އެއްވެސް ބަޔަކު މަރަން ރާއްޖޭގެ ދީނީ އިލްމުވެރިން ހިތްވަރެއް ނުދޭނެ: ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ ދީނީ އިލްމުވެރިން އެއްވެސް މީހަކު މަރަން ހިތްވަރު ނުދޭނެކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޫނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމާ ގުޅޭ ގޮތުން ގެއްލިފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ޑރ. އަފްރާޝީމް މަރާލުމާއި، ސަލަފް ޖަމާއަތުން ޑރ. އަފްރާޝީމްއާ ދެކޮޅަށް ނެރުނު ބަޔާނާ ގުޅުން އޮތް ކަމަށް ދޭހަވާ ގޮތަކަށް ލިޔެފައެވެ. އަދި ޑރ. އަފްރާޝީމް މަރާލުމުގެ ކުރިން ޑރ. ޝަހީމް އޭނާއަށް ކުރި މެސެޖުތަކާއި ޑރ. ޝަހީމް މަރު ކޮމިޝަނަށް ދިން މައުލުމާތާ ދިމާ ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއަކު އެހެން މީހަކު މަރާލުމަށް ހިތްވަރު ނުދޭނެ ކަމަށެވެ. އަދި އިލްމުވެރިންގެ މެދުގައި ހުންނަނީ އިލްމީ ހިލާފުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހުރި ހިލާފުތަކަކީ އިލްމީ ހިލާފުތަކެކެވެ. އެއީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައިވެސް ހުންނަ މަދުރަސީ ހިލާފުތައް ފަދަ ހިލާފުތަކެކެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ވަޒީރު ކަމުގައި އިލްމުވެރިން އެއް ގަލަކަށް އަރުވައި، ހިޔާލުތަފާތުވުންތައް ކުޑަކޮށް، ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމުގެ ވެއްޓެއް ގާއިމް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެެވެ. އަދި ހަރުކަށި ހިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ޑރ. އަފްރާޝީމް މަރާލީ ދީނީ ގޮތުން އުފެދުނު ހިލާފުތަކަކާ ގުޅިގެން، ދީނީ ހަރުކަށި ބައެކެވެ. އެއީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ބްރާންޗުގެ މީހުން ކަމަށް ރިޕޯޓުގައިވެއެވެ. އޭގެ ކުރިން އޭނާއަށް ކުރި ކުށަށް އާންމުކޮށް މައާފަށް އެދެން ހަރުކަށި މީހުން ފުރުސަތު ދިން ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އެ މީހުންނަށް އެކަމަށް ހިތްވަރު ލިބުނީ ސަލަފް ޖަމާއަތުން ޑރ. އަފްރާޝީމް ދީނީ ގޮތުން ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކާ ދެކޮޅަށް ވާހަކަދައްކައި، އޭނާގެ ފަހަތުގައި ނަމާދު ކުރުން ކުށްވެރިކޮށް ނެރުނު ބަޔާނުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ލިޔެފައިވެއެވެ.

ޑރ. އަފްރާޝީމް މަރާލުމުގެ ކުރިން، އޭނާ މައާފަށް އެދެފި ނަމަ ކިތަންމެހާވެސް ރަނގަޅު ކަމަށް ބުނެ މީހަކު ފޮނުވި މެސެޖެއް ޑރ. ޝަހީމް ވަނީ ޑރ. އަފްރާޝީމަށް ފޯވަޑުކޮށްފައެވެ. އަދި އެ ދެ ބޭފުޅުން އެފަހުން ބައްދަލުވެސް ކުރިއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ އޭނާ ކުރިން ދެއްކި ވާހަތަކަށް މައާފަށް އެދިވަޑައިގަތީ ޝަހީމްގެ އިސްލާމިކް މިނިސްޓްރީގެ ކޮންޓްރޯލު އޮންނަ ޓީވީ ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމަށް ނޭރޭ ނަމަ އަނެއް ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވައިދޭންވެސް ޑރ. ޝަހީމް މެސެޖަކުން ހުށަހެޅުއްވިއެވެ.

އެކަމަކު، ޑރ. ޝަހީމް ކޮމިޝަނަށް ދެއްވި ބަޔާނުގައި އެ ކަންތައްތައް ފާހަގަކޮށްފައި ނުވެއެވެ. ރިޕޯޓުގައި ބުނެފައި ވަނީ ޝަހީމްގެ ބަޔާނުގައި ފުށޫއެރުންތަކެއް ހުރި ކަމަށެވެ.

comment ކޮމެންޓް