އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ :އެމްއެމްޕީއާރުސީ

ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ބާއްވާ އައިޓީބީ ފެއާގައި ކުރިއަށް އޮތް ތިން އަހަރު ރާއްޖެއިން ބައިވެރިކުރާ ސްޓޭންޑް ފަރުމާކޮށް ޑިޒައިންކޮށް ހަދައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން އިއުލާންކޮށްފި އެވެ.

އައިޓީބީ ބަރލިންްގް ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

އެފަދަ ފެއާތަކުގައި ރާއްޖެ އިން ފަހަކަށް އައިސް ބައިވެރިވުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެންމެ ފަހުން ރާއްޖެއިން ބައިވެރިވެފައި ވަނީ މިދިޔަ މާޗް މަހު ބޭއްވި އައިޓީބީ ބާލިން ފެއާގަ އެވެ.

އެ ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް 405 އަކަ ކިލޯ މީޓަރުގެ ދެ ފްލޯގެ ސްޓޭންޑެއް ބެހެއްޓި އެވެ. އެ ސްޓޭންޑުގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯތައް ޑިސްޕްލޭކޮށްފައި ހުރުމުގެ އިތުރުން ބޮޑު މަހުގެ ހަރަކާތްތަކާ އެކު ސަގާފީ ނެށުންތައް ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެ ސްޓޭންޑުގައި ވަނީ ދައްކާލައިފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ސްޓޭންޑް ޑިޒައިންކޮށް ފަރުމާކުރުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 އާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

comment ކޮމެންޓް