މިއީ އަނެއްކާ އޭނާއަށް ހީވާ ހީވުމެއް ހެއްޔެވެ؟
ކަންފަތް އިތުރަށް ހުޅުވާލަމުން އިޔާން އަދިވެސް އެ އަޑަށް ސަމާލުކަން ދީގެން ހުއްޓެވެ. އެއީ ކޮން ކުއްޖެއްހެއްޔެވެ؟ އެ އަންހެން ކުއްޖާއަކީ ކާކުކަން ބަލާހިތުން އޭނާގެ ހިތް ތެޅި ފޮޅެން ފެށިއެވެ. އިރުގަނޑެއްފަހުން މަޑު މަޑުން އެ އަޑު ހިނދިގެން ދާން ފެށިއެވެ. ހީވަނީ މާ ބޮޑަށް ވަރުބަލިވީހެންނެވެ. އެ އަޑު އެކީ އެކައްޗަކަށް ކެނޑިގެން ދިޔުމާއެކު އިޔާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން އައިސް އެދުގައި އޮށޯތީ ނިދޭތޯއެވެ. އެހެންނަމަވެސް މިރޭ އޭނާގެ ލޮލާ ނިދި ވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. އެ އިވުނު އަޑު އޭނާގެ ހިތުގައިވެސް ހައިޖާނުގަނޑެއް އުފައްދައިފިއެވެ. ކޮންމެއަކަސް އެފަދަ ޚިޔާލުތަކެއްގައި އިޔާން އޮއްވާ ނިދުނީ އެތައް ދަމެއް ފާއިތުވެ ދިޔަފަހުންނެވެ.
*****
ފަތިސްނަމާދަށް ހޭލަން އާދަވެފައިވާ އައިރީންއަށް ހޭލެވުނީ ފޯނުން ބަންގިގޮވަން ފެށި އަޑަށެވެ. ކުޑަކޮށް ދެލޯ ހުޅުވާލި އައިރީންއަށް ބޮލުގައި ހިފައްޓާލެވުނެވެ. އޭނާއަށް އިނދެވުނީ އެނދުގައި ބޯ ޖައްސާލި ގޮތަށް ޓައިލްސްތަކު މަތީގައެވެ. ތެދުވެގެން ފާޚާނާއަށް ވަދެ ފެންވަރާ ވުޟޫ ކޮށްލައިގެން އައިސް ފަތިސްނަމާދުކޮށްގެން ކުޑަ އިރުކޮޅަކު ޤުރްއާން ކިޔަވާލަން އައިރީން މަޑުކޮށްލިއެވެ. އޭނާގެ ނަފްސަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއީއެވެ. ހެއްދެވި ފަރާތް ހަނދުމަކުރުމުން މާޔޫސްކަން ފިލާ ހިންހަމަޖެހުން ވެރިވެއެވެ. މީހާގެ ސިކުނޑީގެ ވަރުބަލިކަން ފިލާ ތާޒާކަން ވެރިވެއެވެ. ހަށިގަނޑުގެ ލޮޑުކަން ފިލާ އަރާމުވެއެވެ. އާދަޔާ ހިލާފް ފިނިކަމެއް ހިތަށް ލިބެއެވެ.
ދެން އައިރީން އަވަސްވެގަތީ ފޮށީގައި ހުރި އެއްޗެހި އަލަމާރިއަށް އެޅުމަށެވެ. އެކަން ކޮށް ނިންމާލުމަށްފަހު އޭނާ އާދައިގެ ބުރުގަލެއް އަޅާލައިގެން ބެލްކަނީ ދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ. ރަނގަޅަށް އިރުނާރާތީ ފަނޑު އަލިކަމެއް ވެއެވެ. ޖެހެނީ ތާޒާ ފިނިވައިރޯޅިތަކެކެވެ. އެ ވަގުތު އޭނާގެ ހަށިގަނޑަށް އިތުރު ތާޒާކަމެއް އެ ވައިރޯޅިތައް ގެނެސްދިނެވެ. ރޭގައި އެވަރަށް ރުއީތީ އަދިވެސް އެ ދެލޮލުގައި ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ހުއްޓެވެ. އެހެންވުމުގެ ސަބަބުން އޭނާގެ ލޮލުގައި ވެސް ކޮންމެވެސް ވަރަކަށް ރިއްސަމުން ދިޔައެވެ.
