ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ފަށައިފިއެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރިފިކް ކުރުމުގެ ދައުވާގެ އިތުރުން މަލްގެ މައްޗަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ދައުވާ ވެސް އުފުލާފައެވެ.
މަސްތުވާތަކެއްޗާއެކު މަލްއާއި އިތުރު އަންހެނަކު ހައްޔަރުކުރީ މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މާލެއިން އދ. މާމިގިއްޔަށް ދިޔަތަނުންނެވެ. އަދި މާމިގިލީ ބަނދުރުމަތިން މަލްއާއި އޭނާއާއެކު ދަތުރު ކުރި ޒުވާނާ ހުއްޓުވައި ބަލާ ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި އިތުރު ޕެކެޓެތަކެއް ވެސް ފެނިފައިވާކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
އެ މައްސަލައިގައި އެ ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް އިތުރުކުރިއެވެ. އަދި ފަހުން ވަނީ ތަހުގީގު ފުރިހަމަކޮށް ދެ މީހުންވެސް ދޫކޮށްލާފައެވެ.
މަލްގެ އިތުރުން އޭނާއާއެކު ދަތުރު ކުރި އެކުވެރިޔާގެ މައްޗަށް ވެސް އެ ދެ ދައުވާ ވަނީ އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެއެވެ.