ގަވައިދާ ހިލާފަށް މެންދޫން ރުއްގަސް ނެގި މީހަކު 275000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭ ރަށަކުން ރުއްތަކެއް އުފުރައިގެން ބާޖަކަށް އަރުވަނީ --

ގަވާއިދާ ހިލާފަށް ލ. މެންދޫން ރުއްގަސް ނެގި މީހަކު 275،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖޫރިމަނާ ކުރީ މެންދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ސ. މަރަދޫ، އަސުރުމާގޭ ޙަސަން އާދިލަށްދީފައިވާ ރަށެއް ކަމަށެވެ.

މެންދޫއަކީ ފިޝަރީޒް މިނިސްޓްރީން އޭނާއަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެކެވެ.

އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން މިދޔަ އަހަރު ސެޕްޓެމްބަރުގައި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅެމަށާއި އަދި ހަމަ އެ އަހަރު ނޮވެމްބަރުގައި އެ މިރިޕޯޓު ފާސްކޮށް ތިމާވެށީގެ ނިންމިގޮތުގެ ލިޔުން ދޫކޮރިކަމަމަށް އެ އޭޖެންސީއިން ބުންޏެވެ.

އެހެން ނަމަވެސް، އެހުއްދައިގެ ބޭރުން ރަށުގެ އިރު އުތުރު ފަރާތުން ރުއްގަސް ނަގައި 4،822 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދައިފާ ވާތީ، ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން 275000 ރުފިޔާ އިން އޭނާ އިއްޔެ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް އަންގައިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ރާއްޖޭގެ އެކި ރައްތަކުން އެއްރަށް އަނެއް ރަށަށް ރުއްގަސް ބޭރުކުރުމުގައި ތަފާތު އެކި އުކުޅުތައް ބޭނުންކުރަމުންގެންދާ ކަމަަށް އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެގޮތުން މިސްކިތާއި، ފުޓްބޯޅަ ދަނޑާއި މަދަރުސާއެއްގެ ކްލާސްރޫމްތަކެއް އަޅެމުގެ ނަމުގައި ބިން ސާފުކުރާ ކަމަށާއި މިސްކިތެއް އެޅުމުގެ ނަމުގައި 6000 އަކަ ފޫޓުގެ ބިން ނަގާފައިވާ ކަމަށް ވެސް މިނިސްޓްރީން ކުރިން ބުންޏެވެ.

ގަވައިދާ ހިލާފަށް ރުއްގަސް ނަގައިގެން މީގެ ކުރިން ވެސް އެތަކެއް ފަހަރަކު އެ އަމަލު ހިންގި މީހުން ޖޫރިމަނާކޮށްފައިވެ އެވެ.

comment ކޮމެންޓް