ދެލޯ މަރާލީ އޭނާއަށް ވަމުން ދިޔަ އަރާމުންނެވެ. ރޭގައިވާރޭވެހިފައިވުމުގެ ސަބަބުން އާދަޔާހިލާފް ފިނިކަމެއް ފަޒާގައި ހިފާފައިހުއްޓެވެ.
އިޔާން އެހެން ދުވަސް ދުވަހަކަށް ވުރެ އަވަހަށް ކޮޓަރިން ނުކުތީ ފަތިހު ހޭލެވުނު ގޮތަށް ލޮލަށް ނިދިނައީތީއެވެ. އޭރު އޭނާ ހުރީ އާއްމުކޮށް އޭނާ ކަސްރަތު ކުރަން ދާއިރު ލާ ސޯޓަކާއި އަތްކެނޑި ޓީޝާޓެއްގައެވެ. އަރައިގެން ހުރި ބޫޓަށް ނަޒަރެއް ދީފައި ކުރިމައްޗަށް ބަލާލުމާއެކު އޭނާގެ ލޮލުގައި ބެލްކަނީގައި ހުރި އަންހެން ކުއްޖާ އަޅައިގަތެވެ.
އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ އެ އަންހެން ކުއްޖާ މިގޭގައި ކީ ކުރަނީހެއްޔެވެ؟ އޭނާއަށް ރޭގައި އަޑު އެ އިވުނީ އެ ކުއްޖާގެ އަޑު ހެއްޔެވެ؟ އެއީ ހަމަ ހަޤީގަތުގައިވެސް ވަރަށް ވޭނީ ގިސްލުމެއްގެ އަޑެވެ.
މަޑުމަޑުން އެ ކުއްޖާއާ ކައިރިއަށް އިޔާން ޖެހިލިއެވެ. އެ ކުއްޖާގެ އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އެއަށްފަހު އެ ކުއްޖާގެ މޫނަށް ބަލާލިއެވެ. ދެލޯ މަރާލައިގެން ހުރިއިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލާފައިވެއެވެ. އެ ހިނިތުންވުން ފެނި ހުދު އޭނާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
މަޑުމަޑުން އައިރީން ދެލޯ ހުޅުވާލީ އޭނާގެ ގާތުގައި މީހަކު ހުރި ފަދަ އިޙްސާސް އެއް ކުރެވިގެންނެވެ. އޭނާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ފެނި ސިހިފައި އޭނާއަށް ރެއިލިންގައި ޖައްސާލާފައިވާ އަތް ދަމައިގަނެވުނެވެ. އެއަށްފަހު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ ކުއްޖާގެ އެ އަމަލުން އިޔާން ގާތަށް ހިނި އަންނަ ގޮތް ވިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕުމާއެކު އިޔާންއަށް ހީލެވުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ގޮސް ގޭތެރެއަށް ވަނެވެ. ސިޑިން ފައިބައިގެން ދޮރާ ހިސާބަށް ނުދެވި އުޅެނިކޮށް މަންމަ ފަލަކް ގޮވާލައިފިއެވެ.
"ދަރިފުޅާ" ފަލަކްގެ އަޑު އިވުމާއެކު އިޔާން ފަހަތައް އެނބުރި ބަލާލައިފިއެވެ.
"ރޭގަ ކިހާއިރަކު ގެއަށް އައީ؟ ދަރިފުޅު ގާތު ކިތަށްފަހަރު މަންމަ ބުނަންވީ ރޭގަނޑު އެހާ ލަސްވަންދެން ބޭރުގަ ނޫޅޭށޭ... އެންމެން ނިދަން ވަންނައިރުވެސް ގެއަށް އާދެވޭ ކަމަކަށް ނުވޭ... އެކަމާ ބައްޕަވެސް ހުންނެވީ ވަރަށް ރުޅި ދުރުވެފަ" ފަލަކް ހިންހަމަ ނުޖެހުނުނަމަވެސް އޭނާގެ އަޑުން އެކަން ފާހަގައެއް ނުވެއެވެ. އިޔާން އާ ވާހަކަ ދެއްކީ ވަރަށް ލޯތްބާއެކުގައެވެ. އިޔާން އާ މެދު ފަލަކް ކަންބޮޑުވާވަރު އޭނާގެ ދެލޮލަށް ބަލާލުމުން އެކަނިވެސް އެނގިގެން ދިޔައެވެ.
