިތްވަރު ދިނުމަށް ބަޔާން ނެރެފައިވާ ބައެއް،" އަނދުން ހުސައިން ވިދާޅުވި އެވެ.

"އެ ބަޔާނަށް އެކަނި ބަލާލިޔަސް ސަލަފް އުވާލަން ޖެހޭ ކަމަށް އަޅުގަނޑުދެކެން،" އަނދުން ހުސައިން ވަނީ ޖަމިއްޔާތަކުގެ ބެލެނެވެރި މިނިސްޓްރީ ޔޫތު މިނިސްޓްރީއަށް އެ ޖަމިއްޔާ ވީހަވެސް އަވަހަކަށް އުވާލުމަށް ގޮވާލައްވައިފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް: ސަލަފް ޖަމިއްޔާ އުވާޅަން ގޮވާޅި -- ފޮޓޯ/ މަޖިލިސް

އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، ޖަމިއްޔާތައް މޮނިޓާ ކުރެވެން ޖެހޭ ކަމަށާއި ޖަމިއްޔާތަކުން ކޮށްފައި ހުރި ކަންތައްތަކާއި ކުރެވިފައި ހުރި ކަންތައްތަކަށް ބަލައި އުވާލަން ޖެހޭ ނަމަ، ގައުމުގެ މަސްލަހަތައްޓަކައި އެ ޖަމިއްޔާތައް އުވާލަން ޖެހޭ ކަމަށެވެެ. އަދި އެއީ ސަރުކާރުގެ މަސްއޫލިއްތެއްް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ޑރ. އަފްރާޝީމްގެ [ތަހުގީގު] ރިޕޯޓުގައި ހުރި ކަންތައްތައް ފުރިހަމައަށް ބަލައި ތަހުގީގުކޮށް، އެކަންކަން ގޯހުން ކޮށްފައި އޮތް ނަމަ، އެ ބާވަތުގެ ޖަމިއްޔާތައް އުވާލަން އަޅުގަނޑު ތާއީދު ކުރަން،" ހަސަންޓޭ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު: ޖަމިއްޔާތަކުން ކޮށްފައިވާ ކަންކަން ބަލައި، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓީ/ މަޖިލިސް

ހަސަންޓޭ ވިދާޅުވީ، އެފަދަ ޖަމިއްޔާތަކާ މެދު ފިޔަވަޅު ނާޅާއިފި ނަމަ މުޖްތަމައު ނުރައްކަލަކަށް ވެއްޓިގެން ދާނެ ކަމަށެވެ.

މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ޖަމިއްޔާތަކުގެ ތެރޭގައި ތިން ވައްތަރެއްގެ ޖަމިއްޔާތަކެއް ރާއްޖޭގައި ހިނގަމުންދާ ކަމަށެވެ. އެގޮތުން އެއް ވައްތަރަކީ ހަރުކަށި ފިކުރު ޖަމިއްޔާތައް ކަަމަށް ރާއީ ވިދާޅުވި އެވެ.

"ވަކި ޖަމާއަތަށް ވަކި މީހަކަށް ލޭ ހުއްދަ ނުކުރެވޭނެ. ހޯމް މިނިސްޓްރީން [ނުވަތަ] ޖަމިއްޔާތަކާ ބެހޭ ވަޒީރަކު އެބަ ޖެހޭ މިފަދަ ޖަމިއްޔާތައް ވަކި ކުރެވިގެން އެމީހުން މިހާރަށް މިހާރަށް އުވާލަން،" ރައީ ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން ޑީއާރުޕީ ލީޑަރު އަދި ކާށީދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަނީ ސަލަފް އުވާލުމަށް ގޮވާލާފަ އެވެ. ޖާބިރު ވިދާޅުވީ، މަރު ކަމިޝަންގެ ރިޕޯޓު މަޖިލީހުން އިއްވި އިރު އޭނާ އިނީ "ހައިރާންވެ، އަންތަރީސްވެފައި" ކަމަށެވެ.

