ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލައިފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލައި ބަދުނާމްކުރަން އުޅޭތީ އެކަމާ ހިތާމަ ކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓާ ގުޅޭގޮތުން އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރިޕޯޓްގައި ހިމެނޭ ޖުމްލް 121 ސަފުހާއެއްކޮށް ކިޔާފައިވާ ކަމަށެވެ. އަދި ރިޕޯޓް ކިޔައިނިނުމުއިރު ވެސް އެއްވެސް ބައެއްގައި ޑރ. ޝަހީމްއާ މެދު މަރާ ގުޅުން ހުރި ތުހުމަތެއް ކޮށްފައިނުވާ ކަމަށެވެ.
"ހަމައެކަނި ތުހުމަތަކީ ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުތަކެވެ. އެ މައުލޫމާތަކީ ދޮގެއް ކަަމަށް ވިޔަސް އެކަމަކީ މި މަރަަށް އެއްވެސް އަސަރެއް ފޯރާނެކަމެއް ނޫންކަން ރިޕޯޓްއިން އެނގެ އެވެ."
ޑރ. އަފްރާޝީމް އަވަހާރަކޮށްލި އިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވީ ޑރ. ޝަހީމް އެވެ. އަދި އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން އިލްމުވެރިންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަައް ނައްތާލުމާ ގުޅޭ ގޮތުން ޑރ. ޝަހީމް އަމަލުކުރައްވައިފައި ވަނީ ރަނގަޅަށް ކަަމަށް އެ ރިޕޯޓް އިތުރަށް ކިޔާލުމުންވެ ސް އެނގިގެންދާ ކަމަށް އުމަރު ވިދާޅުވި އެވެ. ޑރ. ޝަހީމް އެކަމުގައި އަމަލުކުރެއްވި ގޮތަށް އުމަރު ވަނީ ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވައިފަ އެވެ.
"ކަންމިހެން އޮތް ކަމުގައިވިޔަށް މަޖިލިސްގެ ރައީސް މުޅި ރިޕޯޓްގެ 121 ސަފުހާ އެއްކޮށް ވިދާޅުވުމެއް ނެތި ޑރ. ޝަހީމް ބަދުނާމްކޮށް ވާހަކަ ދެއްކެވީތީ ހިތާމަ ކުރަމެވެ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެ ރިޕޯޓާ މެދު އެއްވެސް ބޭފުޅަކު އެއްޗެއް ބުނުމުގެ ކުރިން މުޅި ރިޕޯޓް އެއްކޮށް ކިޔައި ދިރާސާ ކުރައްވާފަ މެނުވީ އެފަދަ ވާހަކަ ދެއްކުމަކީ އެއްވެސް ބޭފުޅަކު ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ޑރ. ޝަހީމް ވިދާޅުވީ މީހަކު މަރަން އޭނާ އެއްވެސް ވަރަކަށް ހިތްވަރު ނުދޭ ކަމަށެވެ. އަފްރާޝީމް މަރާލުމުގެ ކުރިން ޑރ. އަފްރާޝީމް މާފަށް އެދެފި ނަމަ ކިތަންމެ ހާވެސް ރަނގަޅު ކަމަށް ބުނެ މީހަކު ޑރ. ޝަހީމަށް ފޮނުވި މެސެޖެއް ޝަހީމް ވަނީ އަފްރާޝީމްއަށް ފޯވާޑްވެސްކޮށްފަ އެވެ.