އިޔާން އެއްޗެއް ނުބުނެއެވެ. އަމިއްލަ ނަފްސު ދިފާއުކުރަން އޭނާ މަސައްކަތެއް ވެސް ނުކުރެއެވެ. އެއީ އާދައެވެ. ފަލަކް ހިންހަމަ ނުޖެހިގެން އެއްޗެއް ބުނި ނަމަވެސް އެކަމަށް ޖަވާބެއްނުދީ އިޔާން ހިޔާރުކުރަނީ ހިމޭންކަމެވެ. މަންމަ ހިންހަމެނުޖެހޭ ގޮތަށް ކަންތައްކުރެވޭކަން އިޔާންއަށްވެސް އެނގެއެވެ. ވާހަކަ ދައްކަނީ އެހެންވެކަން ވެސް އެނގެއެވެ. އެހެންނަމަވެސް ދުވަހަކުވެސް ފަލަކް އާ ދިމާލަށް އިޔާން ބާރަށް އެއްޗެއް ނުބުނާއެވެ. މަންމައަށް އިޙްތިރާމް ކުރެއެވެ.
"މަންމާ... އަޅުގަނޑު ކަސްރަތު ކޮށްލަން މި ނުކުތީ..." އިޔާން ފަލަކްއަށް ބަލާލިއެވެ. ފަލަކް ބޯ ޖަހާލިއެވެ. އިޔާންގެ ކޮނޑުގައި ޖަހާލާފައި ދެން ދާށޭ ބުނެލިއެވެ. އިޔާން ދިޔަތަން ބަލަންހުރެފައި ފަލަކް ވެސް އެތެރެއަށް ހިނގައިގަތެވެ. އޭނާއާއި އާމިރުގެ ކޮޓަރި ހުންނަނީ އެންމެ ތިރީގައެވެ. ކާބައިގެ އެއްފަރާތުގައި ބޮޑުކޮޓަރީގެ ތެރެއިން ވަދެގެން ދެވޭބައިގެ ތެރޭގައި ކޮޓަރިތައް ހުރެއެވެ.
އިޔާން ގަސްތުކުރީ ގޭތެރޭގައި ކަސްރަތުކޮށްލާށެވެ. ބައެއް ދުވަސް ދުވަހު އޭނާ ދުވެލަން ބޭރަށްވެސް ދެއެވެ. އެހެންނަމަވެސް ގޭގެ ބިއްދޮށުގައި ސްވިމިން ޕޫލަކާއި ގޭތެރޭގައި ކަސްރަތުކުރާ ކުޑަވަރެއްގެ ޖިމެއް ހުންނާތީ ގިނައިން އޭނާ ކަސްރަތުކުރަނީ ގޭގައެވެ. ގޭގެ ވަށައިގެން ޖަހާފައިވާ ގާތަކު މަތީގައި ދުވަމުން ދިޔަ އިޔާންގެ ވިސްނުން ދަތުރު ކުރަމުން ދިޔައީ ކޮން ދިމާލަކަށްކަމެއް ނޭނގެއެވެ. އިރު އިރުކޮޅުން އޭނާ ދެލޯ މަރާލަނީ ކޮން ޚިޔާލެއް ވެރިވާތީކަމެއް ނޭނގެއެވެ. ދުވެލާފައި ވަރުބަލި ފިލުވާލުމަށް އޭނާ ސްވިމިންގް ޕޫލާއި ދިމާލުގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އޭރު ދުނިޔެ މަތި އަލިވާން ވެސް ފަށައިފިއެވެ. މޫނުމަތީގައި ހަރުލާފައި ހުރި ދާތިކިތައް މުތީތަކެއް ފަދައިން ވިދަމުންދިޔައެވެ. އިޔާންއަށް ލިބިފައިވާ ކަސްރަތީ ހަށިގަނޑާއި އަޅިކުލައިގެ ތޫނު ކަޅިއަކީ އަންހެން ކުދިން ދީވާނާ ކޮށްލާފަދަ ހަތިޔާރެކެވެ. އޭނާއަށްޓަކައި ފިދާވާނޭ އެތަކެއް ކުދިންނެއް ވެއެވެ. ކޮންމެ ކުއްޖަކުވެސް ތިބެނީ މަށަށް މަށަށް ގޮވާލައެވެ. އިޔާންއަށް ވާރުތަވެފައިވަނީ މަންމަ ފަރާތު ކާފަގެ ސިފަތަކެވެ. ކާފައަކީ ޕާރކިސްތާނަށް ނިސްބަތްވާ މީހެކެވެ. އެ އަޅިކުލައިގެ ދެލޯ އޭނާއަށް ވާރުތަވީވެސް ކާފަ ފަރާތުންނެވެ.