"ވަގުތުން ވަގުތަށް ރާއްޖޭގެ ސިފައިންނަށް މި ގޮވާލަނީ ހައްޔަރު ކުރާށޭ އެ އެންމެން. މިއަދުން މިއަދަށް ހައްޔަރު ކުރާށޭ. އެފަދަ ޖަމާއަތްތައް އުވާލާށޭ،" ޖާބިރު ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓުގައި ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކުގެ ވަރަށް ގިނަ ވާހަކަތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެވާހަކަތައް ޖަމިއްޔާތަކުގެ ބިލުގެ ބަހުސްގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާން ވިދާޅުވި އެވެ.

"އަފްރާޝީމް އަވަހާރަކޮށްލުމަށް ހިތްވަރުދޭ ޖަމިއްޔާތައް. ހިތްވަރުދޭ ޖަމާއަތްތައް. އަދި ރާއްޖޭގައި އިންތިޒާމްވެގެން ރޭވިގެން ހިންގާ އަލްގައިދާއާއި ހަރުކަށި އެހެން ވިސްނުމެގެ ޖަމާއަތައް. އެ ޖަމާއަތްތައް އެތުރިފައި އޮންނަ ގޮތާއި، ސެލްތައް ހުންނަ ގޮތާއި، އެއް ސެލް އަނެއް ސެލް ގުޅޭ ގޮތާއި، އެ ސެލްތަކުގެ ވެރިންނަކީ ކޮބާ ކަމާ. މި އެންމެ ކަންކަމަކީ، ކުލަބު ޖަމިއްޔާތަކުގެ ބިލެއްގައި އަޅުގަނޑުމެންނަށް ފާހަގަ ވާނެ ކަންކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި ބިލުގެ ބަހުސް ހިނގާ އިރު، އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ފާހަގަ ކުރައްވަމުން ގެންދަވާނެ ބިލުގައި ފާހަގަވާ ނުކުތާތައް. އެއާއެކު މިއަދު ރާއްޖެއަށް ދިމާވެފައިވާ މުހިންމު ބޮޑެތި ކަންކަން އެއީ ގާނޫނުން ހައްލުކުރަން މަސައްކަތް ކުރާ ކަންކަމަށް ވާން ޖެހޭނެ،"

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ަރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ގާނޫނުން ހައްލު ހޯދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ޖަމިއްޔާތަކުގެ ބިލުގެ ބަހުސްގެ މެދުތެރެއިން، ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޝަންގެ ރިޕޯޓުގައި ޖަމިއްޔާތަކާ ގުޅޭ ގޮތުން ހުރި ކަންކަންވެސް ފާހަގަކޮށްފަ އެވެ.

ބަޔާނުގައި ބުނަނީ ކީކޭ؟

ސަލަފުން ޖުލައި، 10، 2008 ގައި ނެރުނު ނޫސް ބަޔާނުގައި ވަނީ، ޑރ. އަފްރާޝީމްގެ ފަތުވާތަކަކީ، ޝިރުކުގެ މައްޗަށް އޮތް ފަތުވާއެއް ކަމަށެވެ. އެހެން ކަމުން އޭނާ ތައުބާވުމަށް ވަނީ ގޮވާލާފައެވެ.

