ރައީސް، ތިލަފުށީގެ ކެމިކަލް ގުދަންތައް ބައްލަވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން----ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. ތިލަފުއްޓަށް ވަޑައިގެން، ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަށް ދާދި ފަހުން އެ ރަށުގައި ތަރައްގީކުރި ގުދަންތައް ބައްލަވާލައްވައިފިއެވެ.

ރައީސް މިއަދު މެންދުރުފަހު ތިލަފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެ ގުދަންތަކުގައި ގާއިމުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭގޮތުން ވަނީ މައުލޫމާތު ސާފުކޮށްފައެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަށް ހާއްސަ ގުދަންތަކެއް ތިލަފުށީގައި ތަރައްގީ ކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މާލޭގެ ހެންވޭރު އަބަދަށްފެހިމަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް ނިންމެވުމާއި ގުޅިގެންނެވެ.

އެގޮތަށް ނިންމަވާފައިވަނީ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު މާލޭގައި ގުދަންކުރާ ގޮތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ގްރެއިޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ތިލަފުށީގައި ތަރައްގީކޮށްފައިވާ ވެއާހައުސްގައި 34 ގުދަން ހިމެނެއެވެ. ކެމިކަލް ގުދަންތަކުގެ ތެރޭގައި 17 ކުދި ގުދަނާއި 17 ބޮޑެތި ގުދަންތައް ހިމެނެއެވެ. އެގޮތުން ކުދި ގުދަންތަކުގައި 500 އަކަ މީޓަރު އަދި ބޮޑެތި ގުދަންތަކުގައި 1،000 އާއި 800 އަކަމީޓަރު ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ

http://sun.mv/124667

އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ސަރުކާރުން ވަނީ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެތެރޭގައި، ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު މުރާޖައާ ކުރައްވައި ތަންފީޒު ކުރެއްވުން ހިމެނެއެވެ.

ތިލަފުށީގައި އިމާރާތް ކުރާ ގުދަންތަކުގެ މަސައްކަތް މުޅިން މިހާރު ވަނީ ނިންމާލައިފައެވެ. އެ މަސައްކަތް 60 ދުވަހުގެ ތެރެގައި ކޮށް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ އެވެ.

https://sun.mv/127356

އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ 9.5 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ.

comment ކޮމެންޓް