އިޔާންއަކީ ހަށިގަނޑަށް ބަލައިގެން އުޅޭ ޒުވާނެކެވެ. އެހާ ރީތިކޮށް ހަށިގަނޑު ހުރުމުގެ ސިއްރަކީ ބަރާބަރަށް ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ގިނަ އެއްޗެހި ބޭނުން ކުރުމެވެ. ސްވިމިންގް ޕޫލުގެ ކުރިމައްޗަށް ވާގޮތަށް ގޭތެރޭގައި ހަދާފައިވާ ޖިމް ރީތިކޮށްބޭރަށް ފެނެއެވެ. އެތަނުގެ ބޭރަށް ވާގޮތަށް ވަނީ ބިއްލޫރި ޖަހާފައެވެ. އެތަނަށް ވަދެލާ ކުޑަ އިރުކޮޅަކު ކަސްރަތުކޮށްލާފައި އިޔާން އެދުވަހުގެ ކަސްރަތު ނިންމާލިއެވެ. ގޭތެރެއަށް ވަތް އިރު ބޮޑުކޮޓަރީގައި ބައްޕައާއި މަންމަ ތިއްބެވެ. އިޔާންއަށް ބޮލުގައި އަތް ޖައްސާލެވުނެވެ.
"ދަރިފުޅު... ނަމާދުކޮށްފިންތަ؟ ނަމާދުކޮށްގެންތަ ދުވަން ދިޔައީ؟" އޭނަ ވަދެގެން އައިތަން ފެނުމާއެކު އާމިރު ސުވާލުކޮށްލިއެވެ. އެއީ އާދައެވެ. އޭނާ ފެނިއްޖެނަމަ ބައްޕަ އެ ސުވާލު ނުކުރާ ފަހަރެއް ނާދެއެވެ.
"އިޔާން..." އިޔާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އާމިރު ގޮވާލިއެވެ. އޭނާގެ އަޑުގައި ނުރުހުންވިއެވެ. އެއީ އޭނާ އެންމެ ހިންހަމަ ނުޖެހޭ ކަމެވެ. ދަރިފުޅު ބޮޑެތި ވެފައި ތިއްބަސް އަދިވެސް އެއީ އޭނާގެ ނަޒަރުގައި ކުޑަ ކުއްޖެކެވެ. އެ ދަރިފުޅަށްޓަކައި އޭނާގެ ޒިންމާތަކެއްވެސް އެބަވެއެވެ. ދީނީ ރަނގަޅުމަގަށް އެ ދަރިފުޅު އެޅުވުމަކީ އޭނާގެ ވެސް ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ. އިޔާން ޖަވާބެއް ނުދިނީ ކީއްވެގެންކަން އާމިރުއަށް އެނގުނެވެ.
"ދަރިފުޅާ! ފަތިސްނަމާދުކޮށްލައިގެން ތެދުވެ ދުވަން ދާނަމަ" އާމިރު ބުނެލިއެވެ.
"ރޭގަ ކިހާއިރަކު ގެއަށްއައީ؟" އާމިރު އަހާލިއެވެ. އެ ސުވާލުގެ ޖަވާބުވެސް އިޔާންގެ ކިބައިން ލިބޭނެކަމާމެދު އޭނާއަށް ޝައްކެވެ.