"މީނާ އަކީ [ޑރ. އަފްރާޝީމް އަކީ] މީސްތަކުންގެ ނުރުހުމާއި ޝަކުވާތަކާއި އެކުވެސް އިމާމެއްގެ ގޮތުގައި ސަރުކާރުން ބަހައްޓަމުންދާ މީހެއްކަމަށް ވުމުން މީނާގެ ހަގީގަތް ބަޔާންކުރުމަށް އިލްމުވެރިންގެ މައްޗަށް ލާޒިމްވީ ހިނދު، އަދި މިކަން ބަޔާންނުކޮށް ދޫކޮށްލައިފި ނަމަ ގައުމުގެ ދީނީ މަސްލަހަތާއި އިޖްތިމާއީ މަސްލަހަތަށް ވެސް ފިތުނަތައް
ކުރިމަތިވާނެ ކަން ޔަގީންވީ ހިނދު ރާއްޖޭގެ އެންމެހާ މުސްލިމުންނަށް ނަސޭހަތެއްގެ ގޮތުންނާއި މުސްލިމުންނަށާއި މުސްލިމު ގައުމަށް ކުރިމަތިވާ ނުބަޔާއި ބަލާވެރިކަމުން މީސްތަކުން ހުޝިޔާރުކޮށް ކަމުގެ ހަޤީޤަތް ހާމަކުރުމުގެ ގޮތުން ޖަމިއްޔާގެ ގަރާރެއް ނެރެ އިއުލާން ކުރަމެވެ." އަފްރާޝީމް މަރާލުމުގެ ހަތަރު އަހަރު ކުރިން ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"الله އަށް ބިރުވެތިވެ، ތިމާއަށް ނޭނގޭ ކަންކަމުގައި ދީނުގެ ނަމުގައި ހިތުހުރިހާ ގޮތަކަށް ވާހަކަ ދައްކައި، ހުކުމްތައް އަމިއްލަ އެދުމާ އެއްގޮތަށް ފުރޮޅައި ދަލީލުތައް މޭރުންކުރުން ދޫކޮށް، މިފަދަ ހުރިހާ ކަމަކުން ތައުބާވެ، ހައްގުގެ މަގަށް ރުޖޫއަވުމަށް [ޑރ. އަފްރާޝީމަށް] ނަސޭހަތްތެރިވެ ގޮވާލަމެވެ،"

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ، ރާއްޖޭގައި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމާގުޅިގެން އެމީހުންނަށް ތަބާވާ "މުޅިން ތަންދޮރު ނުފިލާ" މީހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

މަޖިލިސް މެމްބަރުން ސަލަަފު އުވާލުމަށް ގޮވާލި އިރު، މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އިއްޔެ ވަނީ ފަށާފައެވެ. އިއްޔެ އެ ކޮމިޓީގައި ވަނީ ރިޕޯޓުގައި ހުރި ކަންކަން އިތުރަށް ބެލުމަށް ކުޑަ ކޮމިޓީއެއް ނަގައި ހަތް ކަމެއް ބެލުމަށް ފާސްކޮށްފަ އެވެ.

ރިޕޯޓާ ގުޅިގެން ބަލަން ނިންމި ކަންކަން:

  • ހައްދުފަހަނަ އެޅި ޖިހާދީ ފިކުރުގެ ޖަމާއަތްތައް އިންތިޒާމްވެ ހިންގާ ގޮތާއި ރާއްޖޭގައި އެފިކުރު ފެތުރިފައިވާ މިންވަރު ދެނެގަތުން އަދި އެ ޖަމާއަތްތަކާ ގުޅޭ މައުލޫމަތުތައް ހޯދުން
  • ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ހޯދުން
  • ރާއްޖޭގެ ޖިހާދީ ޖަމާއަތްތައް ލިސްޓްކޮށް، އެ ޖަމާއަތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން
  • އަފްރާޝީމްގެ މަރާލަން އުޅޭކަން މައުލޫމަތުތައް އެނގި ހުރެ ސިއްރު ކުރި މީހުން ދެނެގަތުން
  • އެ މަރުގައި ފުލުހުންގެ އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްތޯ ބެލުމަށް
  • ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަނެއް ބަލައި، އެމީހުންގެ މިހާރު ހާލަތު ދެނެގަތުން ލަސްނުކޮށް މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން

https://sun.mv/127484

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ، އަފްރާޝީމް މަރުގައި ސިޔާސީ ކަމެއް ނުހިމެނޭ ކަމަށާއި އެ މަރަކީ ދިނީ ހިޔާލުތަފާތުވުންތަކާ ހުރެ ކުރި ކަމެއް ކަމަށެވެ. އެ ކަމުގެ މޭސްތިރިޔަކީ، ހ. ހިލްޓަން، އަޒްލިފް ރައޫފް އެވެ. އަދި އަމަލީ ގޮތުން ބައިވެރިވީ، ހ. ހިކޯސް، އަލީ ޝަން އާއި ހ. ލޮބީ، ހުސައިން ހުމާމް އާއި އެރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށް ރިޕޯޓުގައި ބުނެ އެވެ.

comment ކޮމެންޓް