ތިލަފުށީ ވެމްކޯ ސަރަހައްދުގައި ރޯވުން: ކުނި ބަލައިގަންނަ މިންވަރު މަދުކުރަނީ

ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވެފައި: މި ހާދިސާގެ ސަބަބުން މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު މަދުކުރަން ޖެހިފައިވާކަމަށް ވެމްކޯއިން ބުނޭ-- ފޮޓޯ/ ފުލުހުން

ތިލަފުށީގައި ހުންނަ ކުނި މެނޭޖު ކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު މަދުކުރަން ޖެހިފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން މިއަދު ބުނެފިއެވެ.

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަ؛ލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގައެވެ. އެ އަލިފާންގަޑު ނިއްވާލެވިފައިވަނީ އެ ރޭ ފަތިހެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާކަމަށެވެ. އޭގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ޚިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

ހަމައެއާއެކު، އެ ސައިޓުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާކަން ވެމްކޯއިން ފާހަގަކުރިއެވެ. އެހެންވެ، ޓްރާންސްފާ ފެސިލިޓީން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރު ވެފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

https://sun.mv/224869

އެ ކުންފުނިން އިތުރަށް ބުނީ ތިލަފުށީ ސައިޓް އާންމު ހާލަތަކަށް ގެނެސް ކުނި ނެގުމުގެ މަސައްކަތް ކުރިއެކޭ އެއް އުސޫލަކުން ހިންގުމަށް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އާންމު ހާލަތަށް އިޔާދަކުރުމަށް ހޭދަވާ މުއްދަތުގައި މާލެ ސަރަހައްދުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށްޓަކައި ވެމްކޯއިން ނިހާޔަތަށް މާފަށް އެދޭކަން ފާހަގަކޮށް، ބުނީ މި މުއްދަތުގައި އާމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން އުޅޭއިރު، މި ސަރަހައްދުން ކޮންމެ ދުވަހަކު ވެސް އެތައް ޓަނެއްގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. އެގޮތުން 2022ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުވާލަކަށް 1،200 ޓަނުގެ ކުނި މާލެ ސަރަހައްދުން ތިލަފުއްޓަށް ގެންދެއެވެ.

comment ކޮމެންޓް