"އެގާރަ ޖަހާއިރު" އިޔާން މަޑުމަޑުން ޖަވާބު ދިނެވެ.
"އެންމެ ރަނގަޅު" އާމިރު ޖަވާބުދިނެވެ. އިޔާން ދިޔަތަން ބަލަން ހުރެފައި އާމިރު ފަލަކްއަށް ބަލާލިއެވެ.
"ރޭގަ ހާދަ އަވަހަކަށް އައީ؟" އާމިރު ބުނެލިއެވެ. ފަލަކްވެސް ހިނިތުންވެލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.
"އައިރީންގެ ހަބަރެއް ބަލާލާފަ އަންނާނަން" ފަލަކް އާމިރުއަށް ބަލާލިއެވެ. އާމިރު ބޯ ޖަހާލިއެވެ. އެހެންކަމުން ފަލަކް ދިޔައީ މައްޗަށެވެ. ގޮސް އައިރީންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. މާގިނަ އިރެއްނުވެ ކޮޓަރީގެ ދޮރު އައިރީން ހުޅުވާލިއެވެ.
"އައިރީން... ރޭގަ ރަނގަޅަށް ނިދުނިތަ؟ ތަން ބަދަލްވީމަ ވެސް އުނދަގޫވާނެދޯ" އައިރީން ގެ ދެލޮލަށް ބަލާލާ ފަލަކް އެހެން ބުނި ނަމަވެސް ރޭގައި އައިރީން އެ ހުރީ ރޮއިފައިކަން އޭނާއަށް އެނގުނެވެ.
"ހިނގާބަލަ ދައްތައާއެކު ތިރިއަށްދާން..." ފަލަކް އެދުނެވެ. ދެކޮޅު ހެދުމެއް ނެތި އައިރީންވެސް ހިނގައިގަތެވެ.
"އައިރީންވެސް މާމަޑުން ނޭ ހުންނަނީ... މީ ދެން އަމިއްލަ ގެއެއްނު... މިގޭގަ މާގިނަ މީހުންނެއް ނޫޅޭނެ... ދައްތަވެސް ހުންނަނީ ފިރިހެން ކުއްޖެއް... އަންހެން ކުއްޖެއް ނުހުރޭ.. ލިބުނު އަންހެން ކުއްޖާވެސް އެއްމަހުގަ ނިޔާވީ... އޭގެ ފަހުން ކުއްޖަކުވެސް ނުލިބޭ... ބޭބެގެ ކޮއްކޮ އަސަދު ވީ ނިޔާވެފަ... އަންހެނުން އުޅޭނެ މިގޭގަ. އަޝްރާ ކިޔަނީ... އަޝްރާގެ ވެސް ހުންނާނީ އެންމެ ފިރިހެން ކުއްޖެއް... ދެން އުޅޭނީ މަންމައާއި ބައްޕައާ... އެހެންވީމަ އައިރީންމިގެއަށް ވަރަށް ހާއްސަވާނެ... އެންމެން ވެސް އުފާވާނެ އައިރީން އައީމަ..." ފަލަކް ވާހަކަދެއްކިއެވެ. އެވާހަކަތައް އަޑު އަހަން ހުރި އައިރީންގެ ހިޔާލަށް އޭނާއަށް މިއަދު ފެނުނު ޒުވާނާ ސިފަވިއެވެ.
ފިރިހެންވަންތަ ހަށިގަނޑެކެވެ. އަޅި ކުލައިގެ ލޮލެކެވެ. އެ ދެލޮލުގެ ތޫނުކަން އޭނާއަށް ބަޔާންކޮށްދޭކަށް ނޭނގެއެވެ. އޭނާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެއީ ފަލަކްއާންޓީގެ ދަރިފުޅު ހެއްޔެވެ؟
"އެކަމަކު މި ވަގުތު އެއްވެސް މީހަކު ނޫޅޭ މިކޮޅަކު... ދައްތައާއި ބޭބެގެ އިތުރުން އިޔާން އުޅޭނީ" ފަލަކް ސިޑިން ފައިބަމުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ބޭނުންވީ މާޔޫސީ ހިޔާލުތަކާ އައިރީން ދުރުކުރާށެވެ. އައިރީންގެ އާއިލާގައި އިތުރު މީހަކުނެތެވެ. މިވަގުތު އައިރީންއެވަނީ މީހެއްގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. އައިރީންއާއި އެންމެ ގާތުގައި ހުންނަން އޭނާ ބޭނުންވިއެވެ. މަންމައެއްގެ ލޯބިން އައިރީން މަހްރޫމްވީވެސް އެހާ ކުޑައިރުއެވެ. މިއަދު ބައްޕަ އައިރީން އާއި ވަކިވެގެން އެ ދިޔައީވެސް އައިރީން އެކަނި ކޮށްފައެވެ.
