އުވާލަން އުޅެނީ އެމްޑީއެންގެ ރިޕޯޓް ދިފާއުކުރުމާ ދެކޮޅަށް ބަސް ބުނާތީ: ސަލަފް

ސަލަފްގެ ބައެއް އިލްމުވެރިން -- ސަން ފައިލްފޮޓޯ

ޖަމިއްޔަތުލް ސަލަފު އުވާލަން ސަރުކާރުން އުޅެނީ ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ދިފާއު ކުރުމަ ދެކޮޅަށް ވާހަކަ ދައްކާތީ ކަމަށް އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ޖަމާއަތަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ސަލަފްގެ ރައީސް ކުރެއްވި އޭނާ ވިދާޅުވީ ސަލަފް އުވާލަނީ އެމްޑީއެންގެ މައްސަލަ ރިޕޯޓުކުރުމާ އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރުމާ ދެކޮޅަށް ބަސް ބުނާތީ ކަމަށެވެ.

މައްސަލާގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ގާނޫނީ ވެރިކަމެއް ކުރާނަމަ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނީ "އިސްލާމް ދީން ރާއްޖެއިން ނައްތާލުމަށް ފަރުމާކޮށްގެން ރިޕޯޓު ނެރުނު އެމްޑީއެން" އަށް ކަމަށް ވިދާޅުވި އެވެ.

"އަދި އެ ހަރަކާތް ދިފާއުކުރަމުންދާ މުހައްމަދު ނަޝީދު އަށެވެ،" ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ސަލަފް އަށް ފިޔަވަޅު އަޅަނީ އެމްޑީއެން އުވާލަން ގޮވާލައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އުމަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލަފް އަކީ ދުވަހަކު ވެސް ހަމަނުޖެހުން ހިންގަން ގޮވާލައި ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ވެސް ދީފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ.

އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

އޭގެ ބަދަލުގައި ހަމަނުޖެހުމާ އަނިޔާވެރިކަމުގެ ތެރެއަށް ވަދެދާނެ އެތައް އެތައް ބަޔަކަށް ސަލަފުން ރަނގަޅު މަގު ދައްކައިދީފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"މިއީ ބޭން އެމްޑީއެން ހަރަކާތުގެ ބަދަލުހިފުމެއް ކަން ވަރަށް ސާފު،" އުމަރު ވިދާޅުވި އެވެ.

ދީނާ ހިލާފު ވާހަކަތަކެއް ލިޔެ އެމްޑީއެން އިން ޝާއިއު ކުރި ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލަން މި މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން ނިންމި ކަމަށް ނަޝީދު ވިދާޅުވި އިރު، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލައިފަ އެވެ.

އެމްޑީޕީ މެމްބަރުން ސަލަފް އުވާލުމަށް ގޮވާލާފައި މި ވަނީ، އެމްޑީއެން އުވާލަން ނިންމުމުން، ޖަމިއްޔާތައް އުވާލަން ތާއީދުނުކުރާ ކަމަށް ބުނެ އެމްޑީޕީން ބަޔާން ނެރެފައިވަނިކޮށެވެ.

މަރު ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ހަދާފައިވާ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމާގުޅިގެން އެމީހުންނަށް ތަބާވާ "މުޅިން ތަންދޮރު ނުފިލާ" މީހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

comment ކޮމެންޓް