މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް، މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފިއެވެ.
އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.
މުލީއާގޭގައި މިއަދު އޮތް މި ބައްދަލުވުމުގައި، ޑިފެންސް މިނިސްޓްރީން ވަނީ މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން ހާމަކޮށްފައެވެ.
އެމްއެންޑީއެފުން މިއަދުގެ ބައްދަލުވުމުގައި ބުނީ ރާއްޖެ އެތެރެކުރާ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާޅުމާ ބެހޭ އެއްވެސް ކަހަލަ ގަވައިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވައިދެއް އެކުލަވާލައި ގެޒެޓުކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި ގަވައިދު ވީހާވެސް އަވަހަކަށް ނިންމައި ގެޒެޓުކޮށް، އަމަލުކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމުގެ ކަންތައްކަކާ ގުޅޭގޮތުން މައުލޫމަތު ރައީސަށް އަރުވާފައެވެ.
މިގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވެއެވެ.
ރޭގެ ހާދިސާގައި ޖުމްލަ ހަތް ގެއެއްގައި އަލިފާނުގެ ހާދިސާގެ އަސަރުކޮށް، އެކަކު ވަނީ މަރުވެފައެވެ. އެ ސަރަހައްދުގެ 43 ގެެއެއް ހުސްކޮށްފައިވާއިރު، އެ އެންމެނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.