"އައިރީންވެސް ވާނެ ގިނައިން ވާހަކަ ދައްކަން... އެންމެން ރާއްޖޭން ބޭރަށް ގޮސްވީމަ ވާހަކަވެސް ދައްކާލެވޭނީ އެމިލީ އާ ނުވަތަ މިގޭ ރަޒިއްތައާ.... ރަޒިއްތައަކީ ރަޒީނާ.... އެއީ މިގޭގައި އެންމެ ދުވަސްވީ އެކަކު..." ފަލަކްގެ ވާހަކައިން އޭނާއަށް އެއީ އެގޭގެ ނޯކަރެއްކަން ދެނެގަނެވުނެވެ. އަދި ފަލަކް ސީދާ އެހެން ރަޒިއްތައަށް މުޚާތަބް ކުރަން ބޭނުން ނުވާކަންވެސް އައިރީން އަށް އެނގުނެވެ.
ފަލަކްގެ ވާހަކަތަކަށް ސަމާލުކަން ދީގެން އައިރީންހުއްޓެވެ. އޭނާ ފަލަކްއާއެކު އައިސް ބޮޑުކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައި ޖައްސާލިއެވެ. ފަލަކް އެއާއިލާއާއި ބެހޭ ގިނަ ވާހަކަތައް އައިރީންއަށް ކިޔައިދިނެވެ. އައިރީންވެސް އެވާހަކަތައް އަޑުއަހަން އިނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
"މިގޭގައި ކަންތައްތައް ކުރަން މީހުން ތިބޭނެ... އެކަމަކު ދައްތަ ހިންހަމައެއް ނުޖެހޭ އެއްކަމެއްވެސް ނުކޮށް ހުންނާކަށް. އެހެންވީމަ އެމީހުންނާ ބައިވެރިވެގެން ދައްތަވެސް ކަންތައްތަކުގަ އުޅެން... އައިރީން ނުޖެހޭނެ އެއްވެސްކަމެއް ކުރާކަށް..." ފަލަކް ބުނެލިއެވެ. އައިރީން ހަމަ އެކަނި ހިނިތުންވެލީއެވެ. އެތައް އިރަކު އައިރީން އާ ވާހަކަ ދައްކަން އިނދެފައި ފަލަކް އާމިރު ކޮބައިތޯ ބަލާލަން ދިޔުމުން އައިރީންވެސް މައްޗަށް އެރީ ފޯނުވެސް ނުލާ ތިރިއަށް ފޭބުނީތީއާއެކުގައެވެ.
އައިރީން ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަންނަން ތަޅުގައި ހިފިތަނާ ބެލްކަނީ ދޮރުން އެތެރެއަށް އިޔާން ވަންނަނީއެވެ. އޭނާ އިޔާންއަށް ބަލާލުމަށްފަހު އެއްޗެއް ނުބުނެ އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ.
"ކާކުބާ؟ ހެނދުނުވެސް މަންމަ ގާތު އަހަން ހަނދާން ނެތުނީ... ދާންވެއްޖެ އަހާލަން" އިޔާން ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.
"ޝީޒް ބިއުޓިފުލް... ކޮންމެ ކުއްޖަކަށް ވީނަމަވެސް" އިޔާން ސިޑިން ތިރިއަށް ފޭބިއެވެ.
"ދަރިފުޅާ... " ފަލަކް އިޔާންއަށް ގޮވާލިއެވެ.
"މަންމާ... އަނެއް.... އެއީ.... އަނެއް...." އިޔާން މައްޗަށް އިޝާރާތް ކޮށްލިއެވެ.
