ސަސްޕެންޑުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް، ސަސްޕެންޑުކޮށްފައި މިހާރު ހުންނެވި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ ނެރުއްވި ބަޔާނެއްގައި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާޢި ނެރެފައިވާ އަމުރުތަކެއްގެ ގަޟާއީ މެރިޓަށް ބަލައިގެން، އަދި ޝައްކެއް އުފައްދަންޖެހޭ ފަދަ ހެއްކެއް ނުދައްކައި "ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް އަމިއްލައަ ހިޔާލުން އުފައްދައިގެން" ތަހުގީގު ހިންގާނެކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސިލްސިލާ ގޮތެއްގައި ބިރުދައްކަމުން ކަމަށެވެ.
ޖޭއެސްސީން މި ހަފްތާގައި ބުނެފައިވަނީ ފަނޑިޔާރުންނާ ގުޅޭ 200 އަށްވުރެ ގިނަ ޝަކުވާ ބަލަމުންދާ ކަމަށާއި، އޭގެ ތެރޭގައި އުއްތަމަފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމާށެވެ.
އުއްތަމަފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖޭއެސްސީން ވަނީ އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގާފައި ކަމާށެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓުގެ ބަދަލުގައި އެ ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީކަމަށް ސިފަ ވެގެންދާނެ ގޮތުންނެވެ. މި ބީދައިން ކޮމިޝަނުން އަމަލުކުރަމުން ގެންދަނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު 'އިމްބެލެންސް'ވެ ފުނޑުފުނޑުވެގެން ދާނެ މިސްރާބަކަށްކަން އޮތީ ސާފުކޮށް ފެންނާށެވެ،" އެ ބަޔާނުގައި ވެއެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރަން ނިންމިކަމަށް ބުނެ، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހަޅާފައިވާ އިރު، އެކަން ކުރީ "ގާނޫނުއަސާސީން ލިބިދީފައި ނެތް ބާރުތަކެއް އަމިއްލައަށް ލިބިގަނެ، ތައައްސުފީ ގޮތެއްގައި ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކަށް ބޯލެނބުމެއް ނެތި، ގަދަބަދަވިކަމާއި ގަދަބާރުން ހިތުހުރި ގޮތެއް ހެދުމުގެ އުސޫލުން" ކަމަށެވެ.
އަދި ސުޕްރީމް ކޯޓަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ނޫންކަމަށާއި އެއީ ކޮމިޝަނަށްވުރެ ދުސްތޫރީ އަދި ގާނޫނީ ގޮތުން އިސްވެގެންވާ މުއައްސަސާއެއް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އަދި އުއްތަމަފަނޑިޔާރު އައްޔަނުކުރުމާއި އޭނާގެ މަސްއޫލިއްޔަތާއި ކޯޓު ހިންގުމުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލުކުރުމަކީވެސް އެ ޖޭއެސްސީގެ ބާރުގެ ތެރޭގައި ހިމެނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
މިކަންކަމަށް ރިއާއަތްކުރައްވަމުން، ސަސްޕެންޝަނުގައި ހުންނެވި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ބަލައިގަތުމަކީ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން ކޮށްގެން ހުންނެވި ގާނޫނީ ހުވަޔާ ހިލާފުވުން ކަމަށެވެ.
އަދި އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ރާއްޖޭގެ ރައްޔިތުންނަށް ޣަދަރުވެރިވެ ހިޔާނާތްތެރިވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ނިންމުން ބަލައިގަނުގަތުމަށް ނިންމާފައިވާކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
އެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ދެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅީ ގާނޫނާ އެއްގޮތަށް ކަމަށާއި އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.