ފިލްމު އެވޯޑް: ޖުމައްޔިލްގެ ސަޕްރައިޒް ޓްރިބިއުޓެއް ނިމާލަށް

ޖުމަލްގެ އައިޓަމް--- ފޮޓޯ/ އިންސްޓަގްރާމް

ހުކުރު ދުވަހުގެ ރޭ ބޭއްވި ނުވަވަނަ ދިވެހި ފިލްމް އެވޯޑްސް ކާމިޔާބުކަމާއެކު ނިންމާލީ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ހަރަކާތްތަކެއްގެ ހިއްސާއަކާ އެކުގައެވެ.

ތިން އައިޓަމެއް އެރޭ ހުށައަޅައިދިން އިރު އެންމެންގެ ލޮލުގައި އަޅައިގަތީ ޖުމައްޔިލް ނިމާލް، އޭނާގެ ބައްޕަ އަހްމަދު ނިމާލަށް ދިން ސަޕްރައިޒް ޓްރިބިއުޓަށެވެ. ޖުމައްޔިލް ވަނީ މި ޓްރިބިއުޓް އޭނާގެ ބައްޕައަށް ވަރަށް ބޮޑަށް ހާއްސަކޮށްލަދީފައެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ.

ދިވެހިންގެ ފޭވަރިޓެއް ކަމަށްވާ "ސަޅި ބައިސާ"ގައި ނިމާލް ހޮސްޓުކޮށްދިން ގޮތަށް ޖުމަލް ވަނީ އެ ޝޯ ހޯސްޓްކޮށްލަދީފައެވެ. ސަޅި ބައިސާގެ ހަނދާން ވަރަށް ފުރިހަމައަށް ހަނދާންކޮށްލުމަށްފަހު ލަވަ ސެޓެއް ވެސް ޖުމަލް ގެނެސްދިނެވެ. މި ލަވަ ސެޓުގައި އޭނާ އާއެކު ހަރަކާތްތެރިވީ އައިމިނަތު ރަޝްފާ (އާޝާ)އެވެ.

ނިމާލް، އެންމެ ފުރަތަމަ ފިލްމީ ކެރިއަރު ފެށި ހިސާބު ކުޅުން ލަވަތަކާއެކު ޖުމަލް ވަނީ މި އައިޓަމް ވަރަށް ފުރިހަމަކޮށް ގެންގޮސްދީފައެވެ. އެ ލަވަ ސެޓްގައި "އުންމީދު" އަދި ފިލްމު ސިޓީގެ "މުޅި ޖާން ހިތާ"އަށް ޕާފޯމްކޮށްފައެވެ. މުޅި ޖާން ހިތާ ލަވައަކީ މިއަދުވެސް ދިވެހިންގެ މެދުގައި ހިޓެކެވެ.

ޖުމައްޔިލްގެ ސަޕްރައިޒް ޓްރިބިއުޓަށްފަހު ސްޓޭޖަށް އަރައި ވާހަކަ ދައްކަމުން ނިމާލް ބުނީ ހަމަ ހަގީގަތުގައިވެސް ވަރަށް ސަޕްރައިޒްވެ އުފާވެއްޖެ ކަމަށެވެ. "މީގެ ކުރިން ދުވަހަކު ވެސް ސްޓޭޖެއްގައި ޖުމައްޔިލް އެކްޓުކޮށް ނަށާ ތަނެއް ނުދެކެން. އެއީ އެންމެ ބޮޑު ސަޕްރައިޒަކީ،" ހިނިގަނޑެއް ޖަހާލުމަށްފަހު ނިމާލް ބުނީ މިހެންނެވެ.

comment ކޮމެންޓް