ޑރ އަފްރާޝީމް އަލީ ގަތުލުކޮށްލި މައްސަލަ ތަހުގީގުކޮށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖަމިއްޔާތަަކަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ފާހަގަކޮށްފައިވާ ޖަމިއްޔާތަކުގެ ތެރޭގައ ޖަމިއްޔަތުއް ސަލަފް ހިމެނެ އެވެ. މަޖިލީހުން އެ ރިޕޯޓު ދިރާސާކޮށް ނިންމައި 11 ކަމެއް ކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރިޕޯޓުގައި ފާހަގަކޮށްފަައިވާ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ޖަމިއްޔާ ޖަމާއަތްތަކާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން މަޖިލީހުން ވަނީ ނިންމާފައިވެ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ރިޕޯޓު މިއަދު ފާސްކޮށްފައި ވަނީ 47 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ރިޕޯޓު ބަލައިގަންނަން ނުފެންނަ ކަމަށް 10 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
ޑރ އަފްރާޝީމްގެ މަރު ތަހުގީގުކޮށް އެކުލަވާލީ ރިޕޯޓުގައި ހިމަނާފައިވާ ޖަމާއަތްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއަކަށް ހިމެނެނީ ހަމަ އެކަނި ސަލަފް ޖަމިއްޔާ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދު ފަހަނެ އެޅި ފިކުރުގެ ޖަމާއަތްތައް
- ޖަމިއްޔަތުއް ސަލަފް
- ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތް
- އިސްލާމިކް ސްޓޭޓްސްއަށް ބައިއަތު ހިފި ޖަމާއަތް
- ސީރިއާއާއި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތް
އޭގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ 11 ކަމެއްގެ ތެރޭގައި އެނގި ތިބެ ޑރ އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަން ވަނީ ގޮވާލާފަ އެވެ. އަދި ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން ވަނީ އެކުލަވާލާފަ އެވެ. އެ ލިސްޓުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް 36 މީހެއްގެ ވާހަކަ ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުން އެ ލިސްޓު އެކުލަވާލާފައިވަނީ ޑޜ އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓު ދިރާސާކުރުމަށް ފަހު އެވެ.
މަޖިލީހުން ގޮވާލި ކަންކަން
- ޑރ އަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުން
- ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު ތިބި ތަންތަނާއި މިހާރު އެމީހުން ކުރަމުންދާ މަސައްކަތް ހޯދުން
- ޑރ އަފްރާޝީމް ގެ މަރުގެ މައްސަލައާ ގުޅިގެން ފައިސާ ބަދަލުކުރެވިފައިވާ ގޮތް ހޯދުން
- ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބޭނުންކޮށްފައިވާ ގޮތް ހޯދުން
- ޑރ އަފްރާޝީމްގެ މަރާ ގުޅުން ހުރި މީހުން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެކަން ތަފްސީލުކޮށް\ ހޯދުން
- ރިޕޯޓުގައި ފާހަގަކޮށްފައިވާ ހަދު ފަހަނައެޅި ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އަވަސް ފިޔަވަޅު އެޅުން
- އިހުމާލުވި ފުލުހުންގެ މައްސަލަ ބެލުން
އަދިވެސް ގިނަ ކަންތައްތަކެއް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޑރ އަފްރާޝީމް އަލީ މަރާލާފައވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސިޑި ކައިރިންނެވެ.