ޒުވާނުންގެ ގައުމީ އެވޯޑަށް ނަން ހުށަހެޅުމަށް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ދީފިއެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ތަފާތު 22 ދާއިރާއަކުން ޒުވާނުންގެ އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އިނާމު ދިނުމަށް ނިންމާފައި ވަނީ، ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، ހިތްވަރު ދިނުމަށެވެ. މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އިނާމު ލިބޭ ޒުވާނުންނަށް ޚާއްސަ އެވޯޑަކާއި ސެޓުފިކެޓެއް ލިބޭނެއެވެ.
އެ އިނާމަށް ނަން ހުށަހެޅުމަށް އަންނަ މަހު 31 ވަނަ ދުވަހުގެ 13:00އާ ހަމައަށް މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑަށް ކުރިމަތިލާ ފޯމު ވެލާނާގެ ތިން ވަނަ ފަންގިފިލާގެ ރިސެޕްޝަނާއި އޮންލައިންކޮށް ލިބޭނެއެވެ. ފޯމު ބަލައިގަންނަނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30އިން 14:00އާ ހަމައަށެވެ.
އޮންލައިންކޮށް މި އެވޯޑަށް އެޕްލިކޭޝަން ހުށަހަޅާނަމަ މިނިސްޓްރީއަށް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި އެވޯޑު ތައާރަފުކޮށް ދޭން ފެށީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.