ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމީޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ހުރި ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
އެ ކޮމިޓީން ނިންމީ އެ މައްސަލަ ބަލާއިރު އެ ކޮމިޓީގެ މެމްބަރު އަދި ތިމަރަފުށީ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒާ ނުހިމެނޭ ގޮތަށް އެމައްސަލަ ބެލުމަށެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު، މިއަދު 241 ކޮމިޓީން ވަނީ އެ ރިޕޯޓާ ގުޅިގެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ބައްދަލުވުމެއް ބާއްވާފަ އެވެ. އެގޮތުން އެ ރިޕޯޓާ ގުޅިގެން ޖުމްލަ ހަތް ކަމެއް ބެލުމަށް ކޮމިޓީން ފާސް ކުރި އެވެ.
އެ ބައްދަލުވުމުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރިޕޯޓާ ގުޅިގެން ފަސް ކަމެއް ބެލުމަށް ހުށަހެޅުއްވި އެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ކަންތައް:
- ހައްދުފަހަނަ އެޅި ޖިހާދީ ފިކުރުގެ ޖަމާއަތްތައް އިންތިޒާމްވެ ހިންގާ ގޮތާއި ރާއްޖޭގައި އެފިކުރު ފެތުރިފައިވާ މިންވަރު ދެނެގަތުން އަދި އެ ޖަމާއަތްތަކާ ގުޅޭ މައުލޫމަތުތައް ހޯދުން
- ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ހޯދުން
- ރާއްޖޭގެ ޖިހާދީ ޖަމާއަތްތައް ލިސްޓްކޮށް، އެ ޖަމާއަތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން
- އަފްރާޝީމްގެ މަރާލަން އުޅޭކަން މައުލޫމަތުތައް އެނގިހުރެ ސިއްރު ކުރި މީހުން ދެނެގަތުން
- އެ މަރުގައި ފުލުހުންގެ އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްތޯ ބެލުމަށް
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ، ޑރ. އަފްރާޝީމް މަރާލުމުގައި ބައިވެރިވި މީހުންނަށާއި ރާވާ ހިންގި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުން މިހާރު ތިބީ ކޮންތާކުތޯ އާއި އެމީހުންގެ މިހާރުގެ ހާލަތު ދެނެގަތުން މުހިންމު ކަމަށެވެ.
"ސަލާމަތުން ތިބިތޯ، މާލޭގައި [ނުވަތަ] ރާއްޖޭގައި އެބަ އުޅޭތޯ. ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަތޯ. މީޑިއާ ރިޕޯޓުތައް ބުނޭ އެއްބައި މީހުން ފުރައިގެންގޮސް މަރުވީއޭ. އެވެސް އެކަމަކު ދުވަހަކު ކޮންފާމްވީ ކަންކަމެއް ނޫން،" އިވާ ވިދާޅުވިއެވެ.
އެގޮތުން އީވާ ހުށަހެއްޅުއްވީ، އެކަން ކަން ސާފުކުރުމަށް އެ މައުލޫމަތު ފުލުހުންނާއި އިމިގްރޭޝަނުން ހޯދުމަށެވެ.
ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވީ، ކޮމިޓީން އެ މައްސަލަ ބަލަމުުންދާއިރު އެރިޕޯޓާ ގުޅިގެން މުއައްސަސާތަކުން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
"އެއީ ޕްރޮސެކުއުޓާ ޖެނެރަލް ޕްރޮސެކުޓް ކުރުމާއި، މީހުންނާ ދޭތެރޭ ކުރަންޖެހޭ ހުރިހާކަމެއް، މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް ލަސްނުކޮށް ކުރުމަށް އަޅުގަނޑު ހުށަހަޅަން،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.
މެމްބަރުންގެ ހުށަހެޅުންތަކަށް ފަހު، ކޮމިޓީ މުގައްރަރު އަދި ހިތަދޫ އުތުރު ދާއިރާ މެމްބަރު އަސްލަމް ފުރުސަތު ދެއްވީ ހުރިހާ ކަމެއް އެއް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމަށެވެ. އެއީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނާއި އެ ހުށަހެޅުން އަނެއް ހުށަހެޅުމާ ފުށުނޭރުވުމުގެ ގޮތުންނެވެ.
އެގޮތުން ކުރިން އިވާއާއި އިލްޔާސް ހުށަހެޅުއްވި ދެ ކަންތައް ހަސަން ލަތީފުގެ ހުށަހެޅުމުގައި ހިމަނައި ޖުމްލަ ހަތް ކަންތައް ހަސަން ލަތީފު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ފާސްވީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ރިޕޯޓަށް ބެލުމުން ވަރަށް ބޮޑަށް ފުލުހުންގެ އިހުމާލު އޮތްކަން އޭނގޭ ކަމަށެވެ. އަދި އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރިޔާޒު ކަމުން އޭނާ މައްސަލަ ބަލާއިރު ނުހިމެނުމަށް އަލީ އާޒިމް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާ މެމްބަރު ހުސައިން ޝަމީމް އެވެ.
އެ ހުށަހެޅުން ފާސްވީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެ ހަތް އަހަރު ކުރިން އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި އިރު އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަކަށް ހުންނެވީ ރިޔާޒެވެ.
ކޮމިޓީން ރިޔާޒާ ނުލާ އެ މައްސަލަ ބެލުމަށް ނިންމި އިރު، ރިޔާޒު މިއަދު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
މިއަދު ކޮމިޓީގެ ބައްދަލުވުމުގައި އެކަން ކަން ބެލުމަށް ތިން މެމްބަރުންގެ ސަބް ކޮމީޓީއެއް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ ހަސަން ލަތީފާއި، މަޑުއްވަރީ ދާއިރާ މެމަބަރު އާދަމް ޝަރީފް އަދި ފަރަސްމާތޯޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ހުރި ކަންކަން ބެލުމަށް ކޮމިޓީން މަސައްކަތް ފަށާފައިވާއިރު، މިދިޔަ ސެޕްޓޭމްބަރު މަހު އާންމު ކުރި، މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މަރުގެ ރިޕޯޓުގެ މައްސަލަވެސް އެ ކޮމިޓިން ވަނީ ބަލަން ފަށާފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ކޮމިޓީ ރިޕޯޓު ފައިނަލް ކޮށްފައެއް ނުވެ އެވެ.