"އެއީ އައިރީން... އައިރީން ދެން އުޅޭނީ މިގޭގަ... ފަހުން ދަރިފުޅަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ ބައްޕަ" އިޔާން އެ އަހަނީ ކީކޭކަން އެނގިގެން ފަލަކް ބުނެލިއެވެ. އާމިރު އޮތީ އެ ވާހަކަ އޭނާ އިޔާންއަދި އާއިލާގެ އެންމެންނާ ހިއްސާކުރާނަމޭ ބުނެފައިކަމުން ކުރިން އެ ވާހަކަ ދައްކާކަށް ފަލަކް ވެސް ބޭނުމެއްނުވިއެވެ.
އިޔާން ގޭގަ އުޅެގެނެއްނު ކަމެއް އެނގޭނީ... އިޔާން ގެއަށް ވަދެލާނީ ހާލަކުން ފަހަރަކު އެވެސް ފެންވަރާ ރީތިވެލަން އެކަނި... ދެން ނުކުމެގެން ދާ މީހާ ތި އަންނަނީ ރޭގަނޑު ދަންވަރު... އިޔާންއަށް ތިހާ ބޮޑު ބަދަލެއް އައީ ކީއްވެބާއޭ މަންމަ ހިތަށް އަރާ... ކިޔަވައިގެން އައިތާވެސް އެއް މަސްދުވަސްވީ... ކިހާ ވަރަކަށް މި ކިޔަނީ އޮފީހަށް ވެސް ޖޮއިން ކުރަން... އެކަމަކު އެކަން ކުރާކަށްވެސް އިޔާން ބޭނުނެއް ނުވޭ... ބައްޕަވެސް ވަކި ވަރެއް ވަންދެން އިޔާންއަށް ދޫ ދޭނީ... ބައްޕަ ރުޅި ދުރުވެގެން ބުނީމަ އިޔާންއަކަށްވެސް ނުކެރޭނެ ދެން ތިހެން ހުންނާކަށް" ފަލަކް އިޔާންއާ ވާހަކަ ދެއްކިއެވެ. އިޔާންއަށް ނޭނގުނުކަމަކީ ފަލަކް ދުރުދުރުން އާމިރު އޭނާއާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރަން އުޅޭވާހަކަ ބުނި ކަމެވެ. އިޔާންއަށް އެ އައި ބަދަލެއް އައީ ކޯސް ފުރިހަމަކޮށްފައި ރާއްޖެ އައި ހިސާބުންނެވެ. އެ ހިސާބުން ވަރަށް ބޮޑެތި ބަދަލްތައް އިޔާންއަށް އަންނަން ފެށިކަން އޭނާއަށް ވެސް ފާހަކަ ކުރެވުނެވެ. ހުދު އާމިރުވެސް އެވާހަކަ ބުންޏެވެ. އެ ދެމަފިރިންނަށްވެސް ނޭނގެނީ އިޔާންއަށް އެ ބަދަލުތައް އަންނަން ޖެހުނު ސަބަބެވެ.
"ދަރިފުޅު ބިޒްނަސް ގެ ދާއިރާއިން ކިޔެވީ ކިހާ ކިޔަވާހިތުންތަ؟ ދެން މިހާރު އެއްވެސް ވަރަކަށް އެކަމަށް ޝައުގުވެރިވެރިކަން ނެތީތަ؟" ފަލަކް ދެންވެސް ވާހަކަ ދެއްކިއެވެ.
އެ ދެމީހުން އެހެން ތިއްބާ އާމިރު އައިސް ހުއްޓުނެވެ.
