ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ގަބޫލުކުރުން އެއީ ބުއްދުވެރިކަމެއް ނޫން: ނަޝީދު

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދެހާސް ނުވަ ވަނަ އަހަރު ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަކީ އެންމެ ބުއްދިވެރިކަމެއް ނޫންކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށް، އޭރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޖިލީހުގެ ފަރާތުން އެކަން ހިނގައި ގޮސްފައިވާގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދު الله ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް ބުނެ އޭރުވެސް އެ މައްސަލަ ވަރަށް ހޫނުވި އެވެ.

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ސާބިއާއިން ވަކިވެ، ކޮސޯވޯއިން ވަކި ދައުލަތެއް އިއުލާންކުރީ 2008 ވަނަ އަހަރު އެވެ. އަދިވެސް ކޮސޯވޯ އަކި މިނިވަން ދައުލަތެއްގެ ގޮތުގައި ސާބިއާއިން ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް ދެ ގައުމުގެ ދެމެދުގައި މިހާރު ސުލްހަވެރި މަޝްވަރާތަކެއް ކުރިއަށް އެބަދެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މިއަދު ހުށަހެޅުއްވި ގަރާރާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕަލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑާއަޅައި ހިންގައި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރުގައުމުތަކުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ގާނޫނު އަސާސީން ރައީސަށް ދީފައިވާ ބާރެއް ކަމަށެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ދަށުން އެބައެއްގެ ބާރު އެބަޔަކަށް ދީ، ލިބިފައިވާ އިހްތިސޯސްގެ ތެރޭގައި މަސައްކަތް ކުރާއިރު، މެންބަރު ނަޝީދުގެ ގަރާރަކީ ރައީސްއަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެއީ މަޖިލީހުގެ އެޖެންޑާގައި ހިމެނިގެންވާނެ މައްސަލައެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައި ރައީސް އަށް ދެއްވާފައިވާ ބާރުތަކާއި، މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ފަނޑިޔާރުގެއިން ކުރަން ހުރި ކަންތައްތައް ވަކިވަކި ބޮޅަށް ލުމުން، ތިން ބޮޅު އެއްވާ ތަން ވެސް ރަނގަޅަށް ފެންނަން އޮތް ކަމަށެވެ.

"ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މިދެންނެވިހެން ބެލީމާ ހިޔަނި އެޅިގެން ދޭ އެހެން ކިތަންމެ ބާރެއްގެ ތެރެއަށް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް މެމްބަރު އާޒިމް ފާހަގަކުރެއްވި ނުގުތާ ރިޔާސަތުން ވަނީ ބަލައިގެންފަ އެވެ. ނަޝީދު ވިދާޅުވީ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ އަމީން އާންމު އަދި ކައުންސިލް ޖެނެރަލް އާ މަޝްވަރާކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރި ކުރުމަކީ މިހާރު ފެންނަ ފެނުމުގައި އެހާ ބުއްދިވެރިކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ގައުމުގެ މިނިވަންކަން ރާއްޖެއިން ބަލައިގަތީ ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ވިސްނުމުގެ ބޭރުން އެހެން ކަމެއްގެ ތެރެއިން ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި އެއީ އެހާ ބުއްދިވެރި ކަމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑަށް ސަތޭކައިން ސަތޭކަ ޔަގީން އޭރު އަޅުގަނޑަށް އެނގި އޮތް ގޮތުގައި ކޮސޯވޯގެ މިނިވަންކަން ދިވެހި ސަރުކާރުން ބަލައިގަތީ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ވިސްނުމުގެ ބޭރުން އެހެން ކަމެއްގެ ތެރެއިން ކަމަށް އަޅުގަނޑަށް ދެކެން ވަރަށް އުނދަގޫ. އެއީކީ އަޅުގަނޑަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖެއާ ކޮސޯވޯ އާދެމެދު މިހާރު އޮތް ގުޅުމާ އަދި ރާއްޖެއާ ސާބިއާ އާދެމެދު އޮތް ގުޅުން އިތުރަށް މުތޯލިއާކޮށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ނަމަ އެއީ މަޖިލީހުން ވެސް އެ މައްސަލައާ ދޭތެރޭ ނުވިސްނޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔައިރު އުފެދިގެން އައި މުސްލިމް ގައުމުތަކާ، އެހެން މުސްލިމް ގައުމުތަކާ ހާއްސަ ގުޅުމެއް އުފެދިގެން ދިޔަ ކަމަށާއި ސާބިއާ ދޫކޮށް، ސާބިއާ ނުރުހޭ ގައުމަކާ އެކު ހާރިޖީ ގުޅުން އުފައްދަން އެމްޑީޕީއަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ވެސް ހަގީގަތުގައި ފާހަގަކުރައްވަން އެއުޅުއްވަނީ އަޅުގަނޑު ދެންމެ މި ފާހަގަކުރި ނުގުތާ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މި މައްސަލައިގައި އަމީންއާންމާއި ކައުންސިލާ ޖެނެރަލްގެ އިތުރުން މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދާ ވެސް މަޝްވަރާކުރުމަށް ފަހުގައި ހުރިހާ ބޭފުޅުންނަށް ވެސް ހިތްހަމަޖެހޭ ނިންމުމެއް ނިންމަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް