ތިލަފުށީގައި ކެމިކަލް ގުދަންތައް އަޅައި، ގުދަންތައް ބަދަލުކުރަން ތައްޔާރުވެއްޖެ

ތިލަފުށީގައި ހެދި ގުދަނެއް --

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ތިލަފުށީގައި އިމާރާތް ކުރާ ގުދަންތަކުގެ މަސައްކަތް މުޅިން ނިންމާލައިފި އެވެ.

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ތިލަފުށިން ގުދަން ދޫކުރަން ނިންމީ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ.

އެ މަސައްކަތް 60 ދުވަހުގެ ތެރެގައި ކޮށް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ 9.5 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) "ސަން" އަށް ވިދާޅުވީ 54 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހުނީ ބޮޑެތި ގޮންޖެހުންތަކަކާ އެކުގައި ކަމަށާއި، އެހެން ނޫން ނަމަ މިއަށް ވުރެ އަވަހަށް ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ވަގުތުން ވަގުތަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭ 32 ގުދަނެއް ހުރި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ކަމަށާއި، ތިލަފުށީގައި މިހާރު 34 ގުދަން ހަދާ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ 17 ކުދި ގުދަނާއި 17 ބޮޑެތި ގުދަންތަކެވެ. އެގޮތުން ކުދި ގުދަންތަކުގައި 500 އަކަ މީޓަރު އަދި ބޮޑެތި ގުދަންތަކުގައި 1000 އާއި 800 އަކަމީޓަރު ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އިބޫ ވިދާޅުވީ ގުދަންތަކުގައި މިހާރު ފަޔާ ސިސްޓަމާއި، އެލާމް ސިސްޓަމް ހަރުކޮށް ނިންމާފައިވާ ކަމަށާއި އަދި އެމްއެންޑީއެފް އިން ހަދަންޖެހޭ އިންސްޕެކްޝަން ވެސް ނިމިފައިވާ ކަމަށެވެ.

މިހާރު ގުދަންތައް ދޫކުރާ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް މިއަދު ވެސް ގުދަންތަކަށް ތަކެތި ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 20 ވަނަ ދުވަހު އަލިފާން ރޯވީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގަ އެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެ އެވެ.

comment ކޮމެންޓް