"ސައިގެ ކަންތައް މިއަދު އަވަސްކޮށްލަން އުޅެމާ.. ފަލަކް.... އައިރީންއަށްވެސް ގޮވާލާ... ތަންކޮޅެއް އަވަހަށް ބަޔަކާ ބައްދަލުކޮށްލަން ދާންވެސް އެބަޖެހޭ" އާމިރު ގަޑިއަށް ބަލާލިއެވެ. ފަލަކްވެސް ބޯ ޖަހާލާފައި މައްޗަށް ގޮސް ދެން އައީ އައިރީން ގޮވައިގެނެވެ. ސައިބޮއި ހަދައިގެން އާމިރު ދިޔުމުން އިޔާން ދިޔައި ބޭރަށެވެ. ފަލަކްވެސް އައިރީން އާއެކު ގޭގެ ބިއްދޮށަށް ނުކުމެލީ އެތަން ދައްކާލުމުގެ ބޭނުމުގައެވެ. ސްވިމިންޕޫލާ ޖިމާއި އަދިވެސް އެފަރާތުގައި ހުރި ގަސްތައް ފަލަކް އައިރީންއަށް ދެއްކިއެވެ. ފަލަކް ވީ ވަރަށް ގަސްހެއްދުމަސް ލޯބިކުރާ މީހަކަށެވެ. އޭނާ ފޫހިކަމެއްނެތި އެތައް ވާހަކައެއް އައިރީންއާއި ދެއްކިއެވެ. އޭނާ ދެން ނުކުމެލީ ގެއަށް ވަންނަ ދިމާލުގައި ހައްދާފައިވާ ބަގީޗާއަށެވެ.
އެދުވަހުގެ ބޮޑުބައި އައިރީން ހޭދަކުރި ފަލަކްއާއެކުގައެވެ. އިޝާނަމާދުކޮށްލައިގެން އައިރީން ބެލްކަންޏަށް ނުކުމެލިއެވެ. އެތަނަކީ އޭނާއަށް ހިންހަމަޖެހުން ގެނުވާ ތަނަކަށް ވެއްޖެއެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އޭނާ ހިޔާލުގެ ކަނޑަކަށް ބެހެމުން ދިޔައެވެ. ދެލޯ ކަރުނައިން ފުރިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.
އިޔާންބޭރުގައި އުޅެފައި އައިސް ގެއަށް ވަނެވެ. ބެލްކަނީގެ ދޮރު ސިޓިންރޫމާ ދިމާލުންވެސް ހުރީ ހުޅުވާފައެވެ. ބެލްކަންޏަށް ނުކުމެލުމާއެކު އޭނާގެ ލޮލުގައި ފުރަމަވެސް އަޅައިގަތީ އައިރީންއެވެ. އައިރީން ހުރީ އޭނާއަށް ފުރަގަސް ދީގެންކަމުން އައިރީންގެ މޫނެއް އޭނާއަކަށް ނުފެނެއެވެ. މަޑުމަޑުން އައިރީންއާއި ދިމާލަށް ފިޔަވަޅުއަޅަމުން ދިޔައެވެ.
"ހޭ" ދާދި ގާތަށް ހުއްޓިފައި އޭނާ ބުނެލިއެވެ. އެއާއެކު އައިރީންއަށް ސިހިފައި ހަދާލެވުނު ގޮތަކުން ފަހަތަށް ފައި އަރި އަޅާކާ ވެއްޓެން ދިޔައެވެ. މަޑު ހަޅޭކެއް އޭނާގެ އަރުތެރެއިން ނުމުމެގެން ދިޔުމާއެކު ދެލޯ މަރާ ފިއްތާލެވުނެވެ. ވެއްޓޭނެކަން ޔަޤީން ކުރެވުމާ އެކުގައެވެ.
އެހެންނަމަވެސް ބާރުގަދަ ދެ އަތަކުން އައިރީންގެ އުނަގަނޑުގައި ހިފައްޓާލިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އިޔާންގެ އަތު ތެރޭގައި އޮތް އައިރީންގެ މޫނަށް ވަރަށް ފުންކޮށް އޭނާ ބަލާލިއެވެ. ދެލޯ މަރާލައިގެން އޮތް އިރުވެސް އެ އެސްފިޔަތަކުގައި ވަނީ ތެތްކަމެވެ. ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ވެއެވެ. އައިރީންގެ މޫނުމަތީގައި ދުޅައިގެ އަސަރު ހުރިނަމަވެސް، ކަރުނައިގެ ސާލެއް ދެމެމުން ދިޔަނަމަވެސް އެ ރީތަކަމަށް ހިތާ ހިތުން އިޔާންއަށް ތައުރީފް ކުރެވުނެވެ.
މަޑުމަޑުން އައިރީން ދެލޯ ހުޅުވާލުމާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.
(ނުނިމޭ...)